ދެ ލޯ ބޮޑުކޮށްގެން ހުރެ ޝަރާ ދިޔައީ އަޝްވާން އާއި ދިމާލަށް ބަލަމުންނެވެ.

އަށް އަހަރަށް ފަހު މުޅި ދުނިޔެމަތިން އެންމެ ފޫހިވާ އިންސާނާ ލޮލަށް ފެނުމުން ކުރެވެން ފެށީ ދަންނަ އިހުސާސެއް ނޫނެވެ. އެއް ކުލާހެއްގައި އުޅުމުގެ ތެރޭ ދެމީހުންގެ ތެރޭގައި އުފެދުނު ރުޅިވެރިކަން އަހަރުތަކަށް މިވަނީ ދެމިގެން ގޮސްފައެވެ. އަޝްވާންއަކީ މުއްސަނދި އާއިލާއެއްގެ ވާރިސެކެވެ. އަހަރެންނަކީ ރާއްޖެތެރެއިން މާލެ އައިސް ހުރި މެދު ފަންތީގެ ކުއްޖަކީމެވެ. މިއީ އަޝްވާން އަހަރެންނަށް ގަނާކުރަން ނިންމި މައިގަނޑު ސަބަބެވެ.

އެހެން ކުދިންނެކޭ އެއްފެންވަރަށް އޭރު އަހަރެންނަށް އިނގެރޭސިން ވާހަކަ ދައްކަން ނޭނގޭތީއެވެ. މޮޅު ފެންވަރުގެ ދަބަސްތަކާއި، ރީތި ގަނޑުން ބޭރުފުށް ފަރުމާކޮށްފައިވާ ފޮތްތައް އަހަރެން އަތުގައި ނުހުންނާތީއެވެ. މުދައްރިސުންގެ ދުވަހުގައި ދޭނޭ އަގުބޮޑު ހަދިޔާއެއް ނެތީމައެވެ. އަހަރެންގެ އާއިލާ މާލޭގައި އުޅެމުންދިޔައީ މާ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ބައްޕައަކީ 24 ގަޑިއިރު މަސައްކަތްކުރާ މީހެކެވެ. މަންމަ އަކީ ހޮސްޕިޓަލް ސާފުކޮށްދޭން ދާ މަސައްކަތު މީހެކެވެ. ކުޑަ ދެ ކޮޓަރީގެ އެޕާޓްމަންޓުގައި އަހަރެމެންގެ ހަތް ބެއިން އުޅެން ހާދަ ދަތިވިއެވެ. އަހަރެންގެ އޮތް ހަމައެކަނި އުއްމީދަކީ މޮޅު ނަތީޖާއެއް ހޯދައިގެން ރަނގަޅު ވަޒީފާއަކަށް ދިއުމެވެ. ނަމަވެސް ސުކޫލު ދުވަސްވަރު އަޝްވާން ގެ ފުރައްސާރައިން އެކަމަށްވެސް އެތަކެއް ހުރަހެއް ކުރިމަތިވެގެން ދިޔައެވެ.

ގްރޭޑް 9 ނިމުނުގޮތަށް އަޝްވާން އިނގެރޭސި ވިލާތަށް ބަދަލުވާން ނިންމި ނިންމުމުން އެންމެ ބޮޑު އުފަލެއް ލިބުނީ އަހަރެންނަށެވެ. ދެން އުނދަގޫކޮށް މަލާމާތް ކުރާނޭ މީހެއް ނުހުންނާނެއެވެ. އަހަރެންނަކީ ބަލާބެލުމަށް ހުތުރު ކުއްޖެއް ނޫންކަމުން މަލާމާތް ކުރެވެނީ އަހަރެންގެ ދަށް ފެންވަރުގެ ދިރިއުޅުމަށް އެކަންޏެވެ. ބައެއްފަހަރު އަޝްވާންގެ ރަހުމަތްތެރިން މި ސަކަރާތުގައި ޝާމިލްވެއެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކެތްތެރިކަމާއެކު ތަހައްމަލް ކުރީ އަދި ރަނގަޅު ދުވަހެއް މިންވަރުކުރާނެ ކަމުގެ އުއްމީދުގައެވެ.

