ބާބު 16 – ތަދުބީރު

ޒިޔާދުއާ ވާހަކަ ދައްކާލެވުމުން ޒީކްގެ ހިތުގައިވި ނުތަނަވަސްކަމާއި ރުޅިވެރިކަން ފިލައިގެން ދިޔައެވެ. ބައްޕަ އޭނާދެކެ ވާލޯބި އިޙްސާސްކުރެވުމުން، ބައްޕަގެ މަޤާމުގައި ހުރެގެން ވިސްނާނަމަ، އެ ނިންމުމަކީ މޯނާފަދަ މީހެއްގެ ކިބައިން މިންޖުވުމަށް އެންމެ ބުއްދިވެރި ގޮތްކަމުގައި ޒީކަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. ބައްޕަދެކެ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކުނީތީ ޒީކް މާފަށް އެދުނެވެ.

"އެއީ މައްސަލައެއްނޫން ދަރިފުޅާ. ދެން އެ ވާހަކަތައް ބާއްވާފައި ބައްޕައަށް ކިޔައިދީބަލަ މަންމަގެ ވާހަކަތައް. އަށާރަ އަހަރުވަންދެން މަންމަ އެއްވެސް ޚަބަރެއް ނުވެ ހުރީ ކީއްވެގެން؟ މަންމަ ދުނިޔޭގައި ހުރިކަމުގެ އެއްވެސް އިޝާރާތެއް އަހަރުމެންނަށް ނުދިނީ ކީއްވެ؟ މި ހުރިހާ ދުވަހު މަންމަ އުޅުނީ ވަރަށް ހާލުގަތަ؟" ޒިޔާދު ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި އެހިއެވެ.

"މުނިކާފަ މަންމަ ގެންގުޅުނީ ހައްޔަރުކޮށްގެން. އަށާރަ އަހަރުވަންދެން. އެހެންވީމަ މަންމަ އުޅުނީ ހާލުގައޭ ވެސް ބުނެވިދާނެ." ޒީކް ކިޔައިދިނެވެ. "އަޅުގަނޑުމެން ކައިރިއަށް އަތުވެދާނެތީ، އަބަދުވެސް މުނިކާފައަށް ވަފާތެރި މީހެއް މަންމައަށް ފާރަވެރިވާން ހުރޭ. އެކަމާހުރެ މަންމައަށް ނާދެވުނީ. މަންމައާ ލޭގެ ގުޅުން އޮތުމުން މަންމަގެ ބާރުތައް ބޭނުންކޮށްގެން ހުވަފެނުގެ ޒަރީއާއިން މަންމަ ދުނިޔޭގައި ހުރިކަން އެންގެން އޮތް. އަޅުގަނޑަށް ތަންދޮރު އެނގޭވަރުވުމުން ވެސް މަންމަ ބޭނުންނުވީ ހުވަފެނުގައި އައިސް އަޅުގަނޑާ ބައްދަލުކުރަން. އެކަމުން އަޅުގަނޑަށް ނަފުސާނީ ގެއްލުމެއް ލިބިދާނެތީ މަންމަ ހިމޭނުންހުރީ. އެކަމަކު އަޅުގަނޑު މޯނާމެންނާ އެއްފުރާޅެއް ދަށުގައި އުޅެން ފެށުމުން މަންމަގެ ކެތްތެރިކަން ކޮޅުންލީ. މަންމަ ބޭނުންވީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް މަންމަ ދުނިޔޭގައި ހުރިކަން އަޅުގަނޑަށް އަންގަން."

"ރަނގަޅުތާ؟ ދަރިފުޅު އެގެޔަށް ދިޔަކަން ވެސް." ޒިޔާދު ޒީކްގެ ދެއަތުގައި ހިފައި ބާރުކޮށްލަމުން ބުންޏެވެ. "އެހެންނޫންނަމަ ދަރިފުޅަށް މަންމައާ ބައްދަލުވުމުގެ ފުރުޞަތެއް ނުލިބުނީސް. ބައްޕަ ވެސް ދަރިފުޅަށް އެ އަނިޔާ ދިނުމަށް އެއްބަސްވާކަށް ވެސް ނުޖެހުނީސް. އެރޭ ބައްޕަ އަސްލު ވަރަށް ބިރުގަތް. ދަރިފުޅުގެ ފުރާނައަށް ގޮތެއް ވެދާނެތީ. ބައްޕަ ބުނިގޮތަށް މާޒިން ކަންތައް ނުކޮށްފާނެތީ."

"ކުއްލިއަކަށް ސިފަ ބަދަލުވުމުން އަޅުގަނޑު ވެސް ބިރުގަތް." ޒީކް ބުނެލިއެވެ.

އެރޭ އިންސާނެއްގެ ސޫރައިން ފެނުޕަރީއެއްގެ ބިރުވެރި ސޫރައަށް ބަދަލުވުމުން ޒީކް ވަރަށް ބިރުގަތެވެ. އޭނާ ކަނޑުގެ އެތަން މިތަނުގައި ދުވުނީ އެކަމުން ސަލާމަތްވުމަށް އެދި ހަޅޭލަވަމުންނެވެ. އެ ހަޅޭކުގެ އަޑު މުސްކާނަށް އިވުނެވެ. މުނިކާފައަށް ވެސް އިވުނެވެ. ޒީކް ހައްޔަރުކޮށްގެން ގެނައުމަށް މުނިކާފަ އަމުރު ނެރުނީ އެ ހިސާބުންނެވެ. ޒީކް އަސީރެއްހެން ގެންދެވުނީ މުނިކާފަގެ ދަރުބާރަށެވެ. ޒީކްމެން ކަހަލަ އެތަކެއް މަޚްލޫޤުންނެއް އެތަނުގައި އުޅުނެވެ. އެއީ ކަނޑުގެ ވަރަށް ފުނުގައި އިރުގެ އަލިކަން ވެސް ލިބުމެއްނުވާ ހިސާބުގައި އޮންނަ ސަރަހައްދެކެވެ.

