ބާބު 14 - ސޫރަ

މޯނާގެ ނުރުހުމުގެ ބަސްތައް އަޑުއަހާފައި ހޮސްޕިޓަލުގައި ނުހުންނަން ވެގެން ގެޔަށް އައިސް ވަން ޒީކަށް ފެނުނީ ޤަބޫލުކުރަން އުނދަގޫވި މަންޒަރެކެވެ. އެތައް ދުވަހަކަށްފަހު، އަމިއްލަ ނަފުސަށް ކުރަމުންދިޔަ އިތުބާރުވެސް ނެތުނުކަހަލައެވެ. ކުރިމަތިން ފެނުނީ އޭނާ އުންމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. ޤަބުވެފައިވާ ޙާލު، މުސްކާނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ޒީކްގެ މޫނުމަތިން ފާޅުވި ހިތްހަމަނުޖެހުމާއި، ކަންބޮޑުވުން ފެނިފައި މުސްކާން ކުށްވެރިއެއް ފަދައިން އިސްޖަހައިލިއެވެ. ޒީކް ހަށަންބަނދެލި ގޮތުންނާއި، އެ މޫނުގެ ކުލަވަރު ދޭހަކޮށްދިނީ އެންމެ ކަމެކެވެ. އެ ދެމައިން ކުރިން ވެސް ބައްދަލުވެފައިވާ ކަމެވެ. އެތައް ޒަމާނަކަށްފަހު ދެމައިން ބައްދަލުވުމުން އަންނަންޖެހޭ ޖޯޝާއި ފޯރި އެ މީހުންގެ ކިބައިން ފާޅުނުވުން އެކަމުގެ ހެތްކަކަށް ފުދެއެވެ.

"އަޅުގަނޑަށް ހީވެއްޖޭ މޯނާ ސިޑިން ވައްޓައިލާނީ މަންމައޭ. އެކަމަކު ޤަބޫލުކުރަން ބޭނުންނުވީ އިންސާނުންގެ ތެރެއަށް މަންމަ އަތުވެދާނެކަމަށް. މަންމަ ތި އައީ ކީއްކުރަންތަ؟" ޒީކް ހިތްހަމަނުޖެހިފައި ހުރެ އެހިއެވެ. "ތީ ކިހާ ނުރައްކާ ކަމެއްކަން މަންމަ އެނގޭތަ؟ އަޅުގަނޑު މަންމަ ގާތުގައި ބުނީމެއްނު އިންސާނުންގެ ދުނިޔެއަށް އައިސްގެން ނުވާނެ. މަންމަ އެކަމާ އެއްބަސްވެ، ވީ ވަޢުދާ ޚިލާފުވީ ކީއްވެގެން؟"

"ދަރިފުޅު އުޅޭ ހާލެއްނުބަލާ މަންމަ އުޅޭނީ ކިހިނެއްތަ؟" މުސްކާން ދެރަވެލާފައި ބުންޏެވެ. "މި ކަހަލަ ތަނެއްގައި ދަރިފުޅު އުޅޭއިރު މަންމައަށް ހަމަޖެހިގެން އުޅެވޭނެތަ؟ ކުރިން މޯނާއާމެދު ކުރެވުނީ ޝައްކެއް. އެކަމަކު މިރޭ އެނގިއްޖެ ދަރިފުޅަށް ލިބުނު އަނިޔާއަކީ މޯނާ އަޑީގަ ހުރެގެން މާޒިން ލައްވާ ކުރުވިކަމެއްކަން. އެހެންވެ އެކަމުގެ ބަދަލު ހިފަން މަންމަ ބޭނުންވީ. މޯނާގެ މަކަރުވެރިކަމާއި ނުލަފާކަން ދަރިފުޅަށްވުރެ ބޮޑަށް އެނގޭނީ މަންމައަށް. އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ދަރިފުޅަށް މަންމައެއްގެ ލޯބި ނުދެވުނަސް މި މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވޭ. ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ލިބޭކަށް ނޭދެން. އެހެންވެ ދަރިފުޅު މަނާކޮށްފައި އޮތަސް އާދެވުނީ."

މުސްކާން ފެންކަޅިވިއެވެ. މަންމަގެ ދެލޮލުގައި ވިދަންފެށި ކަރުނަ ފެނުމާއެކު ޒީކްގެ ހިތްހަމަނުޖެހުން ފިލައިދިޔައެވެ. މަންމަގެ ކަންބޮޑުވުންތަކާމެދު ވިސްނާލެވުމުން ޒީކް ވެސް ދެރަވިއެވެ. އެފަދަ ތަނެއްގައި ދިރިއުޅެން ނިންމުމުން މައި ލަނގޮޑިއަށް ކެތްކުރަން އުނދަގޫވާނެކަން ޒީކަށް އެނގެއެވެ. މަންމަގެ ހިތުގައި ޖެއްސުނީތީ އޭނާ މަޢާފަށް އެދުނެވެ. މުސްކާން ޖަވާބުދިނީ ލުއި ހިނިތުންވުމަކުންނެވެ. ޒީކް އައިސް މުސްކާންގެ ގައިގާ ވަރަށް ލޯތްބާއެކު ބައްދައިލިއެވެ. އެޔާއެކު އޭނާގެ ސިކުނޑީގައިވާ ހުރިހާ އުދާސްތައް ފިލައިގެން ގޮސް ހިތަށް ހަމަޖެހުން ލިބުނެވެ.