މިއަދު އަހަރެން މިހުރީ ބޭނުންވާ ހިސާބަށް އާދެވިފައެވެ. އަހަރެން މަސައްކަތްކުރަމުންދަނީ ރައީސް އޮފީހުގެ ބޮޑު މަގާމެއްގައެވެ. ފުރަތަމަ ހަމަސް ދުވަހު ލިބުނު މުސާރަ އެއްކޮށްގެން ދިގު މުއްދަތަކަށް ބޮޑު އެޕާޓްމަންޓެއް ކުއްޔަށް ހިފީމެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަދި ހަގަށް ތިބި ހަތް ބެއިން ގޮވައިގެން ބަދަލުވީ ކުރީގެ ހާލަތު އެ ކުޑަ ދެކޮޓަރީގެ އެޕާޓްމަންޓުގައި ކަފުންކޮށްފައެވެ. ދެން ފެންނާނީ ރަނގަޅު ދުވަސްތައް ކަމުގައި ދެކިގެންނެވެ.

މަދަރުސާގައި އަހަރެން އުޅުނު ކުލާހުގެ ކުދިން ބާއްވާ ރީޔުނިޔަން ޕާޓީއަށް ދާން އަހަރެން ނިންމީ އެހެންވެއެވެ. އެތާނގައި އަހަރެން މަތިން ހަނދާންވާ މީހަކު ހުންނާނެ ކަމާމެދުވެސް ޝައްކެވެ. ނަމަވެސް މަދަރުސީ ދައުރު އަހަރެންނަށް މަލާމާތް ކޮށްގެން އުފާހޯދި މީހުންގެ ދިރިއުޅުން ކިހާ ހިސާބަކަށް ދަތުރުކޮށްފިތޯ ބަލާލަން އަހަރެންވެސް ބޭނުންވިއެވެ. މި ހަފްލާއަށް ހާއްސަކޮށްގެން އަހަރެން ގަތް އަގުބޮޑު ހެދުން ގަޔަށް މަހާލީމެވެ. މޭކަޕުން މޫނު ފަޅުފިލުވާލީ މިއީ ޒަމާނީ އާދައަކަށް ވީމައެވެ. އުސްފައިވާނަށް އަރާ ދަބަސް އެއްއަތުން ނެގީމެވެ. ރީތިވާ ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލީ ތެޅެމުންދިޔަ ހިތަށް ތަސައްލީއެއް ދޭށެވެ. އެތަނުގައި ދަންނަ މޫނުތަކަށް ވުރެ ގިނަވާނީ ނުދަން މޫނުތަކެވެ. ދެން ބިރުގަންނަން ވީ ވަކި ކޮންކަމަކާ ހެއްޔެވެ؟

ބިރުގަންނަންވީ ސަބަބު ހުރީ އަތް ދިގު ގަމީހަކާއި އާދައިގެ ޖިންސެއްގައެވެ. އިސްކޮޅު ދިގުވެފައި ރޫފަ ރަނގަޅެވެ. މޫނުގެ ކުލަ، މި ހަފްލާގައި ތިބި އެހެންމީހުންނަށް ވުރެ އަލިއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ވަރަކަށް ކޮށާލާފައެވެ. ތުންފަތުގައި ކުރަހާލެވިފައިވާ މަޑު ހިނިތުންވުމުގެ އަމާޒަކީ އަހަރެންކަމެއް ނޭނގެއެވެ. ނަމަވެސް އެ މުށިކަން ގަދަ ކަޅީގެ ޝިކާރައަކަށް އަހަރެން މިވަނީ ވެފައިކަމާމެދު ޝައްކެތްނެތެވެ. ފުރަތަމަ ބެލުމުންވެސް މިއީ ކާކުކަން އަހަރެންނަށް އެނގިއްޖެއެވެ.

އަހަރެންނަށް އުނދަގޫ މިވަނީ ކުރެވުމުން މިދާ ބީރައްޓެހި އިހުސާސުތަކުންނެވެ.

"ހޭ"

އަޝްވާންގެ އަޑު އިވުނީ އަހަރެންނާ ދާދި ކައިރިންނެވެ. ސިހިފައި އަހަރެންގެ ލޯ އޭނާގެ ލޮލާ އެއްހަމަ ކޮށްލީމެވެ. އެ ލޮލުގައި ވަނީ ލާނެތް ވިދުމެކެވެ. އަހަރެންގެ ހިތް އިތުރަށް ތެޅެން ފެށިއެވެ.