ޒީކްއާ މުސްކާން ބައްދަލުވީ އެ ތަނުންނެވެ. މަންމައާ ބައްދަލުވެ ވާހަކަ ދައްކާލެވުމުން ޒީކަށް ހުރިހާ ޙަޤީޤަތެއް އެނގިގެން ދިޔައެވެ. މުސްކާނާ ޚިލާފަށް ޒީކަށް މުނިކާފަގެ ގަނޑުވަރުގައި މިނިވަންކަންމަތީ އުޅުމުގެ ފުރުޞަތު ލިބުނެވެ. އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ޒީކް ނެގިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުނިކާފަގެ ލޯބި ހޯދިއެވެ. މުނިކާފަގެ ހުރަގެއިން މަންމަ ނަޖާކުރުމަށް ޒީކް މަސައްކަތް ފެށީ ދެނެވެ. މަންމައަށް މިނިވަންކަން ދިނުމަށް އާދޭސްކުރިއެވެ. މަންމައަށް އިންސާނުންގެ ފުށުން ލިބުނު އަނިޔާގެ ބަދަލު ހިފުމަށް މުނިކާފަ ބޭނުންނުވަނީތޯ ޒީކް ސުވާލުކުރިއެވެ. މުނިކާފަގެ އޮތީ އެންމެ ބިރެކެވެ. އިންސާނުންގެ ސަބަބުން އެމީހުންގެ ނަސްލަށް ގެއްލުން ލިބިދާނެތީއެވެ. އެމީހުންނަކީ ދުނިޔޭގައިވާ ބައެއްކަން އެނގޭކަށް މުނިކާފަ ބޭނުމެއް ނުވެއެވެ. އެ ސިއްރު، ސިއްރެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން ޒީކް ދިނެވެ. މަންމައަށް ޙިމާޔަތްދޭނެކަމަށް ވަޢުދުވިއެވެ. އެންމެފަހުން މުނިކާފައަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެކަމަކު ޝަރުޠެއްގެ މަތިންނެވެ. މަންމައަށް ދުވަހަކު ވެސް އިންސާނުންގެ ދުނިޔޭގައި އުޅުމުގެ ފުރުޞަތު ލިބުމެއްނުވާ ގޮތަށެވެ. އެ ވާހަކަ އިވުމުން ޒިޔާދު ހިތުގައި ޖެހުނެވެ. އޭނާ މިނިވަންވާ ދުވަހަކުން ވެސް މުސްކާންއާ ވަކިން އުޅެން މަޖުބޫރުވީތީއެވެ.

"މަންމަ ހެޔޮހާލުގައި ހުރިއްޔާ ބައްޕަ ވެސް ހުންނާނީ އުފަލުން." ޒިޔާދު ގަދަކަމުން ހިނިތުންވެލިއެވެ.

ދެން ޒީކް ކިޔާދިނީ މަންމައަށް ލިބިފައިވާ ބާރުތަކުގެ ވާހަކައެވެ. މުސްކާނަކީ ރަސްކަލެއްގެ ކާފަ ދަރިކަލުންނަށްވުމުން ގިނަގުނަ ބާރުތަކެއް ލިބިފައިވެއެވެ. އިންސާނުންގެ ސިކުނޑީގައިވާ ޚިޔާލުތައް ދެނެގަތުމުގެ ބާރާއި، އިންސާނުން ލައްވާ ވަކިކަމެއް ކުރުވުމާއި، ނުކުރުވުމުގެ ބާރުވެސް އެމީހުންނަށް ލިބިފައިވާކަމުގައި ޒީކް ބުނެލީ ހެމުންހެމުންނެވެ. އެ ހުރިހާ ބާރުތަކެއް މުސްކާނަށް ލިބުނީ ކިހިނެއްތޯ ޒިޔާދު ސުވާލުކުރިއެވެ.

"މަންމަ އިންސާނުންނާއެކު އިންސާނުންގެ މި ބިންމަތީގައި ދިރިއުޅުމުން ބާރުތައް ބޭނުންކުރަން މަންމައަށް ދަސްނުވީ. އެކަމަކު ކަނޑުގައި ދިރިއުޅެން ފެށުމުން އެ ބާރުތައް މަންމައަށް ލިބި ފުރިހަމަވެއްޖެ." ޒީކް ޖަވާބު ދިނެވެ.

ދެބަފައިން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު ޒީކް އެތަނުން ނުކުތީ ފަހުން ބައްދަލުކުރުމަށް އަންނާނެކަމަށް ވަޢުދުވެފައެވެ.

***

ޒީކަށް ވިލިނގިއްޔަށް އާދެވުނުއިރު އިރުއޮއްސެން ވަނީ ވަގުތު ކުޑަތަންވެފައެވެ. ފެރީގިމަތައިން ނުކުމެގެން ގެޔާ ދިމާއަށް ދަނިކޮށް ފަހަތުން އައި މީހަކު ޒީކްގެ އަތުގައި ހިފައިލުމާއެކު ސިހުމެއް ލިބުނެވެ. އޭނާ ތެޅިގެންފައި ބަލާލިއިރު ރުހާމެވެ.

"އޯ ގޯޑު. ބިރުން އަވަދިވެއްޖެ." ޒީކަށް ބުނެވުނެވެ.

ޒީކަށް ވީގޮތް ފެނުމުން ރުހާމް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ރުހާމް ލައިގެން ހުރި ރަސްމީ ހެދުމަށް ޒީކް ބަލައިލީ ސުވާލު އުފެދިފައި ހުރެއެވެ. މަޑުނޫ ކުލައިގެ އަތްދިގު ގަމީސްލައި ބެގީކޮށްފައި ހުރުމުން ޑިއުޓީ ނިންމިގޮތަށް ގެއަށް ވެސް ނުދަނީކަން އެނގުނެވެ.

"ގެއަށް ވެސް ނުދަންތަ؟" ޒީކް އެހިއެވެ. "މިތަނުގައި ކީއްކުރަނީ؟"

"މިއަދު ޒީ ތި ދިޔައީ ވަރަށް ބޮޑު ދޮގެއް ހަދާފައެއްނު." ރުހާމް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުންޏެވެ. "އެހެންވީމަ ޖެހޭނީ މިތަނުގައި ޒީ އަންނަންދެން ޒީގެ އިންތިޒާރުގައި ހުންނާކަށްނު. ޚަބަރު ބެލޭނެ ގޮތެއްވެސް އޮތީއެއްނޫން."

ޒިޔާދުއާ ބައްދަލުކުރުމަށް ޒީކް މާފުށްޓަށް ދާން އުޅުމުން، އެދަތުރުގައި ރުހާމް ވެސް ބައިވެރިވުމަށް ބޭނުންވިއެވެ. ނަމަވެސް އަޝްވާއާއެކުގައި ދަނީ ކަމުގައި ބުނެ ޒީކް ދޮގު ހެދީއެވެ. އެކަމަށް އިންކާރުކުރީއެވެ.

"އަޝް ނުވެސް ނެތް މާލޭގައި ވެސް. ޒީގެ ޚަބަރެއް ބަލަން އަޝްގެ ފޯނަށް ގުޅީމަ އެނގުނީ ވެސް." ރުހާމް އިތުރަށް ބުނެލިއެވެ. އެ އަޑުގައި ޔަޤީނުން ވެސް ހިތްހަމަނުޖެހުމުގެ އަސަރެއް ނެތެވެ. އެހެނަސް ރުހާމް ކަންބޮޑުވާނެވަރު ޒީކަށް އަންދާޒާކޮށްލެވުނެވެ. ޑިއުޓީ ނިމުނުގޮތަށް ގެއަށް ވެސް ނުގޮސް އޭނާގެ އިންތިޒާރުގައި ފާރައަށް ހުރުން އެކަމުގެ ހެތްކަކަށް ފުދެއެވެ.