"ދަރިފުޅުގެ ހަށިފާރަވެރިއަކަށް މަންމަ އަބަދުވެސް ހުންނާނަން." ޒީކްގެ ބުރިކަށިމަތީގައި ފިރުމާލަމުން މުސްކާން އޯގާތެރިކަމާއެކު ބުނެލިއެވެ. ޒީކް ދުރަށް ޖެހިލަމުން މުސްކާންގެ ދެއަތުގައި ހިފައިލިއެވެ.

"ނޫން މަންމާ." ޒީކް ވަގުތުން ދެކޮޅު ހެދިއެވެ. "މަންމައަށް އެނގޭނު މަންމައަށް އިންސާނުންގެ ތެރޭގައި ނޫޅެވޭނެކަން. އެންމެންގެ ނަޒަރުގައި މަންމަ ވަނީ މަރުވެފައި. އެހެންވީމަ މަންމަ އައިސް އުޅެނިކޮށް މީހަކަށް ފެނިއްޖެނަމަ ނަތީޖާ ރަނގަޅެއް ނުވާނެ. މަންމައަށް ދެން އިތުރު ގެއްލުމެއް ލިބޭކަށް އަޅުގަނޑު ނޭދެން. މަންމަ ދޭ! މަންމައަށް ލިބުނު އަނިޔާއާ އަޅުގަނޑަށް ދިން އަނިޔާގެ ބަދަލު ހިފާނީ މި ދަރިފުޅު. އިންސާފު ހޯދައިދޭނަން. އަޅުގަނޑަށް އެކަން ކުރެވޭނެކަމާމެދު މަންމަ ޝައްކެއް ނުކުރަމެއްނު. އެހެންވީމަ އަޅުގަނޑަށް އިތުބާރުކޮށްފައި މަންމަ ދޭ!"

ޒީކަށް ވިސްނައިދޭން މުސްކާން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒީކް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެކި ގޮތްގޮތަށް ވާހަކަ ދެއްކުމުން ވެސް ނިންމުން ބަދަލެއް ނުކުރިއެވެ. މަންމައަށް ގެއްލުމެއް ވާން ނޭދޭކަމުގައި ޒީކް ތަކުރާރުކޮށް ބުންޏެވެ. އޭނާއަށް އިތުބާރު ކުރުމަށް މުސްކާންގެ ދެއަތުގައި ހިފައި އާދޭސްކުރިއެވެ.

"އެންމެ ރަނގަޅު." އެންމެފަހުން މުސްކާން ހިތާ ދެކޮޅަށް އެއްބަސްވިއެވެ. "މަންމަ މިދަނީ. މަންމަ ދިޔަސް ދަރިފުޅު އެހީއެއް ބޭނުންވެއްޖެނަމަ ގޮވައިލާ."

މުސްކާން ޒީކަށް އިތުބާރު ކުރެއެވެ. މޯނާގެ ދަންތުރަތަކުން ރެކިގަތުމުގެ ޤާބިލުކަން ޒީކްގެ ކިބައިގައި ހުންނާނެއެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދޭނެކަމާމެދު ވެސް ޝައްކެއް ނުކުރެއެވެ. މިއަދު ޒީކްއަކީ ހިތްވަރުގަދަ އަންހެނެކެވެ. އެއީ ކުރީގައި މޯނާ ކުރިމަތީގައި އިސްތިރިކޮށްގެން ރޯން ހުރި ޒީކެއް ނޫނެވެ. އެ ޒީކްގެ އިންސާނިއްޔަތުކަން މޯނާ ވަނީ ފަނާކޮށްލައިފައެވެ.

މުސްކާން ދަމުން ދިޔައީ ޒީކަށް ދެވުނު ހަމަލާގައި ޒިޔާދުގެ ހިއްސާވެސް ވާކަމުގައި ބުނެފައެވެ. އަދި ޒިޔާދު އެ ނިންމުން ނިންމަން މަޖުބޫރުވީ ސަބަބު ވެސް ބުނެދީފައެވެ.

"ދަރިފުޅުގެ އަމިއްލަ ކަމެއް ބައްޕައަށް މާފުކުރުމާއި ނުކުރުން." މުސްކާންގެ ފަހު ޖުމްލައަކަށް ބުނީ އެހެނެވެ.

***1999 ވަނަ އަހަރު***

ކާވެނީގެ ފުރަތަމަ ރެޔަށްފަހު، ޒިޔާދުމެން ދެމަފިރިން އެއްކޮޓަރިއެއް ގައި އުޅޭ ދެ ބީރައްޓެހިންނަށް ވިއެވެ. މުސްކާން އަނގައިން ނުބުނާ ތަނުގައި ހަތަރު ކަޅި ހަމަކޮށް ޒިޔާދަށް ބަލައިވެސް ނުލައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ވެސް ބުނަނީ ދުރު ބަލަހައްޓައިގެން ހުރެއެވެ. އެއް އެނދުގައި ނިދިޔަސް އެ ދެމެދުގައި ބޯމިން ނޭނގޭ އުސްފާރެއް ރޭނިފައި އޮވެއެވެ. މުސްކާންގެ ގައިގާ އިނގިލިކުރި ވެސް ޖައްސައިލުން މަނަލެވެ. އެ ދުރުކަމުގެ ސަބަބުން ޒިޔާދުގެ ދިރިއުޅުން ހުސްކަމަކަށް ދިޔައެވެ. މުސްކާން އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރު ހީވެ އޭނާ ހުންނަނީ ސިހިސިހިއެވެ. ޖެހިފައިވާ މައްސަލަ އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމުގެ ބިރަށް ޒިޔާދު ހިމޭނުން ހުރީއެވެ. ވަގުތާއެކު މުސްކާން ވެސް ހަމަޖެހި ހަމައަކަށް އެޅޭނެކަމަށް ޒިޔާދު ހީކުރިއެވެ. ނަމަވެސް ކާވެންޏަށް ތިން ހަފުތާ ފުރުނުއިރު ވެސް މުސްކާންގެ އުޅުމަށް ކުޑަވެސް ބަދަލެއް ނައެވެ.