"ހައި"

"ޝަރާ ދޯ؟"

އަހަރުތަކަކަށް ފަހު ފެނުމުންވެސް އޭނާއަށް އަހަރެން މިއީ ކާކުކަން އެނގުމުން ޒާތަކަށް ހައިރާންވިއެވެ.

"ހމމ. ތިއީ ކާކުކަމެއް ނޭނގުނު؟"

ދޮގު ހަދާލީ އަހަރެންގެ ހިތުން އަޝްވާންގެ ބޮޑާ މޫނު ފުހެވިގެން ނުދާކަން ފޮރުވުމުގެ މަގްސަދުގައެވެ. އޭނާގެ ހިނިތުން ފަނޑުވެގެން ދިޔުމުން އެކަން މާ ރަނގަޅަށްވެސް ކާމިޔާބު ވެއްޖެކަން އެނގިއްޖެއެވެ.

"އަޝްވާން"

އޭނާގެ ޖަވާބު ކުރެވެ. ދެން ކިޔާނެ އެއްޗަކާ މެދު ވިސްނަން ހުއްޓާ އަނެއްކާވެސް ވާހަކަ ދެއްކީ އަޝްވާނެވެ. ހަގީގަތުގައި އަހަރެން ހުރީ އަނގައޮޅިފައެވެ. ފާއިތުވި އަހަރުތަކުން އަޝްވާނަށް ވަނީ ބޮޑު ބަދަލުތަކެއް ގެނުވާފައެވެ. އޭނާގެ ރީތިކަން އަހަރެންގެ ހިތް ތަޅުވާލައެވެ. ކުރިން ކިޔާ ކޮންމެ އެއްޗަކަށް އަހަރެންގެ ދުލުކުރީގައި ރައްދެއް އޮތަސް މިހާރު ލޮލާ ލޯ ހަމަކުރަންވެސް ޖެހިލުންވެއެވެ. އަހަރެންނަކީ އާންމު ގޮތެއްގައި މިހާ ލަދުރަކި މީހެއް ނޫނަސް މިރޭ ކޯތާފަތަށް މިވަނީ ޕާމަނަންޓް ޖަންބު ކުލައެއް އަރާފައެވެ. ބޭއިޚްތިޔާރުގައި އިސްޖަހާލެވުނެވެ.

"ޝަރާ. އައި އެމް ސޮރީ"

ސިހިފައި އަނެއްކާވެސް އަހަރެންނަށް ބަލާލެވުނީ އަޝްވާންގެ މޫނަށެވެ. އެ މޫނުމަތިން އަހަރެންނަށް އިޚްލާސްތެރިކަން ނޫން އެއްޗެއް ފާހަގައެއް ނުވިއެވެ. ނަމަވެސް ގަނާ ކުރުމުގެ ޝިކާރައަކަށް ވެފައިވި އަހަރެންގެ މަޑުމޮޅި ހިތަށް ގަބޫލުކުރަން ދަތިވިއެވެ. އެހެންކަމުން މިނެޓެއް ފާއިތުވިއިރުވެސް އަހަރެން ހުރީ އެއްޗެކޭ ނުބުނެއެވެ. ހިތް ބުނަމުން ދިޔައެވެ. ހަމަ ސިކުންތުކޮޅެއް ތެރޭ އަޝްވާން ހޭން ފަށާނެއެވެ. ދެން މިތާނގައި ފިލާތިބި އޭނާގެ ރަހުމަތްތެރިން ނިކުމެ އަހަރެންނަށް މަލާމާތްކުރާން ފަށާނެއެވެ. އެއީ އަޝްވާންގެ އާދައެއް ނޫންހެއްޔެވެ؟

ނަމަވެސް އިރުގަނޑެއް ވުމުން ވެސް އަޝްވާން ގެ ފަރާތުން އެފަދަ އެއްވެސް ހަރަކާތެއްގެ ހިލަމެއް ނުވުމުން އަހަރެން ކަރުކެހިލީމެވެ.