"ސޮރީ. ހާމް ޑިއުޓީއަށް ސަލާމް ބުނުވާފައި ނުގެންދަންވެގެން." ޒީކް މާޔޫސްވިއެވެ.

"މަ ރުޅި އައިސްފައެއްނޫން މިހުރީ. އެކަމަކު ދެން އެކަހަލަ ކަމެއް ނުކުރާތި." ރުހާމް ފުޅާ ހިނިތުންވުމެއް ދެމުން ބުންޏެވެ. "ޒީ ފެނުނީމައި ހުރިހާ ހިތްހަމަނުޖެހުމެއް ފިލައިގެން ހިނގައްޖެ."

ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުން ގެޔާ ދިމާއަށް މިސްރާބު ޖެހިއެވެ. ގޭ ދޮރުމަތީގައި ކުރަކާލި ކަނޑަމުންދިޔަ މޯނާ ފެނުނީ އެ ގެ ހުންނަ މަގަށް އެޅި ފަހުންނެވެ. ރުހާމް ފޯރީގައި ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ލޮލުގައި މޯނާ އަޅައެއް ނުގަތެވެ. މޯނާގެ ނަޒަރު އެމީހުންނަށް ސީދާވުމުން ޒީކް ރުހާމްއާ ގާތްވެލިއެވެ. އަދި މަޑުމަޑުން ރުހާމް އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. ދެން ފެނިގެންދިޔައީ މޯނާ ބުއްރާސްޖަހާފައި ގޭތެރެއަށް ވަދެގެން ދިޔަތަނެވެ. ޒީކް ގާތަށް ހިނި އަންނަ ގޮތްވިއެވެ.

މޯނާ އޮންނާނީ ބިރުން ރަޖާ އަޅައިގެންކަމަށް ޒީކަށް ހީކުރެވުނެވެ. ކުރެވުނީ ކުށް ހީއެއްކަން ގޯތި ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ވެސް ރޭކައިލިއެވެ. ގޭ ދޮރުކަނީގައި އެއްއަތް ވިއްދައިލައިގެން ހުރި މޯނާގެ މޫނުމަތިން އެއްވެސް ވަރަކަށް ޖެހިލުންވުމުގެ އަސަރެއް ނުފެނުނެވެ. ބިރުވެރިކަމުގެ ކުޑަ ވެސް ލިސާނެއް ނެތެވެ. އެޔާޚިލާފަށް އޭނާ ހުރީ ކަމަކާ ހިތްހަމަނުޖެހިފައިހެން ހީވިއެވެ. ޒީކްގެ ހިތުގައި ގޮތް ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. މޯނާއާ ކައިރިއަށް ފިޔަވަޅުތައް އަޅަމުންދިޔަ ވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ރުހާމްއާ ދެމީހުން ގޮސް ދޮރު މައްޗަށް ހުއްޓުމުން ވެސް މޯނާ ދުރަށްދާކަށް ނޫޅުނެވެ.

"މޯނާ." ރުހާމް ގޮވައިލިއެވެ. ދޮރު ކައިރިން އެއްފަރާތަށް ޖެހިލުމަށް ރުހާމް ބުނެލިއެވެ. މޯނާ ކަހާތަން ހިރުވައި ވެސް ނުލިއެވެ. އެ ސިކުނޑީގައި ވަރުގަދަ ރޭވުންގަނޑެއް ރޭވެމުންދާކަން ޒީކަށް އެނގުނެވެ. އެ ސިކުނޑީގައިވާ ޚިޔާލުތައް ދެނެގަނެވުމާއެކު، ޒީކްގެ ހިތުގައި ވަކި ހިއްޕައިލި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އޭނާގެ ތުންފަތުގެ އެއްކަން މައްޗަށް އުފުލި މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން އައެވެ.

"މަ ހާމް ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބަ އޮތް." މޯނާ ޒީކަށް ބަލައިލަމުން ރުހާމަށް ނަޒަރު ސީދާކޮށްލިއެވެ. "ފަހަރުގައި މިއީ ހާމަށް ޤަބޫލުކުރަން އުނދަގޫ ވާހައަކަށް ވެސް ވެދާނެ. މަމީ މޮޔައެއްކަމަށް ވެސް ހީކޮށްފާނެ. ކޮންމެ ގޮތަކަށް ވިސްނިކަމުގައިވިޔަސް މި ވާހަކަ ނުބުނެ ދެން ހުރެވޭކަށް ނެތް. ހާމްގެ ކައިރީގައި ތިހުރީ އިންސާނެއް ނޫން."

ކުއްލިއަކަށް މޯނާ އިއްވާލި ވާހަކައާއެކު ރުހާމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާގެ ކަންފަތަށް އިވުނު އަޑު ޤަބޫލުކުރަން އުނދަގޫވެފައި މޯނާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

"އެއީ ޒީކްގެ ސިފަޖެހިގެން މިގެއަށް އައިސްގެން އުޅޭ ޖިންނިއެއް. ރުހާމަށް މި ހަޤީޤަތް ބުނެދޭން ރޭން ސުރެން ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ތިހިރަ ފެންނަ އެތި މަށަށް ބިރު ދައްކާ އިންޒާރުތައް ދިނީ." މޯނާ ކިޔައިދޭން ފެށިއެވެ. ރޭގައި އޭނާއަށް ދިމާވި ހާދިޘާގެ އިތުރުން ޒީކްގެ ފަރާތުން ލިބުނު އިންޒާރުތަކެވެ. އެ ވާހަކަތައް ރުހާމަށް ވީ ޖޯކަކަށެވެ. ބުއްދި ހަމަނުޖެހޭ ހާސަރުތަކަކަށެވެ. ޒީކްގެ ނިތްކުރިން ފޭބި ނޫކުލައިގެ ލެޔާއި، ޒީކްގެ ބާރުގެ ދަށުގައި ގަނޑުވެފައި މޯނާ ހުންނަންޖެހުނު ވާހަކަ ތަކުރާރުކޮށް ބުނުމުން ވެސް ރުހާމް ޤަބޫލެއް ނުކުރިއެވެ. އޭނާ ގާތަށް އައީ ހިންޏެވެ. އޭނާ ހެމުންހެމުން ބުނެލީ ތި ވާހަކަތައް ދައްކަން އެތެރެއަށް ދިޔުމަށެވެ.

މޯނާގެ މޮޔަކަން ހިތަށް އަރާފައި ޒީކް ހުރީ އެތެރެއެތެރެއިން ހީނލަހީނލައެވެ. ޒުކަންއަށް ކިޔައިދޭން ރަނގަޅު ވާހަކައެއްކަމުގައި ބުނެ ޒީކް ހަޖޫ ޖެހިއެވެ. އަދި އެކަމުގައި ރުހާމް ވެސް ބައިވެރިވުމުން މޯނާ ގާތަށް ރުޅިއައެވެ.