ހުކުރުދުވަހެކެވެ. ޒިޔާދަށް ހޭލެވުނުއިރު ހެނދުނު 10 ޖަހައި ބޮޑުވެއްޖެއެވެ. ގިފިއްޔަށް ވަދެ ފާޚާނާކޮށްލައިގެން ކާގެއަށް ދިޔައިރު މުސްކާން އިނީ ހެނދުނުގެ ނާސްތާ ނަގާށެވެ. ތަށީގައި ހުރި ރޯމަސް ފޮތިތައް އުލުން ނަގައި މުސްކާންގެ އަނގައަށް ލަމުން ދިޔައީ ފަރުވާ ކުޑަގޮތަކަށެވެ. ކާހިތްނުވެފައި އިނދެ މަޖުބޫރުން ބަނޑުހައި ހޫނުކަން ފިލުވަމުންދާ ކަހަލައެވެ.

ޒިޔާދު އިށީނުމާއެކު މުސްކާން ސައި ތައްޔާރުކޮށް ދިނުމަށް އަވަސްވެގަތެވެ.

"ކަޅުސައި ބޭނުންތަ؟" މުސްކާން ޒިޔާދުގެ މޫނަށް ބަލާވެސް ނުލައެވެ. ޒިޔާދު ޖަވާބެއް ނުދިނުމުން މުސްކާން ސުވާލު ތަކުރާރުކުރިއެވެ. އޭނާ ޒިޔާދުގެ މޫނަށް ނުބެލި ނަމަވެސް ޒިޔާދުގެ ނަޒަރު ސީދާވެފައި ހުންނާނީ އޭނާއަށްކަން އެނގެއެވެ.

"މުސްކާން އިށީނދެބަލަ." ޒިޔާދު މުސްކާންގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. "މުސްކާން ތިއުޅެނީ ކިހިނެއްތަ؟ މަށާ ހެޔޮހިތުން އަނގައިން ނުބުނެ. ބުނާ އެއްޗެއް ވެސް ތި ބުނަނީ ހަތަރު ކަޅި ހަމަނުކޮށް. މުސްކާން މިހާރު އަހަރުމެންނަކީ ދެމަފިރިން. މައްސަލަ ހައްލުވާނީ ވާހަކަ ދައްކައިގެން. މުސްކާން ތިހެން އުޅޭތީ ހާދަ ދެރަވެއޭ."

"ދައްކާނެ ވާހަކައެއް ނެތް. ހައްލުކުރަންޖެހޭވަރުގެ މައްސަލައެއް ވެސް ނެތް." ދުރުބަލަހައްޓައިގެން އިނދެ، މުސްކާން ފޫހި ގޮތަކަށް ބުންޏެވެ. "ޒިޔާދު ބޭނުންވީ ރުހާމްގެ ކުށް ދައްކައިގެން އަހަރުމެން ދުރުކޮށްފަ މަށާ އިންނާކަށްނު. އެކަންވެއްޖެނު. އެއީ ޒިޔާދު ދެރަވާންޖެހޭވަރުގެ ކަމެއްތަ؟"

"މަ ބޭނުންވީ ރީތި ދިރިއުޅުމެއް އުޅެން. ނަމެއްގައި ކާވެނިކޮށްގެން އުޅޭކަށްނޫން." ޒިޔާދު ހިތްހަމަނުޖެހުނެވެ. "މުސްކާން ބޭނުންވަނީ މަ ގާތުން ވަރިވެގެން އެ ރުހާމް ކައިރިއަށް ދާންތަ؟ އެގޮތް ބޭނުންވަންޏާ ވެސް ބުނަންވީނު."

"ހާސްނުވޭ." މުސްކާން ގޮނޑިން ތެދުވަމުން ޒިޔާދުއާ ހަތަރުކަޅި ހަމަކޮށްލިއެވެ. "މަ ޒިޔާދު ކައިރިން ވަރިވެގެން ގޮސް ރުހާމަކާ ނުގުޅޭނަން. މަ އެއްވެސް އިންސާނަކަށް އިތުބާރެއް ނުކުރަން. އިތުބާރުކުރާކަށް ބޭނުމެއް ވެސް ނޫން. ކޮންމެ މީހެއްގެ ވެސް އޮންނާނީ އަމިއްލަ އެދުމެއް."

