މީގެ މިލިއަނެއްހައި އަހަރު ކުރިން އިންސާނުން ދިރިއުޅެފައިވާ ގަދީމީ ޝަހަރެއް ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ސަކާކާގެ ޝުވެއިތިއާ ނަމަކަށްކިޔާ އަވަށަކުން ފެނިއްޖެއެވެ.

ވަޅުލެވިފައިވާ މި އަވަށަކީ މިހާތަނަށް ފެނުނު އެންމެ ޒަމާންވީ، އަދި އިންސާނުން ދިރިއުޅެފައިވާކަމުގެ އެންމެ ދުވަސްވީ ހެކިތައް ފެނުނު އަވަށެވެ.

މިކަމާއި ގުޅިގެން އަލް ޖައުފްގެ ޓޫރިޒަމް ޑިރެކްޓަރ ޑރ. ޖާޒް އަލް ޝަމްމާރީ ވިދާޅުވީ، މި ޝަހަރަކީ އަރަބިން އުޅުނު ޝަހަރެއް ކަމުގައި ބެލެވޭ ކަމަށާއި، މިއީ ދިގު ތާރީޚެއް އެކުލެވިގެންވާ ބިމެއް ކަމަށެވެ. އަދި ވަޅުލެވިފައިވާ މި ޝަހަރު ހިމެނޭ ސަރަޙައްދާއި ކައިރިންވެސް އެތަނާއި ގުޅޭ ތާރީޚީ ކަންކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތާރީޚު ދިރާސާ ކުރާ ޚާއްސަ ޓީމުތަކުން މިހާރު މި ސަރަޙައްދު ކޮނެ އިތުރަށް ބަލައި ހޯދަމުންދާއިރު، އެ ސަރަޙައްދުން ވަނީ އިންސާނުން ދިރިއުޅުމަށް ބޭނުންކުރި ގެތަކާއި ގަލުން ތައްޔާރުކޮށްފައިހުރި ހިފައިގެންގުޅޭ ސާމާނާއި އެނޫން ތަކެތިވެސް ފެނިފައެވެ. މީގެ އިތުރުން ބައެއް ލިއުންތައް ލިޔެފައިހުރި ގާތައްވެސް އެ ޝަހަރުން ފެނުނު ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާގޮތުގައި، މި ޝަހަރުން މިހާތަނަށް ހޯދި ހޯދުންތަކުން، މިއީ އެތައް ޒަމާނެއް ވަންދެން އިންސާނުން ދިރިއުޅުނު ތަކެއްކަން ސާބިތުކޮށްދޭ ކަންކަން ފެނިފައިވާކަމަށެވެ. އަދި ސައުދީން މި ޝަހަރު ފެނުނު ސަރަޙައްދަކީ ކުރިންވެސް ގަދީމީ ޝަހަރުތައް އެކުލެވޭ ބިމެއްކަން ތާރީޚީ ފަތްފުއްތަކުން ހެކިދޭ ކަމަށާއި، އެހެންކަމުން ފޮރުވިފައިވާ ގިނަ ސިއްރުތަކެއް މި ސަރަޙައްދުން ފެނިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.