ގިނަ ފައިސާ ލިބި، ބޭނުން ކޮންމެ ޚަރަދެއް ކުރެވޭ ވަރަށް މާލީ ގޮތުން ފުދުންތެރި މީހަކަށް ވުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް ކޮންމެހެން ފުރިހަމަ ވާން ޖެހޭ ޝަރުތެއް ކަމަށް އަހަރެމެންގެ ތެރެއިން ގިނަ މީހުން ގަބޫލު ކުރަމެވެ. ފައިސާ ނެތް ނަމަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށް ގިނަ މީހުން އެއްބަސްވެއެވެ.

ނަމަވެސް ދާދިފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އުފާވެރި ދިރިއުޅުމަކަށް އެންމެ މުހިއްމު އެއްޗަކީ ފައިސާއެއް ނޫނެވެ. އެދިރާސާ އިން ދައްކާ ގޮތުގައި އުފާވެރި ދިރިއުޅުމަކަށް އެންމެ މުހިއްމު ކަމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމާއި ކައިވެންޏެއް ކުރުމެވެ.

އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ކޮށްފައިވާ މިދިރާސާ ބުނާ ގޮތުގައި ވަޒީފާއެއް އަދާކުރުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ވެސް ބޮޑު ހިތްހަމަޖެހުމެއް ހަމަޖެހޭ ކައިވެންޏަކުން ލިބެއެވެ.

އަގުބޮޑެތި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ވަގުތު ހޭދަކުރުމަށް ވުރެ ފޯނާއި އެހެނިހެން ތަކެތި ގަނެގެން އެތަކެތި ބޭނުން ކުރުމުގެ ފުރުސަތު ލިބުމުން މީހުންނަށް ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށް ވެސް ދިރާސާ އިން ދައްކައެވެ.

މިހާރު ފޯނަކީ ވެސް ގިނަ މީހުންނަށް ގަނެވޭ ވަރަށް އަގުހެޔޮކޮށް ހުންނަ އެއްޗެއް ކަމުން އެފަދަ އެއްޗެއް ގަތުމުގެ ފުރުސަތު ގިނަ މީހުންނަށް ލިބޭ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާ ކުރި ޓީމުން ބުނާ ގޮތުގައި ކިތަންމެ ގިނަ ފައިސާއެއް ހުރި ނަމަވެސް އެފައިސާ ޚަރަދު ކުރެވޭ ގޮތް ވަރަށް ބޮޑަށް މީހުންގެ އުފާވެރިކަމާއި ގުޅިފައިވެއެވެ. ކޮންމެ ކަމަކަށް ފައިސާ ޚަރަދު ކުރުމުގެ ފުރުސަތު ލިބިފައި އޮތުން އެއީ އުފާވެރި ކަން ލިބޭ ކަމެއް ނޫންކަމަށް މިދިރާސާ އިން ދައްކައެވެ.