މުސްކާން އެތަނުގައި އެންމެ ސިކުންތަކު ވެސް މަޑުކުރާ ހިތެއް ނުވިއެވެ. އޭނާ ނުކުމެގެން ދިޔައީ ޒިޔާދުގެ ސޫރަ ވެސް ފެންނަން ނޭދޭތީއެވެ. ހަޤީޤަތުގައި މުސްކާން ހެދީ ދޮގެކެވެ. އޭނާ ރުހާމަށް އިތުބާރު ކުރަން ބޭނުމެވެ. ރުހާމް މަތިން ހަނދާން ނައްތާލުމަށް މަސައްކަތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. ރުހާމަށް ކުރެވުނީ ކުށެށްކަމަށް އޭނާ ޤަބޫލުކުރެއެވެ. އެ ކުށުގެ ސަޒާ ރުހާމަށް ދެވިއްޖެއެވެ. ޒިޔާދު ކައިރިން ވަރިވެގެން ގޮސް ރުހާމްއާ އިންނަން ވެސް އޭނާ ބޭނުމެވެ. އެހެނަސް އޭނާއަށް އަލުން ރުހާމަށް ގުޅެވޭކަން ނެތެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ވަރިވާން ބޭނުންވި ނަމަވެސް މުސްކާނަށް އެ ހިތްވަރު ވަނީ ނުލިބިފައެވެ. ޒިޔާދުގެ ބައްޕަ ނިޔާވިފަހުން ވަރުދާއަށް ކުޑަވެސް އުފަލެއް ލިބިފައިވަނީ އެ ކާވެނީގެ ސަބަބުންނެވެ. މުސްކާން އެގޭގައި އުމުރުދުވަހަށް އުޅޭނެކަމުގެ ގެރެންޓީއެއް ލިބުމުން ވަރުދާ ހުރީ އުފަލުންނެވެ. އެ އުފާވެރިކަން އެ މަންމަގެ ކިބައިން ނިގުޅައި ގަންނާނެހާ ހިތްވަރެއް މުސްކާންގެ ކިބައަކު ނެތެވެ.

މުސްކާންގެ އިންތިޒާރުގައި ހުންނާނެކަމަށް ރުހާމް ބުނި ހަނދާން އޭނާ ނުނެތެއެވެ. ކިތަންމެ ދުވަހަކު އޭނާ ރުހާމާ ބައްދަލުކުރުމަށް ދާން ވެސް ބޭނުންވިއެވެ. އަލުން އެދެމީހުންނަށް ގުޅުމުގެ ފުރުޞަތު ނެތް ނަމަވެސް އޭނާ ރުހާމަށް މާފުކުރި ވާހަކަ ބުނެލަން ވެގެންނެވެ.

ޖެހިގެން އައި ހަފުތާގައި ރުހާމްއާ ބައްދަލުކުރުމަށް މުސްކާން އެގެއަށް ދިޔައެވެ. ބޭރު ޖޯލީގައި އޮތް ރުހާމަށް މުސްކާން ފެނުމާއެކު ޖޯލިން ތެދުވެވުނީ ލަސްލަހުންނެވެ. އެތައް ދުވަހަކަށްފަހު މުސްކާންގެ ރީތި ސޫރަ ފެނުމުން އޭނާގެ ހިތުގެ ހިނގުން އަސްވިއެވެ. ނޭވާ ކުރުވާ ގޮތްވިއެވެ. މުސްކާންގެ ހާލަކީ ވެސް އެއީއެވެ. ދުވެފައި ގޮސް އެ އަތުގެ ތެރޭގައި ބޮނޑިވެގަންނަން މުސްކާން ބޭނުންވިއެވެ. ހިތްފުރެންދެން ރޯން ހިތް އެދުނެވެ. ނަމަވެސް ހުރި ފިޔަވަޅު މައްޗަށް ގާވެފައި އޭނާއަށް ހުރެވުނީއެވެ.

"މުސްކާން. ކަމަކުތަ؟" ރުހާމް މަޑުމަޑުން އެހިއެވެ. އޭނާ އިންތިޒާރުކުރަމުން އައި ދުވަސް ޖެހުނީކަމުގައި ހީކުރެވުނެވެ.

"އަހަރެންނަށް ހުރިހާ ހަޤީޤަތެއް އެނގިއްޖެ. ރުހާމަށް މާފުކޮށްފިން." އެހެން ބުނެވުނުއިރު މުސްކާން ފެންކަޅި ވެއްޖެއެވެ. ރުހާމް ފިނިނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން މުސްކާނާ ދިމާއަށް ފިޔަވަޅު އަޅަންފެށީ އުފަލުން ހުރެއެވެ. މުސްކާން ޖެހުނީ ފަހަތަށެވެ. ރުހާމްގެ ފިޔަވަޅު ހުއްޓުމަކަށް އައީ މުސްކާން ދެން ބުނެލި ވާހަކަ އަޑު އިވިފައެވެ.

"އެކަމަކު އަހަންނަށް ރުހާމާ ގުޅެވޭކަށް ނެތް." ހިތްދަތިވެފައިވާ އަޑަކުން މުސްކާން ބުންޏެވެ. "އަހަރެން މަތިން ރުހާމް ހަނދާން ނައްތާލާ. އަހަރެން މީނީ ޒިޔާދުގެ ދަރިއަކަށް ބަލިވެ. އަހަރެން ބަނޑުބޮޑު."

ރުހާމަށް އެ ޚަބަރު އިވުނީ ޖެހި ހޮނުގުގުރިއެއް ފަދައިންނެވެ. ކުޑަ ހިނދުކޮޅެއް ކުރިން ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ވެސް ބިރުވެރިކަމަށް ބަދަލުވެގެން އައެވެ. މެޔަށް އެރި ބާރުގަނޑެއްގެ ސަބަބުން އަތް ހިއްލާލަމުން މޭގައި އަތް ޖައްސައިލެވުނީ ބާރަށެވެ. ނިކަން ބާރުގަދަ އެތިފަހަރެއް އޭނާގެ މެޔަށް އަމާޒުވި ކަހަލައެވެ.

