މަހުލޫފްއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާތާ ގާތްގަނޑަކަށް 8 އަހަރު ވެފައިވާ ބޭފުޅެކެވެ. މަޖިލިސް މެމްބަރެއްގެ ގޮތުގައި އިންތިޚާބުވުމުގެ ކުރިން ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިހަފްތާގެ ވަގުތު "ބައިގަޑި" ގައި މަހުލޫފް މިއުޅެނީ ކައްކާށެވެ! މިގަޑީގައި ދެކެވުނު ބައެއް ވާހަކަތަކަށް އަލިއަޅުވާލާނަމެވެ.

ސ. އާންމުކޮށް ގޭގަ އުޅުއްވާއިރު ކައްކާ ހަދަންތޯ؟

ޖ. އަސްލު ނުކައްކަން. އެކަމަކު ވައިފް ކައްކާއިރު ކުޑަކޮށް ހެލްޕުވެލަން.

ސ. ސިޔާސީ ދާއިރާއަށް ނިކުތުމަށް ކުރިން އެއްވެސް ވަރަކަށް ހިތަށް އެރިތޯ؟ މިދެންނެވީ ސްކޫލު ދައުރުގަ ނޫނީ މަތީ ތަޢުލީމު ޙާޞިލް ކުރެއްވިއިރު.

ޖ. އަޅުގަނޑު ޕްރައިމަރީ ސްކޫލުއްސުރެއް ހަނދާން ހުންނަނީ ފުޓުބޯޅައަށް ވަރަށް ޝައުޤުވެރިކަން ހުންނަ ހަނދާން. އެގޮތުން އެންމެ ބޮޑަށް ޑްރީމް ކުރެވުނު އެއްކަމަކީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅުން. އަންޑަރ 23 ގެ ޓީމަށް ކުޅެވުނުވެސްމެ. ވެލެންސިޔާ ނިއުރޭޑިއަންޓް ކަހަލަ ޓީމުތަކަށްވެސް ކުޅެވުނު. އެކަމަކު އެހާހަމައިން ފުޓުބޯޅަ ކަންތައް ނިމިއްޖެ. އޭރު ދެން ކޮންމެވެސް ވަރަކަށް ބަލަން ބޭނުންވި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ ކިހިނެއްތޯ؟ ޤާނޫނު އަސާސީ އައުމުގެވެސް ކުރިން އެއީ. އެކަމަކުވެސް އެއްވެސް ވަރަކަށް އިންޓަރރެސްޓެއް ނެތް އޭރު ސިޔާސީ ކަންކަމަށް.

ސ. އޭގެ ފަހުން ކިހިނެއް ސިޔާސީ ދާއިރާއަށް ވަދެވުނީ؟

ޖ. ވަރަށް ކުރީއްސުރެއްވެސް ވަރަށް ލޯބިވާ، ތާޢީދުކުރާ ސިޔާސީ ލީޑަރެއް، އަދި މިހާރުވެސް ވަރަށް އިޚުތިރާމު ކުރާ ލީޑަރެއް ރައީސް މަޢޫމޫނަކީ. ދެން އޭރު ސިޔާސީ ކަންކަން ފެށިގެން އައިއިރު، ޑީއާރުޕީ އުފެއްދި ހިސާބުން ހިތަށް އެރި މިއީ ރަނގަޅު ކަމެކޭ. އެގޮތުން ސިޔާސީ ފޯރީގެ ތެރޭގައި އަޅުގަނޑު ޑީއާރުޕީއާއި ގުޅުނީ. ޑީއާރުޕީ ތެރެއިން ލިބުނު ފުރުސަތު ތެރޭގަ ސިޔާސީ ދާއިރާއިން ކުރިއަށް ދެވުނީ.