"އިޓްސް އޯކޭ"

ތެދު ތެދަށް ބުނަންވީ ނަމަ އަހަރެން ހަނދާނެއް ނުނެތެއެވެ. މަދަރުސީ ދައުރުގައި ލިބުނު އެއްވެސް އަނިޔާއެއް ހަނދާނުން ނުފިލައެވެ. ނަމަވެސް އަހަރެން އެފަދަ ކަންކަމާ ވިސްނަނީ ހަރު ހިތަކާއެކުއެއް ނޫނެވެ. އޭރު އަހަރެން ތަހައްމަލް ކުރި ވޭން މިއަދު އަހަރެން މިވަނީ ކެތްތެރިއަކަށް ހަދާދީފައެވެ. އޭރު އަހަރެން ދަސްކުރި ފިލާވަޅުތަކުން މިއަދު އަހަރެން މިވަނީ ހިތްވަރާއި އިބްރަތް ހޯދައިފިއެވެ. އަހަރެންގެ އަތުން ދޫވި އެއްޗެއް ނެތެވެ. ދެން ހިތް ނުބައިވާންވީ ކޮންކަމަކާ ހެއްޔެވެ؟ ނިމިއްޖެ ކަމެއް ނިމުނީއެވެ. މާޒީ އޮންނަން ވާނީ މާޒީގައެވެ. މަންމަ އަބަދުވެސް ބުނާ ވާހަކަ އަކީ އެއީ ނޫންހެއްޔެވެ؟

"އަސްލުވެސް؟ އަހަރެން ހީކުރީ އެހެން އެކަކު އަހަރެންނަށް މަޢާފް ކުރިއަސް ޝަރާ އެއް ނުކުރާނެ ކަމަށް؟"

އަހަރެން ހިނިތުންވެލީމެވެ.

"އެ ކީއްވެ؟"

ސުވާލުކުރިއަސް ޖަވާބު އިނގެއެވެ. ނަމަވެސް އަހަރެން ބޭނުންވީ އަޝްވާން އަހަރެންނާ ވާހަކަ ދައްކަން އަދި އިރުކޮޅަކު މަޑުކޮށްލާށެވެ. މަޢާފްކުރުމާއެކު ގޮސްދާނެތީ އަހަރެންގެ ހިތް އެއްކޮޅަށް ޖެހި އަނެއްކޮޅަށް ޖެހެނީއެވެ. ރީތި މީހެއް ފެނުނަސް ތަންކޮޅެއް ބޮޑުވަރެވެ.

"އެއީ ކީއްވެކަން އިނގެއެންނު"

އަޝްވާން ސަމާސާކޮށްލިއެވެ. އަހަރެންވެސް ވަރަށް ޝައުގާއެކު އޭނާގެ ކޮންމެ ސުވާލަކަށް ޖަވާބުދެމުން ދިޔައީމެވެ. ގަޑި ދެގަޑިއިރު ފާއިތުވެ ޕާޓީ ނިމުނު އިރުވެސް އަހަރެމެން ދެމީހުން ތިބީ ޖެހުނުތާ، ބޮޑުތަކުރުފާނު ވާހަކައިގައެވެ. ދޭތެރެ ދޭތެރެއަކުން އަޝްވާންގެ ސަމާލުކަން ހޯދަން ކޮންމެވެސް އަންހެން ކުއްޖަކު އާދެއެވެ. ނަމަވެސް އަޝްވާންގެ ކަޅިވެސް އަހަރެންގެ މޫނުން ދުރަކަށް ނުދެއެވެ. އަހަރެންގެ ލަދުރަކިކަން ދެގުނަ އިތުރުވި ކަހަލައެވެ.

މި ރޭ ފެށިގެން ދިޔައީ އަޝްވާނަކީ އަހަރެންގެ ހަތުރެކޭ ހިތައެވެ. ހަނދު އޮއްސިގެން ދިޔައިރު ހިތް މުޅިންހެން ބަދަލުވެއްޖެއެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަންނެތި

    ވާހަކަ ރީތި! އެހެންނަމަވެސް މިއީ ކޮންމެވެސް ތާކުން ކުރިން ކިޔައިފައި އޮތް ވާހަކައެއް!