"އަހަރެން މިއައީ ރުހާމް އަހަރެންގެ އިންތިޒާރުގައި ނުހުންނާށޭ ބުނެލަންވެގެން." މުއްކަވާލެވިފައިވާ އަތްތިލަ ތުރުތުރުލަމުން ދިޔަ ތުންފަތުގައި ޖައްސައިލަމުން ފަހުފަހަރަށް އެ ސޫރައަށް މުސްކާން ބަލައިލިއެވެ. އަދި އަތް ތިރިކޮށްލައިފައި ކުރެހިފައިވާ އަޑަކުން ހިތްހެޔޮކުރުމަށް ބުނިއިރު ދެލޮލަށް ޖަމާވި ބޮޑެތި ކަރުނަތަކުން އެސްފިޔަތަކަށް ނުކުޅަދާނަވެގެން ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. ރުހާމްގެ ގޮތް ހުސްވެފައިވާ މޫނަށް ބަލަހައްޓައިގެން ހުންނާނެ ހިތްވަރު ނުލިބުމުން، އޭނާ ނުކުމެގެން ދިޔައީ ދުވެފައެވެ.

ރުހާމް، ހިލަވެފައިވާ ބުދެއް ފަދައިން އެ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. މުސްކާނާ ވަކިން އޭނާ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ މުސްކާން އޭނާއަށް މާފުކުރީތީ ވެސް ނަފުސަށް އޮތް ކުޑަކުޑަ އިތުބާރު ވެސް ގެއްލިއްޖެއެވެ. ދެން މުސްކާން ހަނދާނުން ފޮހެލުން ވާނީ އިތުރު ވޭނަކަށެވެ. ތަކުލީފަކަށެވެ. ލޯބިވާ ދެމީހުން މަޖުބޫރީ ހާލަތަކުން ވަކިވެއްޖެނަމަ، ދުވަހަކު ވެސް އެ ދެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން މުސްކާނަށް ނުވިސްނެނީ ހެއްޔެވެ؟

***2019 ވަނަ އަހަރު***

ޒީކްގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން މޯނާ ވަކިން ބޮޑަށް ޒީކަށް ނަފުރަތު ކުރަން ފެށިއެވެ. ގަޔަށް ބޮލަށް އަރައިގަނެ ޒީކް އެ ގެއިން ނެރެލުމުގެ ޚިޔާލު ވެސް ހޮސްޕިޓަލުގައި އޮވެ އޭނާ ކުރިއެވެ. ނަމަވެސް ކުރީ ފަހަރު ޒީކް އެގޭގައި ބެހެއްޓުމަށް ރުހާމް ވަރިޔާއަޅުވައިބުނި ހަނދާން އައުމާއެކު، އެ ޚިޔާލު ޖެހުނީ ސިކުނޑިން ނެރެލާށެވެ. ކޮންމެ ގޮތެއްވި ނަމަވެސް ރުހާމް އިތުބާރު ކުރާނީ ޒީކަށެވެ. ޒީކް އެވަރުގެ އަނިޔާއެއް ނުދޭނެކަމަށާއި، އެއީ މޯނާއަށް ހީވި ގޮތެއްކަމުގައި މިހާރު ވެސް ރުހާމް ފާޅުގައި ދަނީ ބުނަމުންނެވެ.

މޯނާ ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއް ގައެވެ. ރުހާމްއާއެކު ގެއަށް ދިޔައިރު ޒުކަންއާއި ޒީކް ތިބީ ފެންޑާގައި ޓީވީ ބަލާށެވެ. މަންމައާއި ބައްޕަ ފެނުމާއެކު ޒުކަން ފުމެމުން ނަށަމުން ގޮސް ރުހާމްގެ ގައިގާ ތަތްވެގަތެވެ. ޒީކް ބަލައިލީ މޯނާއަށެވެ. އެ މޫނުން ވަރުބަލިކަން ފެނެއެވެ. ވާއަތުގައި ވަނީ ޕްލާސްޓަރ އަޅައި އެ އަތަށް ގުޑުމެއް ނާންނާނެ ފަދައިން ކޮނޑާއެކު ހައްޔަރުކޮށްލާފައެވެ. އެހެނިހެން ޒަހަމުތައް ވަނީ ބެންޑޭޖުން ފޮރުވައިލެވިފައެވެ.

"މަންމި އަތް އައްދޮވަނީ." ޒުކަން މޯނާގެ އަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ވާހަކަ ދެއްކީ މައުސޫމު ގޮތަކަށެވެ. އަދި އިންޒާރެއް ދޭ ފަދައިން ބުންޏެވެ. "މަންމި ދެން ސިޑި މަތީ ސަކަރާތް ނުޖަހަނީ އިނގޭ. ދެން ވެއްޓެނީ ބޯ ފެޅެނީ. ލޭ އަންނަނީ. ދެން މަންމި ޖެހޭނީ ވަޅުލަން."

"ޒުއްކޯ! މަންމި ސަކަރާތެއް ނުޖަހަން." މޯނާ ލުއި ހިނިތުންވުމެއް ދެމުން ޒުކަންގެ ކޮލަށް ފިތައިލިއެވެ.

"މަންމި ދޮގު ބުނަނީ. ޒީ ދައްތި ބުނަނީ މަންމި ފޮނި ކަނޑަން ސިޑި މަތީ މިހެން މިހެން ފުންމަނިކޮށް ވެއްޓުނީ އެ."