"ކަލޭ މޮޅިއްޔާ ނިކަން މި ގޭތެރެއަށް ވަދެބަލަ." މޯނާ ގޮންޖެހިއެވެ. "މިހިރަ ފެންނަ މޮހޮރު އެތަނުގައި ވާހާ ދުވަހަކު ކަލެޔަށް މިގޭ ތެރެއަށް ވަންނާކަށް ހަމަލާހިކު ކުޅަދާނައެއްނޫން."

މޯނާ ދޮރު ކުރިމަތިން އެއްފަރާތް ވެލަމުން އިޝާރާތްކުރީ ދޮރުގެ މަތީގެ ދާރައަށް ޖަހާފައިވާ މޮހޮރަށެވެ. އެއީ އެ ގެ ރައްކާތެރިކުރުމުގެ ގޮތުންނާއި ރުހާމަށް ޒީކްގެ ހަޤީޤަތް ފަޅާއަރުވާލުމަށް މޯނާ ހެދި ސިހުރެކެވެ. އެކަން އެނގުމުން ޒީކަށް ވަރުގަދަ ސިހުމެއް ލިބޭނެކަމަށް މޯނާ ހީކުރިއެވެ. އެހެނަސް ޒީކްގެ މޫނުގައި ވި ހަމަޖެހުމަށް ކުޑަވެސް ބަދަލެއްނައެވެ. އެޔާޚިލާފަށް ރުހާމަށް ލިބުނު ޝޮކު ވަރުގަދައެވެ. މާޒީގައި މޯނާ ސިހުރު ޢިލްމު އުނގެނިފައިވާކަން ރުހާމަށް އެނގެއެވެ. އެކަމަށް ބޭނުންކުރާ ފޮތްތައް ވެސް އެގޭގައި ހުންނަކަން އެއީ ވެސް އޭނާއަށް އޮޅިފައިވާކަމެއް ނޫނެވެ.

"ކަލޭ ތިއުޅެނީ މޮޔަވެގެންތަ؟" ރުހާމް ގާތަށް އަލިފާން ކަހަލަ ރުޅިއައެވެ. "ހަމަމިހާރު ތި މޮހޮރު އުފުރާލައި. ތިކަހަލަ ވިޔާނުދާ ހުރިހާކަމެއް ކަލޭ ކުރަން ވާނެ. މިހާރު ޒީކާ ޖައްސައިލައިގެން ތިއުޅެނީ ކޮން އައްސިއެއް އަރައިގެންތަ؟"

ރުހާމް އުޅުނީ މޮހޮރު އެތަނުން ލުހެލާށެވެ. ރުހާމުގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން މޯނާ އެކަމަށް ހުރަސް އެޅިއެވެ.

"މިއީ އޭނާގެ ހަޤީޤަތް ރުހާމަށް އަންގަންވެގެން މަ ކުރިކަމެއް." މޯނާ ބުންޏެވެ. "އޭނައަށް މިގެއަށް ނުވަދެވުނީމަ ރުހާމަށް މަޖުބޫރުވާނެ މަ ދައްކާ ވާހަކަ ޤަބޫލުކުރަން. އޭނަ ކައިރީ ބުނެބަލަ މި ގެއަށް ވަދެބަލާށޭ...."

މޯނާ ވާހަކަ ދައްކަދައްކާ ހުއްޓައި ފެނުނީ ޒީކް ގޭތެރެއަށް ވަދެގެން ދިޔަ ތަނެވެ. މޯނާގެ އަނގަ ވަގުތުން ބެދުނެވެ. ޚަރަކާތް ހުއްޓުމަކަށް އަޔެވެ. ޒީކަށް އެގެޔަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ސިހުރު ހެދުމުގައި އިހުމާލެއް ވެވުނީ ހެއްޔެވެ؟

"މިހާރު ދައްތައަށް އަޅުގަނޑު މީ އިންސާނެއްކަން އެނގިއްޖެއްނު." ޒީކް ހަށަންބަނދެލިއެވެ.

"އެކަހަލަ ބޯ ގޯސް ހުރިހާ އެއްޗެއް ކިޔާނެ." މޯނާގެ އަތް ފޮޅުވައިލަމުން ރުހާމް ވެސް ގޭތެރެއަށް ވަނެވެ. އޭރު ވެސް މޯނާ ހުރީ ގާވެފައެވެ. ޒީކަށް އެ ގެއަށް ވަދެވުނު ގޮތެއް މޯނާއަކަށް ނުވިސްނުނެވެ. އެ ހިތުން ޝައްކު ފިލައިގެން ނުދެއެވެ.

"ދައްތަގެ ތި ޝައްކުތައް ދުރުކޮށްދޭން ކުރަންޖެހޭ އިތުރުކަމެއްވޭތަ؟" ޒީކް ސުވާލުކުރިއެވެ.

ޒީކްގެ ނަޒަރު ސީދާވެފައި ހުރީ މޯނާގެ އަތުގެ ހިކަނދިމަސްގަނޑަށެވެ. އެތަނުގައި އަޅާފައި އޮތް ތަވީދުގެ ބަޑި، މޯނާ ލައިގެން ހުރި ޓީޝާޓުގެ މަތިން އަރާފައި އޮތެވެ. މޯނާއަށް އެ ތަވީދުގައި އަތް ޖައްސައިލެވުނެވެ. ރުހާމަށް ދެއަތަށް ބޯ ހޫރުވައިލެވުނެވެ. އޭނާ އަތުގެ އިނގިލިތަކުން ނިތްކުރިއަށް ބާރަށް ފިތައިލެވުނީ ޕިސް ކަނޑާލަމުންނެވެ. ޒީކް މަޑުމަޑުން އައިސް އެ ތަވީދުގައި ހިފިހިފީނުން އުފުރާލީ މޯނާގެ ހައިރާންކަން އިތުރުކޮށްފައެވެ.

"އަދިވެސް ޤަބޫލުކުރެވޭ ވަރެއްނުވޭތަ؟" ޒީކް އަތުގައި އޮތް ތަވީދު މޯނާގެ އަތަށް ލައިދެމުން އެހިއެވެ.