ސ. ކުޅިވަރުގެ ތެރޭގަ ވަރަށް ފޯރިއާއެއްކޮށް އުޅުއްވާ ބޭފުޅެއް މަހުލޫފްއަކީ. ކޮން ކޮން ކުޅިވަރުތަކެއްތޯ ކުޅުއްވާ ހައްދަވަނީ؟

ޖ. ސްކޫލުގަ އުޅުނު އިރުގަ ވަރަށް މަދު ކުޅިވަރެއް ނޫނީ ނީންނާނެ ނުކުޅޭ. އެގޮތުން ފުޓުބޯޅައާއި އެއްވަރަށް އެތްލެޓިކްސްގަވެސް އުޅުނިން. އިންޓަރ ސްކޫލުގަ މެޑަލްވެސް ހޯދާފަ ހުންނާނެ. ވޮލީ، ބެޑްމިންޓަންއިންވެސް ކާމިޔާބީތަކެއް ސްކޫލު ފެންވަރުގަ ހޯދިން. އެގޮތަށް ނުކުޅޭ ހަމައެކަނި ކުޅިވަރަކަށް އިންނާނީ ޓެނިސް ކަންނޭނގެ.

ސ. މިހާރު އެއްވެސްވަރަކަށް ކުޅިވަރު ކުޅެ ހައްދަވަންތޯ؟

ޖ. ޤައުމީ ފުޓުބޯޅަ ޓީމު ޗެލެންޖް ކަޕަށް ދިޔައިރު އަޅުގަނޑު ހުރިން މެނޭޖަރަކަށް. އެމުބާރާތުން ރާއްޖެ ތިންވަނަ ހޯދި. އެއީ ދެން ޤައުމީ ލެވެލްގަ އަޅުގަނޑަށްވެސް ލިބުނު ބޮޑު ކާމިޔާބެއް. މިހާރު އަނެއްހެން ކުޅިވަރު ނުކުޅެވޭ. ޖިމްއަށް ދަން. ދެން ކޮންމެވެސް ވަރަކަށް ވޯޓަރ ސްޕޯޓްސްގަ އުޅެވޭ. އެއީ ވީކެންޑްސް ތަކުގަ ހުޅުމާލެއަށް ދަން ޖެޓްސްކީ އެއްޗެހި ދުއްވާލަން.

މިރުސް ތަންކޮޅެއް ކުޅިހެން ހީވާތީ ހާފް އަޅާނަން. ނޭނގެ ދެން ނިމޭއިރު ރަހަ އިންނާނީ ކިހިނެއް ކަމެއް.ސ. ސިޔާސީ ޕްރެޝަރުތައް ވަރަށް އަންނާނެ. އެއްވެސް ވަރަކަށް އުނދަގޫވޭތޯ އާންމު ދިރިއުޅުމަށް ސިޔާސީ މީހަކަށް ވީމަ؟

ޖ. އަސްލު ގެބަންދުގަ ހުރެގެން ނެގީ ރެސްޓެއް. ފެމިލީ އަބަދުވެސް ވަރަށް ޝަކުވާ ކުރާނެ ޓައިމް ސްޕެންޑް ނުކުރެވޭތީ. އެހެންވެ ގެބަންދުގަ ހުރީމަ ވަރަށް އުފާވެފަ ވައިފްއާ ކުޑަ މީހާ ހުންނަނީ. އަޅުގަނޑު ގެއަށް ހުކުމް ކުރީމަ ނަޒޫ ބުނި މާ އުފާވީމޯ ފަނަރަވަރަކަށް ދުވަސް ޖެހިނަމަ.

ސ. ފެމިލީއަށް ޓައިމް ދޭންވާ ވަރަށް ޓައިމް ދެވޭކަމަށް ޤަބޫލު ކުރަންތަ؟

ޖ. ތިޝަކުވާ އޮންނާނެ އަބަދުވެސް ނަޒޫގެ. އަސްލު ހަމަ ބޭނުންވާ ވަރަކަށް ނުދެވޭ. ވާގޮތަކީ ސިޔާސީ ކަންކަމުގަ އުޅޭތީ ގޭގަ ހުންނައިރުވެސް ކޮންމެވެސް މީހަކު ޓީވީއަށް އަރާ އިނީމަ އެބަލާލަން އުޅެވޭނީ. ނޫނީ ސޯޝަލް މީޑިއާގަ ކޮންމެސް ކަމެއްގަ. ބޭބީވެސް ޝަކުވާ ކުރާނެ އަބަދު ފޯނުގަ އިންނާތީ. އަޅުގަނޑަށްވެސް އިނގޭ އެކަންކަން ހިނގަނީ ގޯސްކޮށްކަން. ޓައިމް ނުދެވޭކަން. އެކަންކަން ރަނގަޅު ކުރެވޭތޯވެސް އުޅެން. ދެން އަދި އެންމެ ރަނގަޅު ނުވަނީ.

