ކޮންމެ އެއްޗެއް ވެސް އިސްތިހާރު ކުރާއިރު މާރަނގަޅަށް އެއްޗެއްގެ ގޮތުގައި މައުލޫމާތު ދޭ ކަމަށާއި ނަމަވެސް ހަޤީޤަތުގައި އިސްތިހާރު ފެންނަ ވަރުގެ އެއްޗަކަށް އިސްތިހާރު ކުރެވޭ އުފެއްދުމެއް ނުވަތަ ޚިދުމަތެއް ނުވާ ކަމުގެ ޝަކުވާ އަބަދުވެސް ގިނަ ބަޔަކު ކުރެއެވެ.

މިފަހަރު ވެސް މިއޮތީ އެފަދަ އުފެއްދުމެއްގެ ވާހަކައެވެ. އިޓަލީގެ ރެސްޓޯރެންޓަކުން ވިއްކާ "ލަންޗް ބޮކްސްއެއް" ނުވަތަ މެންދުރުގެ ކެއުމެއް އިސްހާރުން ފެންނަ ގޮތާއި ހަޤީޤަތުގައި އެކެއުން ރެސްޓޯރެންޓުން ސާވް ކޮށްދޭ ގޮތް ވަރަށް ބޮޑަށް ތަފާތެވެ.

އިޓަލީގެ ދެކުނު ސަރަހައްދެއް ކަމަށްވާ ރެޑްސްޓޯން ސަރަހައްދުގެ ރެސްޓޯރެންޓަކުން 15 ޕައުންޑަށް ވިއްކާ ކެއުމުގެ އިސްހާރު ފެނިފައި ކޮންމެ މީހަކު ވެސް އެ ކާން ބޭނުން ވާނެއެވެ. ނަމަވެސް އަސްލު ކެއުން ހުންނަ ގޮތް ފެނިއްޖެ ނަމަ އެއްވެސް މީހަކު އެކެއުން ބޭނުމެއް ނުވާނެއެވެ.

ރެސްޓޯރެންޓުން ޚިދުމަތް ހޯދި ކަސްޓަމަރަކު ވަނީ މިކެއުމުގެ ފޮޓޯއެއް މީސް މީޑިއާގައި އާންމު ކޮށްފައެވެ. އެއާއި އެކު ރެސްޓޯރެންޓަށް ފާޑުކިޔުން އަމާޒުވެ ފޮޓޯ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

މައްސަލަ ހޫނު ވުމުން ރެސްޓޯރެންޓުން ވަނީ ކަސްޓަމަރުގެ ކިބައިން މަޢާފަށް ވެސް އެެދިފައެވެ. ނަމަވެސް ރެސްޓޯރެންޓް ދިފާޢުކޮށް އެތަނުގެ ކޯ-ފައުންޑަރ ބުނީ ކަސްޓަމަރު އާންމު ކުރި ފޮޓޯ އިން ފެންނަނީ އަސްލު މަންޒަރު ނޫންކަމަށާއި އެފޮޓޯ މާބޮޑަށް ހަޑިވެފައި ވަނީ ފޮޓޯ ނަގާފައިވާ ގޮތުން ކަމަށެވެ.