އަޖައިބުވެ އަންތަރީސްވެފައި ޒީކަށް ބަލަހައްޓައިގެން މޯނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒީކަކީ ޖިންނިއެއް ނޫންކަން އޭނާ ސާބިތުކޮށްދީފިއެވެ. އެ ހަޤީޤަތް ޤަބޫލުކުރުންނޫން އިތުރުގޮތެއް މޯނާއަކަށް ނެތެވެ. ޒީކް ކުރި އެއްވެސް ކަމަކީ އަލިފާނުން އުފައްދާފައިވާ މަޚުލޫޤަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެވަރުންވެސް ރޭގެ ހާދިޘާތައް އޭނާގެ ސިކުނޑިން އެއްފަރާތްވާ ގޮތެއް ނުވިއެވެ. އެއީ އިންސާނެއްގެ ފުށުން ފެންނާނެ ކަންކަމެއް ނޫނެވެ. ދެން މޯނާގެ ވިސްނުންތޫނު ސިކުނޑިއަށް އައީ ތަފާތު ސުވާލެކެވެ. ޒީކަކީ ޖިންނިއަކަށް ނުވާނަމަ ކޮންކަހަލަ މަޚްލޫޤެއް ހެއްޔެވެ؟

**2000 ވަނަ އަހަރު**

ޒިޔާދުއާ ޒީކް ހަވާލުކޮށްފައި، މުސްކާން ގިފިއްޔަށް ދިޔަގޮތަށް ޚަބަރެއް ނުވިއެވެ. ޒީކްގެ ރުއިމަކަށް ބަދަލެއް ނައެވެ. އެ މަންޖެ މަސަލަސްކުރަން އުޅެއުޅެ ޒިޔާދު ވަރުބަލިވީއިރު ވެސް މުސްކާން އަންނާކަށް ނޫޅުނެވެ. ގަޑީގެ ސިކުންތުކަށި ހިނގަމުންދިޔަ ވަރަކަށް ޒިޔާދުގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ނުބައި ޚިޔާލުތަކުން ސިކުނޑި ހާސްކުރަން ފެށުމުން، ޒިޔާދު ކޮޓަރި ދޮރާއި ހަމައަށް ގޮސް ދެތިން ފަހަރު މުސްކާނަށް ގޮވައިލުމާއެކު ވަރުދާ ކޮޓަރި ދޮރު ހުޅުވާލައިފައި ނުކުތެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ޒިޔާދުގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލަމުން ވަރުދާ އެހިއެވެ.

ކުޑަކުޑަ ޒީކް އުރައިލުމަށް ޒިޔާދު އެދުނީ ވެގެން އުޅޭގޮތް މަންމައަށް ކިޔާ ދިނުމެއް ނެތިއެވެ. ވަރުދާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޒީކް އޭނާގެ އަތަށްޖަހައިފައި ޒިޔާދު ނުކުމެގެން ދިޔައީއެވެ.

މުސްކާން ގިފިލީގައި ނެތުމުން ޒިޔާދު ނުކުތީ މަގު މައްޗަށެވެ. ހަމަހިމޭން ވަގުތެކެވެ. ހީރީގެ މަޑު މިޔުޒިކީ އަޑު ނޫން އަޑެއް ނީވެއެވެ. ހަނދުވަރުދޭ ރެޔަކަށްވުމުން ތަންދޮރު ވަކިވާވަރުވެއެވެ. އޭނާ މަގުގެ ދެކޮޅު ބަލައިލީ މުސްކާން ފެންނާނެކަމުގެ އުންމީދުގައެވެ. މުސްކާނެއް ފެންނާކަށް ނެތެވެ. އިތުރު މީހެއްގެ ވެސް ހިލަމެއް ނުވެއެވެ. ޒިޔާދު މުސްކާނަށް ގޮވަމުން ޖެހިގެން އޮތް މަގަށް އެޅި ވަގުތު އަންހެނެއްގެ ހަޅޭކުގެ އަޑު އިވުނެވެ. އަތިރިމައްޗާ ދިމާއިން އެ އިވުނު އަޑަކީ މުސްކާންގެ އަޑުކަން ޒިޔާދަށް އެނގުމާއެކު ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަނެވުނެވެ.

މުސްކާންގެ ސިފަވަނީ އޭނާގެ އަސްލު ސޫރައަށް ބަދަލުވެފައެވެ. ޕެނުޕަރީއެއްގެ ސިފަޖެހިފައިވާއިރު ނަގޫފަތުން ވެލިގަނޑުގައި ތަޅަމުން މުސްކާން އަޑުގެ ނެތްތަނަށް ހަޅޭލަވަމުން ދިޔައެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އޮތްއިރު އިހްސާސްކުރެވެމުން ދިޔައީ އޭނާއާއެކު މުޅި ދުނިޔެ ވެސް އެނބުރެމުންދާކަމެވެ. އޭރު ސިކުނޑީގައި ވަނީ ޒާތެއްގެ ތޫނުތަދެއް އުފެދިފައެވެ. އޭނާއަކީ ކާކުކަމެއް އެއީ ކޮންތަނެއްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް މީހަކު އައިސް މުސްކާންގެ ގައިގާ ހިފައިގަތުމާއެކު ވަރުގަދަ ސިހުމެއް ލިބުނެވެ. މުސްކާން ދެލޯ ބޮޑުކުރަމުން އެމީހަކަށް ބަލާލުމާއެކު ހަނދާނަށް އައީ ކަޅު ހެދުމުން ނިވާވެގެން ހުރި މީހަކު އޭނާއަށް ދިން އަނިޔާއެވެ. އޭނާގެ ހިތުގައި އުތުރިއަރަންފެށީ ބިރުވެރިކަމެވެ. ގާތުގައި އެ އިނީ ޒިޔާދުކަން އެނގުމެއްނުވާ ހާލުގައި މުސްކާން ހަޅޭލަވަމުން ފަހަތަށް ޖެހުނެވެ. ޒިޔާދު ކައިރިއަށް ޖެހިލީ މުސްކާނަށް ގޮވައިލަމުންނެވެ. މުސްކާން އަމިއްލަ ސަލާމަތަށް ނިގޫފަތުން ދިން ހޫނު ހަމަލާއާއެކު ޒިޔާދު ވިއްސައިގެން ދިޔައެވެ.

"މުސްކާން. ކިހިނެއްވީތަ؟" ޒިޔާދު ތެދުވެގެން މުސްކާންއާ ދިމާއަށް ދިޔައެވެ. "މިތަނުގައި ކީއްކުރަނީތަ؟ ކޮން ހަޅޭކެއްތިލަވަނީ."

"މަށާކައިރިނުވާތި؟ ތީ ކާކު؟" މުސްކާންގެ ދެލޮލުން ފެންނަނީ ބިރުވެރިކަމެވެ.

"މީ ޒިޔާދުއޭ." ޒިޔާދު ބުންޏެވެ. "މުސްކާންގެ ފިރިމީހާ."

"ކޮން ޒިޔާދެއް. ދުރަށްދޭ. ކައިރިނުވޭ." މުސްކާން ފަހަތަށް ފިރުކެން ފެށިއެވެ. "ކަޅުމީހާ. ތީ ކަޅުހެދުން ލީ މީހާ. ކަލޭ މަށަށް ސިހުރު ހެދީ."