ސ. ވަގުތު ދޭންވާ ވަރަށް ނުދެވޭ އިރުގަ ފެމިލީއާއިއެކު ޗުއްޓީ ހޭދަކޮށްލުމަށް އެއްވެސްވަރަކަށް ރަށުން ބޭރަށް ގޮސްލާ ހަދަންތަ؟

ޖ. ރާއްޖެއިން ބޭރަށް ކޮންމެވެސް ވަރަކަށް ގޮސްލާ ހަދަން. އެކަމަކު ވަރަށް މަދުން. ނަޒޫގެ ފެމިލީ މީހުން އުޅޭނެ ރިޒޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނަށް ވެސް. އެމީހުންގެ އިންވިޓޭޝަން ވެސް އާދޭ. ވަރަށް ވަގުތު ހުސް ނުކުރެވޭ އެކަންކަމަށް.

ސ. ހޮލިޑޭ ހަދާލަން، ވަކި ޚާއްސަ މަންޒިލެއް އިނދޭތަ؟

ޖ. އަޅުގަނޑަކީ ފްލައި ކުރަން ވަރަށް ބިރުގަންނަ (ފްލައިފޯބިއާ) ހުންނަ މީހެއް. އެކަމަކު ޓްރެވަލް ކުރުމަކީ ވަރަށް ކުރީއްސުރެއް އަޅުގަނޑު ކުރާ ހިތްވާކަމެއް. ކަމާ ކަންފަށާ ތިކަހަލަ ސަކަރާތް ހުންނާނެ ޖަހާފަ. ވަރަށް ދުރު ތަނަކަށް ދަންޏާވެސް ބަލަން ކައިރީގަ ހުރިތާކަށްވެސް ގޮސްލާފަ ދެވޭތޯ. އެގޮތަށް ދަތުރު ހަދައިގެން ދިޔަ އެއްތަން އިޖިޕްޓަކީ. އިޖިޕްޓާ، ޖޯޑަންއާ، އޮމާންއަށް އެފަހަރު ދިޔައިން.

ނަޒޫ ވަރަށް މޮޅުވާނެ ކައްކަން އަސްލު. ހަމަ ޝެފެއް އުޅޭހެން ހީވާނީ. އަޅުގަނޑަށް ކުރަން އެނގޭނީ އަނެއްހެން ނިމުނީމަ ތަށި ދޮވެލުން ކަހަލަ ކަންކަން.ސ. މަހުލޫފް، އާއިލާއާއި އެކު އޮންނަ ގުޅުން ކިހިނެއް؟

ޖ. އަޅުގަނޑުގެ އޯން ހުންނާނީ އެންމެ ބްރަދަރ އެއް. ދެން ހުންނާނެ ފަރސްޓް ކަޒިންއެއް. އެންމެ ކުޑައިރުއްސުރެއް މަންމަ ބަލާ ބޮޑުކުރި. އަޅުގަނޑު ބަލަނީ އަޅުގަނޑުމެން މިއީ ތިން ބެއިންކަމަށް. ގުޅުން ހަމަ ވަރަށް ރަނގަޅު. މިހާރުވެސް ހަމަ އެންމެންވެސް ތިބޭނެ ދިމާވާ ކޮންމެ ކަމެއްގަވެސް.

ސ. މަހުލޫފްގެ ދަރިފުޅު ވަކި ރޮނގަކުން ކުރިއަށްދާން ބާރު އަޅާފާނަންތަ އެއްވެސް ވަރަކަށް؟

ޖ. ދެން އަދި ބޭބީއަށް ތިން އަހަރު. އެކަމް މިހާރުވެސް ސިޔާސީ ވާހަކަ ދައްކައޭ އެހެން އުޅޭއިރު. ވަރަށް ދެރަވާ ކަންކަންވެސް ހުރޭ އެގޮތަށް. މިފަހުންވެސް އަޅުގަނޑު ދޫނިދޫއަށް ގެންދިޔައިރު، ނަޒޫ ހެދުމާ އެއްޗެހި ޕެކް ކުރަން އުޅޭއިރު އޭނައަށް އެނގޭ. މިރޭވެސް ނިދަން ވަދުނު ގަޑީގަ ދައްކާ ޖަލުގެ ވާހަކަޔާ، ސިފައިންގެ ވާހަކަޔާ ޕޮލިހުން ހައްޔަރު ކުރާ ވާހަކަ. ދެން މިހާރުވެސް ޕޮލިހުން ފެނުނީމަ ސުވާލު ކުރޭ. އަޅުގަނޑު ބުނަން ކުދިން ގޯހިއްޔާ ޕޮލިހުން ގެންދާނެޔޭ. އެކަހަލަ ގޮތަކަށް ވިސްނަ ދެވޭތޯ ބަލަނީ.