މޯނާއަށް ވީ ގޮތް ޒުކަން ހަރަކާތުން ދައްކަން ފެށިއެވެ. ކުޑަ ދެފައިތިލަގެ ކުރި ޓައިލްސްގަނޑުގައި ޖައްސައިފައި ދެފަހަރަކު ޒުކަން ފުންމައިލިއެވެ. އެއަށްފަހު އަމިއްލައަށް ހަޅޭލަވައިގަންނަމުން ބިންމައްޗަށް ވެއްޓިގަތެވެ. ދެލޯ ބޮޑުކުރަމުން ދޫ ނެރެގެން ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިން އޭނާ އޮތެވެ. ރުހާމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ހެމުންހެމުން ގޮސް ޒުކަން ނަގައި އުރައިލައިގެން ހިނގައިގަތެވެ. މޯނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޒީކް އެވަނީ ޒުކަންއަށް ރަނގަޅަށް ފިލާވަޅު ނަގައިދީފައެވެ. އޭނާ ދަތްތަކަށް ބާރުކޮށްލަމުން ތަންކޮޅެއް ދުރުގައި ހުރި ޒީކަށް ބަލާލިއެވެ. ޒީކް ހުނުން މައިތިރިކުރަން އަނގަމަތީ އަތް އަޅާލައިގެން ހުރުމުން މޯނާގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ.

"ފާޑަކަށް ހިނިގެޅިފަ ހުންނާނެކަމެއް ނެތް." މޯނާ ހޫން ދަމާލައިފައި ނިކަން ބާރަށް ބުންޏެވެ. "ކަލޭ ނުޖެހޭ މަށޭ ކިޔައިގެން ޒުކަން ގާތު ފާޑުފާޑު ވާހަކަ ދައްކާކަށް."

"އަނެއްކާ ޒުވާބު ކުރާނެ ކަމެއް ތި ފެނުނީ." ސިޑިއާ ހިސާބަށް ގޮސް ހުއްޓިފައި ރައްދު ދިނީ ރުހާމެވެ.

"ދުވަހަކު ވެސް ކަލެޔަށް އޭނަ ކުރާކަމެއް ގޯސްވޭތަ؟ މަށަށް ހަދާލިގޮތް ކިޔާދިނީމަ ވެސް ވީ މަށަށް ހީވި ގޮތަކަށް. މަ މޮޔައަކަށް ވީ." މޯނާ ފުފިގަތެވެ. އިތުރަށް ރުހާމް އެއްޗެއް ނުބުންޏެވެ. ދަރިން ކުރިމަތީގައި ޒުވާބު ކުރުމުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު މޯނާއަށް ނުވިސްނުނަސް ރުހާމަށް ވިސްނެއެވެ.

މޯނާ ހުރީ ވަރުބަލިވެގެން ގޮސް ނިދި ބޮލަށް އަރައިފައެވެ. އަރާމުކޮށްލަން ނުހަނު ބޭނުންވެފައެވެ. އެ ހާލަތުގެ ގޮތުން ޒީކްއާ ޒުވާބުކުރަން އެތަނުގައި ހުންނާކަށް އޭނާގެ "މޫޑް" ތަނެއް ނުދިނެވެ.

ރޭގަނޑުގެ ވަގުތެވެ. ނިދިފައި އޮތް މޯނާއަށް ހޭލެވުނީ ޒުކަން ކުކުރާލި އަޑަށެވެ. ކުޑަ އެނދު ކައިރީ ގުދުވެލައިގެން އޮތް ރުހާމަށް ބަލަމުން މޯނާ ވަނީ ފާޚާނާއަށެވެ. ކުޑަކޮށް ތާޒާވެލައިގެން ނުކުތްއިރު ބަނޑު ހައިވެގެން ބަނޑުކުކުރާ އަޑުއިވެއެވެ. ބަދިގެ ފަރާތަށް ދިޔައިރު ޒީކް އުޅުނީ އަށިމަތި ސާފުކުރުމުގައި އަވަދިނެތިއެވެ.

"އަޅުގަނޑު ހީކުރީ ދައްތަ ނުކާނެކަމަށް." މޯނާ ގޮސް މޭޒު ކައިރީ އިށީނުމާއެކު ޒީކް ބުންޏެވެ.

"އާނ! ކަލޭ ހިތަކުން މަ ބަނޑުހައެއް ނުވާނެ. މަ ނުޖެހޭނެ ކާކަށް ވެސް." މޯނާ ހިތްހަމަނުޖެހުނެވެ. ޒީކްގެ އަޑު ޖެހުނަސް އޭނާގެ ލޭ ހޫނުވެއެވެ.

"ދައްތައެކޭ މި ގަރުދިޔަ ތެއްޔެކޭ އެއްގޮތެއްނު. އަބަދުވެސް ކެކިކެކި ތި ހުންނަނީ." އުނދުންމަތީގައި ކެކިކެކި ހުރި ގަރުދިޔަ ތެއްޔަށް އިޝާރާތްކުރަމުން ޒީކް ބުނެލީ ކުޑަކޮށް ހިނިއައިސްފައި ހުރެއެވެ. އޭނާގެ ބޭނުމަކަށް ވީ މޯނާ "ރޭސް" އަރުވައިލުމެވެ.

"ބޭކާރު އަނގަ ނުތަޅާ! ހަމަ މިހާރު ކާން ހަދާ." މޯނާ އަމުރުކުރިއެވެ.