ޒިޔާދު މަޑުމަޑުން މުސްކާނާ ކައިރިއަށް ފިޔަވަޅު ނަގަމުން ދިޔަވަރަކަށް މުސްކާން ދިޔައީ އެ ގޮވެލިފަތި ގޮވަމުން ފަހަތަށެވެ. އިރުއިރުކޮޅަށް ކައިރިނުވުމަށް ބުނެ ހަޅޭލަވައިގަނެއެވެ. ނިގޫފަތުން ޖެހުމަށް މަޅައިލައެވެ. އޭނާ ލަމުންދިޔަ ހަޅޭކާއި ކިޔަމުންދިޔަ ބަނދިވަރު ނިމުމަކަށް އައީ މޫދުގެ ލޮނުގަނޑުގެ ތެރެއަށް އޭނާގެ ހަށިގަނޑު ލޫދިގެން ދިޔުމުންނެވެ. އެޔާއެކު މުސްކާންގެ ހަނދާނަށް ހުރިހާކަމެއް އަޔެވެ. ޒިޔާދު އެއީ ކާކުކަން ވެސް އެނގުނެވެ. މުސްކާން ޒިޔާދަށް ގޮވައިލަމުން ބާރުބާރަށް ރޯން ފެށިއެވެ. ރާޅު ތުއިފަށުގައި ކަންބޮޑުވެފައި ހުރި ޒިޔާދު ގޮސް މުސްކާންގެ ގައިގާ އޮޅުލައިގަތެވެ.

"މުސްކާނަށް ކާކު ސިހުރު ހެދީތަ؟ ކޮންކަޅު ހެދުމެއްތަ؟ މިތަނުގައި މުސްކާން ކީއްކުރަނީ؟" ޒިޔާދުގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް ބަންޑުންކޮށްލިއެވެ.

ޖަވާބުގައި މުސްކާންގެ ފަރާތުން އިވުނު ވާހަކައިން ޒިޔާދަށް ލިބުނު ސިހުން ވަރުގަދައެވެ. ޤަބޫލުކުރަންދަތިވެފައި މުސްކާނަށް ބަލާލެވުމާއެކު މުސްކާން ރޮމުންރޮމުން ބުނީ ތި އިވުނީ ރަނގަޅަށް ކަމުގައެވެ.

"ހިނގާ އަވަހަށް ގެޔަށް ދާން." މުސްކާން ގޮވައިގެން ޒިޔާދު އެއްގަމަށް އެރިއެވެ. މުސްކާން ދެލޯ މަރާލަމުން ދެދަތްޕިލަ ޖައްސައި ބާރުކޮށްލިއެވެ. ދެއަތް މުއްކަވައިލަމުން ހަށިގަނޑަށް އަރުވާލި ބާރުގަނޑާއެކު އޭނާގެ ފޫޅުން ތިރީގައި ލެވިފައިވާ ހުޅުނބުގެ ބޯ ފަށަލަ ވަކިވެގެން ގޮސް އިންސާނެއްގެ ސޫރައަށް ބަދަލުވިއެވެ. އެޔާއެކު މުސްކާނަށް ވާނުވާ ނޭނގެންފެށިއެވެ. ކުރިން ގޮވި ބަނދިވަރުތައް ގޮވަންފެށިއެވެ. ހަޅޭލަވަން ފެށިއެވެ. މިފަހަރު މުސްކާން ހަމައަކަށް އެޅުނީ މޫދުގެ ލޮނުގަނޑު ތެރެއަށް ގޮސް އޭނާގެ އަސްލު ސޫރަ ޖެހުމުންނެވެ.

މުސްކާނަށް ހަދައިފައިވާ ވަރުގަދަ ސިހުރުގެ ސަބަބުން އޭނާއަށް އިންސާނެއްގެ ސޫރަޖެހި ބިންމަތީ ދިރިއުޅުމުގެ ނަސީބު ގެއްލުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވައިގެން ދިޔައިރު ވެސް އެ ދެމަފިރިން ތިބީ މޫދުގައެވެ. ހަދާނެ ގޮތެއް ކުރާނެކަމެއް ނޭނގިފައެވެ. މަސްވެރިން ފާލަމަށް ނުކުންނަން ފެށުމުން ޒިޔާދު އެދުނީ މުސްކާން ދިޔުމަށެވެ. މުސްކާންގެ ހަޤީޤަތް އިތުރު އިންސާނަކަށް އެނގިގެން ނުވާނެކަމުގައި ބުނެ ނަސޭޙަތް ދިނުމުން ވެސް މުސްކާން ދާކަށް ޚިޔާލެއް ނުކުރިއެވެ. އޭނާއަށް ކަނޑަކީ އައު މާހައުލެކެވެ. އެކަނިމާއެކަނި އެތަނުގައި އެންމެ ސިކުންތެއް ވެސް ވޭތުކުރުމަކީ ނުރައްކާތެރިކަމެކެވެ. ޒިޔާދަށް އެންމެފަހުން މަޖުބޫރުވީ މުސްކާންގެ ބޮލުގައި ހިފައި މޫދުގެ ލޮނުގަނޑުގެ ތެރެއަށް ގަންބާލާށެވެ. ދުރަށް ފޮނުވައިލާށެވެ. ރަށުގެ މަސްވެރިންނަށް ފެނިފައިވަނީ އެ މަންޒަރެވެ.

***2019 ވަނަ އަހަރު**

މެންދަމުގެ ވަގުތެވެ. ރުހާމަށް ނިދުނުކަން ޔަޤީންވުމާއެކު މޯނާ ކޮޓަރިން ނުކުތެވެ. ފެންޑާއަށް ގޮސް "ސިހުރުފޮށި" ހިފައިގެން އޭނާ ވަނީ ބަދިގެއަށެވެ. އެތަނުގައި އެ ފޮތްތައް ބަލައި އޮޅުންފިލުވުމުގައި އޭނާ ވަގުތުތައް ހޭދަކުރިއެވެ. ގެ ރައްކާތެރިކުރުމަށް ހެދި ސިހުރާއި، ހަށިގަނޑު ރައްކާތެރިކުރުމަށް ހެދި ސިހުރު ވެސް އޭނާއަށް ހެދުނީ އެކަންކުރަން ފޮތުގައި ލިޔެފައި އޮތް ގޮތަށެވެ. އޮޅިގެންވެސް ގޯހެއް ހެދިފައެއް ނެތެވެ. އެ ހިސާބުން ޒީކަކީ ޖިންނިއެއް ނޫންކަމަށް މޯނާ ޔަޤީންކުރިއެވެ. އެ ވާހަކަތައް ކޮންމެވެސް މީހަކާ ހިއްސާކުރުމަށް މޯނާ ބޭނުންވިއެވެ. އޭނާގެ ޚިޔާލަށް އެންމެ ފުރަތަމަ ވެސް އައީ މާޒިންގެ ނަމެވެ. ފޯނުނަގައި މާޒިންއަށް ގުޅައިލިއެވެ.

"މާލޭގަތަ؟" މާޒިން ފޯނުނެގުމާއެކު މޯނާ ބުންޏެވެ. "މިގެއަށް ނިކަން އަވަހަށް އައިސްދީބަލަ."

"ކޮންކަމަކު؟" މާޒިން ފަރުވާކުޑަ ގޮތަކަށް އެހިއެވެ.

"އަންނާނަންތަ؟ ނޫނީ ނާންނާނަންތަ؟" މޯނާ ރުންކުރުވާ ގޮތްވިއެވެ.