ސ. އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ؟

ޖ. އަސްލު އަޅުގަނޑަކީ ވިޔަފާރި ކުރަން ނޭނގޭ މީހެއް. މިހާރު ރައްޔިތުންގެ މަޖިލީހުގަވެސް އުޅެވޭތާ އަށްވަރަކަށް އަހަރުވަނީމި. މިހާރު އެކަމަކު އެބަ މަސައްކަތް ކުރަން އަޅުގަނޑާ ވައިފްއާ ދެމީހުންވެގެން ބިޒްނަސްއެއް ފަށަން.

ސ. ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ގެންގުޅުއްވަންތޯ؟

ޖ. ނޫނޭ! އަޅުގަނޑަކަށް ނުވާނެ! މިހާރުވެސް އެންމެ ގިނަ ވެގެންވެސް އަޅުގަނޑަށް ރާއްޖެއިން ބޭރުގަ ހިފަހައްޓާ މިލެވެނީ ހަފްތާއެއްވަރު. އެއީ ދިވެހި ކެއުމަކީ އަޅުގަނޑުގެ މަސްޓެއް. ބޭރުގަ ދެދުވަސް ކޮށްފަ މާލެ އަޔަސް ރިހާކުރު ދިޔަ އެއީ ހަމަ މަސްޓެއް.

ސ. އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދިގުމުއްދަތަކަށް ދިޔައިންތަ؟ އާއިލާއާއި އެއްކޮށް ނަމަވެސް؟

ޖ. ކުރިން ޔޫތު މިނިސްޓްރީގަ އުޅުނުއިރު ވަރަށް ގިނައިން ދިޔައިން އަތޮޅުތެރެއަށް. ފެމިލީއާއެއްކޮށް ގޮސްފަ ހުންނާނީ ހަމައެކަނި ވައިފްގެ ރަށަށް. އެއީ ފުއައްމުލަކަށް. އެހެން ނޫނިއްޔާ ނުހުންނާނެ ފެމިލީއާއެއްކޮށް ރަށަކަށް ގޮސްފައެއް.

ސ. ސިޔާސީ ދާއިރާއާއި ދުރަށް ދިޔުމަށް ވިސްނަންތަ؟

ޖ. އަދިއެއް ނުވިސްނަން. ފަހުން ދެން ނޭނގެ. ވަކި ހިސާބަކުން މިކަމަކީ ކުރަން ނުޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވި ދޫކޮށްލަން ޖެހިއްޖެއްޔާ ދޫކޮށް ނުލާނަމެކޭ ނޫން. މިވަގުތު އެކަމަކު މިހުރީ ވަރަށް ފޯރިއާއެކު.

ނަޒޫ (މަހުލޫފްގެ އަނބިކަނބަލުން)

ދިމާވީ ފޭސްބުކް އިން. މަހުލޫފް މެސެޖު ކުރި ވަރަށް ކުރިން. އެކަމަކު ރިޕްލައިއެއް ނުކުރަން. ދެން އެއްދުވަހު ގުޅީ. ވަރަށް ދުވަސްފަހުން ރޯދަމަހެއްގަ ދިމާވީ.

މިހާރު ކޮންމެ ދުވަހަކުވެސް ޝަކުވާ ކުރެވޭ ވަގުތު ނުދެވޭތީ. ބޭބީގެވެސް ޝަކުވާ ވަރަށް ގިނަވާނެ.

މަހުލޫފްއަކީ ވަރަށް ފޯނު ގެންގުޅޭ މީހެއް. ހަމައެކަނި ނިދާ ގަޑީގަ އެކަނި ފޯނު ދޫކޮށްލާނީ.

އިންޓަވިއުގައި ހިމެނޭ ހުރިހާ ބައިތަކެއް ފެނިވަޑައިގަންނަވާނީ ތިރީގައިވާ ވީޑިއޯ އިންނެވެ.