ޒީކް ކާން ހެދުމަށް އަވަސްވެގަތެވެ. ބަތާއި ގަރުދިޔަ ގެނެސް މޭޒުމަތީގައި ބެހެއްޓުމުން، ބަތް އަޅައި ދިނުމަށް މޯނާ އެދުނީ އޭނާގެ "ރަސްމީ" ރާގުގައެވެ. ބަތް އެޅުމުން ގަރުދިޔަ އަޅައި ދިނުމަށް ވެސް މޯނާ ބުންޏެވެ.

"ލަވައިވެސް ދޭންވީތަ؟" ޒީކް ޖެއްސުންކޮށްލިއެވެ. މޯނާ ލޯ އަޅައިލިއެވެ. ޒީކަށް އައިސްގެން އުޅޭ ކުއްލި ބަދަލުގެ ސަބަބުން މޯނާ އަޖައިބުވާހާވެއެވެ. ޒީކަށް އެވަރުގެ ހިތްވަރެއް ލިބިގެން މިއުޅެނީ ކޮންތާކުން ހެއްޔެވެ؟ ޖެއްސުމަށް އެއްޗެހި ބުނަން ޒީކަށް ދަސްކޮށް ދިނީ ކާކު ހެއްޔެވެ؟ އޭނާގެ މަޤުޞަދަކީ ކޮބައިބާއޭ މޯނާގެ ހިތަށް އެރިއެވެ. ޒީކް ހުރީ އެތެރެއެތެރެއިން ހީލަހީލައެވެ.

"އެ ސަމާސާކޮށްލީ." ޒީކް ގަރުދިޔަ ތަށި ކައިރި ކޮށްލިއެވެ. ބަތްކާތަށި ތެރޭގައި އޮތް މޯނާގެ އަތްތިލައަށް ޒީކް ބަލައިލިއެވެ. އެވަގުތު އޭނާގެ ޝައިޠާނީ ސިކުނޑިއަށް ނުބައި ޚިޔާލެއް އައެވެ. އުދުޅިން އާވިއަރައަރާ ހުރި ގަރުދިޔަ އެތި ނެގިގޮތަށް މޯނާގެ އަތްތިލަ މައްޗަށް އޮއްސައިލިއެވެ. މޯނާއަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެވުނީ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަންނަމުންނެވެ.

"ސޮރީ. ސޮރީ." ޒީކް ދެލޯ ބޮޑު ކުރަމުން ފަހަތަށް ޖެހުނުއިރު އެ ތުންފަތުގަވި ހިނިތުންވުން މޯނާއަށް ވަންހަނާއެއް ނުވިއެވެ. މޯނާގެ އެތެރެހަށީގައިވާ ރޯވެ އަނދަމުންދިޔަ ހުޅުގަނޑު ފަޅައިގެން ދިޔައީ ދެނެވެ.

"ކިހާ ބޮޑު ދުއްޕާނެއް." މޯނާގެ ރުޅި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ވަގުތު މޭޒުމަތީގައި ހުރި ބިއްލޫރިތަށި ނަގާ ޒީކްއާ ދިމާއަށް ހޫރުވާލިއެވެ. ޒީކަށް ރެކި ގަންނާނެ ފުރުޞަތެއް ނުލިބުނެވެ. ނިތް މަތީގައި ބާރަށް ޖެހުނު ތަށި ބިންމައްޗަށް ވެއްޓި ފުނޑުފުނޑުވެގެން ދިޔަ އަޑު އެތަނުގައި ގުގުމާލިއެވެ. ޒީކްގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ނިތްކުރިމަތީގައި އަތުން ބާރަށް ހިފައިލެވުނުއިރު ތެތްކަމެއް އިޙްސާސްކުރެވުނެވެ.

ޒީކްގެ އިނގިލިތަކުގެ ދޭތެރެއިން ފައިބަމުންދިޔަ ނޫކުލައިގެ އޮލަ އެއްޗެއް މޯނާގެ ސަމާލުކަމަށް އަޔެވެ. ޒީކް އަތްތިރިކޮށްލުމާއެކު އެ ނިތްމަތިން ފަޅައިގެން ގޮސްފައިވާ ތަނުން ފައިބަމުން ދިޔަ ނޫ ކުލައިގެ ލޭ މޯނާއަށް ރީއްޗަށް ފެނުނެވެ. އަތުން ނަގަމުން ދިޔަ ދިލައިގެ މަތިން ވެސް އޭނާ ހަނދާންނެތުނެވެ. ޒީކް މޯނާއަށް ބަލައިލިއިރު މޯނާ ހުރީ ދެލޯ ބޮޑުކޮށްލައިގެން އޭނާއަށް ބަލާށެވެ. އެ މޫނުމައްޗަށް ފެތުރިފައިވާ ހައިރާންކަމުގެ ކުލަވަރު ޒީކަށް ތަރުޖަމާ ކުރެވުނީ ސިކުންތުކޮޅެއް ފަހުންނެވެ. ކުއްލިއަކަށް އޭނާ އަތަށް ބަލައިލަމުން މޯނާއަށް ފުރަގަސްދިނެވެ. އަދި ނިތުގައި ނިކަން ބާރަށް ހިފަހައްޓައިލައިގެން އިރުގަނޑަކު ހުރުމަށްފަހު އެނބުރިލިއެވެ. މިހާރު އެ ނިތުގައި ކޫރުމެއް ވެސް އެޅިފައި ނެތެވެ. ނަމަވެސް ނޫކުލައިގެ ލޭގެ ރޮނގުތައް ނިތްމަތިން ކޯތާފަތް މައްޗަށް ތިރިއަށް ދެމިފައި އޮތެވެ.

"މީ ކޯއްޗެއްތަ؟" ޒީކް އޮޅުވައިލަން މަސައްކަތްކުރިއެވެ. ނަމަވެސް މޯނާގެ ސިކުނޑި އެއަށްވުރެ ތޫނު ފިއްޔެވެ. ޒީކްއަކީ އިންސިއެއްނޫންކަން ޔަޤީންކުރާކަށް އިތުރު ހެތްކެއް މޯނާ ބޭނުމެއްނުވިއެވެ. ޒީކްގެ ހަށިގަނޑުން ވަޅި އެޅިކަމުގެ ނިޝާންތައް ނުފެނުނު ސަބަބު ވެސް މޯނާއަށް ވިސްނިއްޖެއެވެ. މޯނާ ގަތްބިރެއްގެ ސަބަބުން އެތަނުގައި މަޑުކުރާނެ ހިތްވަރު ވެސް ނުލިބުނެވެ. މޯނާ ދިޔުމާއެކު ޒީކްގެ މޫނު ކަންބޮޑުވުމުގެ ލިސާންތައް ފާޅުވިއެވެ.

***2018 އޮކްޓޯބަރ***

"މީ އަހަރުމެންނަށް އޯޑަރު އައިސްފައި އޮތްގޮތް." އެމީހާ ފަހުބަހަކަށް ބުނީ އެހެނެވެ. ޒީކްގެ އިސްތަށިގަނޑަށް ވާންކޮށްލަމުން ކަރުގައި ހުރަހަށް ވަޅި ދަމައިލިއެވެ. ޒީކްގެ ދެލޯ ބޮޑުވެގެންދިޔަ ހިނދު ދެއަތުން ކަރުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެހެނަސް އެ އިނގިލިތައް ފޫދުއްވާލައިފައި ހޯސްލާފައި ލޭތައް އޮހޮރެން ފެށީ ލައިގެން ހުރި ހެދުމަށެވެ. މަރަށް ތެޅެމުންދިޔަ ވަގުތު ޒީކްގެ ބަނޑަށް ވެސް ވަޅީގެ ދެ ހަމަލާއެއް އަމާޒުވިއެވެ. އެއަށްފަހު އެ ހަށިގަނޑު މޫދުގެ ލޮނުގަނޑުގެ ތެރެއަށް ކޮއްޕައިލީ އެއްވެސް ރަހުމެއް ނެތިއެވެ.

ޒީކްގެ ހަށިގަނޑު ލޮނުގަނޑުގެ ތެރެއަށް ޖެހުނުއިރު ވެސް އޭނާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ކަރުންނާއި ބަނޑުން ނުކުންނަމުން ދިޔަ ލޭތައް ލޮނުގަނޑު ތެރެއަށް ފޭދެމުން ދިޔައިރު އެ ހަށިގަނޑު ދިޔައީ އަޑިއަށެވެ. ލަސްލަހުންނެވެ. ޒީކްގެ ކަރުން ކަނޑައިގެން ގޮސްފައި ހިސާބުން ނޫކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަނޑާ ދިމާލުން ވެސް ފާޅުވީ ހަމަ އެ ވިދުމެވެ. މަޑުމަޑުން ކަރުގައިވާ ނިޝާން ފޮހެވެމުން ގޮސް އެއްކޮށް ފޮހެވުނެވެ. އޭނާގެ އިނގިލިތައް ހަރަކާތްކުރަން ފެށީ ދެނެވެ. ކުއްލިއަކަށް ދެލޯ ހުޅުވައިލިއެވެ. ފައިކޮޅަށް ބަލައިލެވުނެވެ. އަތަށް ވެސް ބަލަލިއެވެ. އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ނޫކުލައަށް ބަދަލުވެ، އެ ނިޔަފަތިތައް ދިގުވަމުން ދިޔައެވެ. އޭނާއަށް މިވަނީ ކީއް ހެއްޔެވެ؟ އަތުގެ ހަންގަނޑު ނޫކުލައަށް ބަދަލުވާން ފެށުމާއެކު ޒީކަށް ތެޅިފޮޅި ގަނެވުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކުލަ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. މޫނުގައި ދެއަތް ޖައްސައިލުމުން މޫނުގެ ބައްޓަމަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. ދަތްތައް ވެސް އެއްވަރުވެ ކޮޅު ތޫނުވިއެވެ.

އޭނާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ތޫނު ތަދެއް ވާންފެށިއެވެ. އަތުގެ ނިޔަފަތިތަކުގެ އެހީގައި ލައިގެން ހުރި ހަރުވާޅު ވީދައިލީ އެ ވޭނަށް ކެތްނުވެގެންނެވެ. ހަންގަނޑުގެ މައްޗަށް އަރަމުންދިޔަ ނޫކުލައިގެ ވިދުން ހުރި ހުޅުނބުތައް ޒީކަށް ފެނުނެވެ. އޭނާ ވަގުތުން އެ ހަރުވާޅު ހަށިގަނޑާ ވަކިކޮށްލިއެވެ. ޒީކް ދެލޯ ބޮޑުކޮށްގެން ބަލަބަލާ ހުއްޓައި އޭނާގެ ފޫޅުން ތިރިގައި އެއްކޮށް ހުޅުނބުން ބޯ ފަށަލައެއް ލެވި، ފައިކޮޅުގައި މަހެއްގެ ނިގޫފަތް ލެވިގެން ދިޔައެވެ.

(ނުނިމޭ)

* ފަނަރަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުމްސޭ

    އޯވ.. މާރމެޑެއްދޯ