"މިދަނީ." މާޒިން ކުރު ޖަވާބެއްދީފައި ފޯނު ކަނޑައިލިއެވެ.

މޯނާ ގޮނޑިއެއް ދަމާލައިފައި މޭޒުކައިރީ އިށީނެވެ. "މަރުގެ އެތިފަހަރު" ހެދުމަށް ވާންޖެހޭ ތައްޔާރީތައް ލިޔެފައިވާ ފޮތް ދިރާސާކޮށް، އެކަމާ ވިސްނަން އިންދައި މީހަކު ބޭރު ދޮރު ހުޅުވައިލި އަޑުއިވުނެވެ. ގޮނޑިން ތެދުވެގެން ގޮސް ބަލައިލިއިރު ޒީކް ބޭރަށް ނުކުމެ ދޮރު ލައްޕަނީއެވެ. ދަންވަރު އެންމެން ނިދުމުން ޒީކް ސިއްރުސިއްރުން ނުކުމެގެން އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ޒީކް ދިޔަ ތަނެއް ބެލުމުގެ ޝަޢުޤުވެރިކަން މޯނާގެ ހިތުގައި އުފެދުނެވެ. ޖެހިލުންވެފައި ހުރެ ވެސް އޭނާ ދޮރާ ހަމައަށް ގޮސް ދޮރު ހުޅުވިއެވެ. ފަރާތްފަރާތަށް ބަލަމުން ގޮސް މަގު މައްޗަށް ނުކުތްއިރު، ކުރިމަތިން ފެންނަން ހުރި ގަސްތަކުގެ ތެރެއަށް ޒީކް ވަދެގެން ދެއެވެ. އޭނާގެ މިސްރާބު ހުރީ މޫދާ ދިމާއަށެވެ. މޯނާ ނިކަން ހަލުވިކޮށް މަގު ހުރަސްކޮށްފައި ޒީކްގެ ފަހަތުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް މޯނާގެ ކޮނޑުގައި ހިފުމާއެކު ދިޔައީ ސިހިގެންނެވެ.

"މާ ބާރަކަށް ތި ދަނީ ކޮންތާކަށްތަށް." މާޒިން އެހިއެވެ.

މޯނާ ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލައިފައި ޒީކް ދިޔަ ދިމާއަށް ބަލާލިއެވެ. އޭރު މޫދުކައިރީގައި ހުރި ބޮޑު ދިއްގާގަހުގެ ނިވަލަށް ޒީކް ވަންނަނީއެވެ.

"ހިނގާބަލަ." މާޒިންގެ އަތުގައި ހިފައިގެން މޯނާ ހިނގައިގަންނަން އުޅުނެވެ.

"ގެއަށް ހިނގާ." މާޒިން ހުއްޓުނެވެ. "މިކަހަލަ ތަނެއްގައި އެކަހަލަ ވިޔާނުދާ ކަންކަން ކުރާކަށްނުވާނެ. އަހަރުމެން ނޫނަސް މިތަނުގައި އެހެނިހެން މަޙްލޫޤުން ވެސް އުޅޭނެ."

މޯނާ މާޒިންއަށް ބަލައިލީ ހައިރާންކަމުން ފުރިގެންވާ ބެލުމަކުންނެވެ.

"އަބަދުވެސް ކަލޭގެ ބޮލުގައި އޮންނަނީ ޝަހުވާނީ އެދުންވެރިކަންތަ؟ ތި ހީކުރާކަހަލަ ކަމަކުނޫނޭ މިގެނައީ." މާޒިންގެ ކުށްހީ ދުރުކޮށްދިނުމުގެ ބޭނުމުގައި މޯނާ ބުންޏެވެ. "ހިނގާބަލަ. އެ ޒީކް ހިނގައްޖޭ މިދިމާއަށް. އޭނަ އެދިޔަ ތަނެއް ބަލައިލަން ހިނގާބަލަ."

"ނުޖެހޭނެ ދާކަށް." މާޒިންގެ ޠަބީޢަތު ކުއްލިއަކަށް ބަދަލުވެގެން އައެވެ. "މިރޭ ކަންތައްވާނީ ކަލޭ ބޭނުންވާ ގޮތަކަށްނޫން. ކުރީރޭ ވެސް މަށަށް ދިނީ ލަނޑު. އަބަދަކު ތިހެނެއް ނުހެދޭނެ. މިރޭ ޖެހޭނީ މަ ބޭނުންކަންތައްވާން."

މޯނާގެ ހައިރާންކަން އިތުރުވިއެވެ. އެއީ މާޒިންގެ ފުށުން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ކުލައެއް ނޫނެވެ. މޯނާގެ އަތުގައި ހިފައިލައިގެން މާޒިން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. މޯނާ އެ އަތް ފޮޅުވައިލީ ހިތުން މާޒިންއަށް އެތިވަރުތައް ގޮވައިގޮވައި ކެތްތެރިކަން ކޮޅުން ލުމުންނެވެ.

"ކަލޭ ގެއަށް ގޮސް ކުރާކަމެއް އެކަނިކުރޭ." މޯނާ ފެލިގަތެވެ. "މަ ނުޖެހޭނެދާކަށް."

"ކަލެޔަށް ޖެހޭނީ މަ ބުނާގޮތް ހަދަން." މާޒިން ދަތްތަކަށް ބާރުކޮށްލަމުން މޯނާގެ ހިކަނދިމަސްގަނޑުގައި ހިފައިލީ ބާރަށެވެ. "ނޫނީ ކަލޭގެ ފިރިމީހާ ކަލޭގެ ހުރިހާ ހަޤީޤަތެއް އަންގާނަން. ޒީކަށް ދިން އަނިޔާއާއި، މަށާ ކަލެޔާދެމެދު ހެދުނު ޑީލް ވެސް އޭނާއަށް ކިޔާދޭނަން."

މާޒިންގެ އިންޒާރުތަކަށް މޯނާކީ ފިނި މަރުހަބާއެކެވެ. ގެއަށް ގޮސް ރުހާމަށް ގޮވާފައި ހުރިހާ ހަޤީޤަތެއް ކިޔާދިނުމަށް މޯނާ ބުނެލީ މަލާމާތުގެ ހުނުމަކާއެކުއެވެ. އެ ހުނުން މެދުކެނޑުނީ މާޒިންގެ ފޯނުން ދައްކާލި ވީޑިއޯ ފެނިފައެވެ. އެ މޫނަށް ސީރިއަސްކަމުގެ ކުލަވަރާއެކު ބިރުވެރިކަން ވެސް ފޭދިގެން އައެވެ.

"ކަލޭ ކަހަލަ މަކަރުވެރި އަންހެނުންނާއެކު އުޅެވޭނީ މިކަހަލަ އެއްޗެއް ވެސް ރެކޯޑުކޮށްގެން. ކޮންމެފަދަ ގަޑިއަކު ވެސް ކަލޭ މަގޭ ކަރަށް ފައިން އަރާފާނެ. މި ވީޑިއޯ ފެނުމުން ރުހާމް ވެސް މަށަށް އިތުބާރުކުރާނެ. ހިލޭ ފިރިހެނުންނާ ގުޅުން ހިންގާ އަންހެނަކު އެކަކުވެސް ބޭނުމެއްނުވާނެ. ކަލޭގެ މީހެއްގެ ގޮތުގައި ރުހާމް ބަހައްޓަން ތި ދެކެމުންދާ ހުވަފެންތައް ވެސް ވަޔަށް ބުރައިގެން ހިނގައިދާނެ." މާޒިން މޭފުއްޕާލައިފައި ބުނެލިއެވެ.

މޯނާއަށް ގޮތް ހުސްވިއެވެ. މާޒިންގެ އެދުމަށް އިޖާބަދިނުމަށް މަޖުބޫރުވިއެވެ. އެއީ އޭނާގެ މުޅި ހަޔާތުގައި ވެސް އެފަދަ ކަމަކާ ކުރިމަތިވީ ފުރަތަމަ ފަހަރެވެ. ތިމާ ހިތްނުރުހޭކަމެއް މަޖުބޫރުން ކުރަންޖެހުމުން އެހިތަށް ލިބޭ ކެކުޅުން މޯނާއަށް އިޙްސާސްކުރެވުނު ވަގުތު މާޒީގެ އިތުރު މަންޒަރެއް އޭނާގެ ލޮލުގެ ކުރިމަތީގައި ވިދައިގަތެވެ. އެއީވެސް މިކަހަލަ ރެޔެކެވެ. އެއީ ރުހާމަށް ބިރު ދައްކައިގެން އެ އުފާ ޙާޞިލްކުރި ރެއެވެ.

ރުހާމަށް ސިހިފައި ހޭލެވުނީ މީހަކު އޭނާއަށް ގޮވައިލި އަޑު އިވިފައެވެ. ކޮޓަރިން ބޭރުން އެ އިވުނު އަޑަކީ ޒީކް އަޑުހެން ހީވިއެވެ. އޭނާ ކޮޓަރިން ނުކުތުމާއެކު ކަންފަތުގައި ޖެހުނީ މާޒިންގެ އަޑެވެ. ދަންވަރުގެ ގަޑީގައި މާޒިން އެ ގޭގައި ކުރަނީ ކީއްހެއްޔެވެ؟ ރުހާމްގެ ސިކުނޑިން ޒީކް އެއްފަރާތްވެގެން ދިޔައެވެ. އޭނާ ސިޑިން ފައިބައިގެން ގޮސް ފެންޑާ ތެރޭގައި ހުއްޓުނެވެ. ފަރާތްފަރާތަށް ބަލައިލިއެވެ. ކުއްލިއަކަށް ބަދިގެ ތެރެއިން މާޒިންގެ އަޑު އިވުނެވެ. މޯނާ އަޑުގަދަ ނުކުރުމަށް ބުނި އަޑުވެސް ސާފުކޮށް އިވުނެވެ. ރުހާމްގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. އޭނާ ނިކަން ބާރަށް ގޮސް ބަދިގެ ދޮރު މަތީ ހުއްޓުނެވެ. ފެނުނު ލަދު ހުތުރު މަންޒަރުން ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އޭނާއަށް މޯނާގެ ނަމުން ނިކަން ބާރަށް ގޮވައިލެވުނުއިރު މުޅި މީހާ ރުޅި އައިސް ރަތްވެއްޖެއެވެ. މޯނާގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އަޔެވެ. ދެލޯ ބޮޑުކުރަމުން އޭނާއާ ޖެހިފިތިގެން ހުރި މާޒިންގެ މޭމަތީގައި ދެއަތް އަޅައި ކޮށްޕައިލިއެވެ. މޯނާ ލައިގެން ހުރި ހެދުން ރީތިކޮށްލަމުން އެނބުރުނުއިރު ހިތްހީވަނީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ރުހާމް ދަތްޕިލައަށް ބާރުކޮށްލަމުން މާޒިންއަށް އަމުރުކުރީ އޭނާގެ ލޯ ކުރިމަތިން ފެއްސިގެން ދިޔުމަށެވެ. ނޫނީ އޭނާގެ އަތުންފައިން ގޯހެއް ހެދިދާނެ ކަމުގައެވެ. މާޒިންއަށް ލިބުނު ފުރުޞަތުގައި އެތަނުން ނުކުމެގެން ގޮސް ބޭރު ދޮރު ހުޅުވައިލެވުނީ މުސްކާންގެ ކުރި މައްޗަށެވެ.

"ހާދައަވަހަށް ތިދަނީ." މުސްކާން ބުންޏެވެ. "ކަލޭގެ މަސައްކަތް ފުރިހަމަކޮށްފިންތަ؟"

"މުސްކާން ބުނި ހުރިހާކަމެއް މަ ކޮށްފިން. މޯނާގެ ހަޤީޤަތް ރުހާމަށް އަންގައިފިން. އޭނާގެ ދެލޮލަށް އެ މަންޒަރުތައް ދައްކައިފިން. މަ ދޫކޮށްލާ. ހެޔޮނުވާނެ." މާޒިން އާދޭސްކުރާ ހާލުގައި ހުރެ ބުނެލިއެވެ.

މުސްކާންގެ ސަމާލުކަން ހުއްޓިފައި ވަނީ ބަދިގޭ ދޮރުމަތީގައި އޭނާއަށް ފުރަގަސްދީގެން ހުރި ރުހާމަށެވެ. އެތައް އަހަރުތަކެއް ފަހުން ރުހާމް ފެނުމުން އޭނާގެ ހިތަށް ގޮތެއްވެލިއެވެ. އެ ސޫރަ ދެކިލާހިތްވިއެވެ.

"ހެޔޮނުވާނެ. މަ ދިޔުމުގެ ހުއްދަދީ. މުސްކާން ބުނި ގޮތަށް ކަންތައްކޮށްފިން." މާޒިން އެދެމުންދިޔައެވެ.

"އެންމެ ރަނގަޅޭ. މަގޭ ޚިޔާލު ބަދަލުނުވަނީސް ކަލޭ މިތަނުން ރައްކާވޭ." މުސްކާނަށް އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެ އަޑު ރުހާމްގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ. އެތައް ދުވަހަކަށްފަހު މުސްކާންގެ އަޑު އިވުމުން ވެސް، އެއީ މުސްކާންގެ އަޑުކަން ރުހާމަށް އެނގުމަށް ސިކުންތެއް ވެސް ނުނެގިއެވެ. އޭނާގެ ކުރިމަތީ ހުރި މޯނާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަދި ކުއްލިއަކަށް ފަހަތަށް އެނބުރި ބަލާލިއިރު ދެލޯ ވަނީ މުދުނުގައެވެ.

(ނުނިމޭ)

* ސަތާރަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި!