މުޅި ކާއިނާތަށް އިރު ގެ ދޯދިތައް މަރުޙަބާ ކިޔައިފިއެވެ. ޒައިނާ ގެއިން ނިކުތީ ފިހާރައަކަށް ދިޔުމަށްޓަކައެވެ. ފިހާރައިން ނިކުތް ތަނާ ޒައިނާގެ ލޮލުގައި އަޅައިގަތީ މަގުމަތީގައި ޕާކު ކޮށްފައިވާ ސައިކަލެއް ގައި އިށީދެގެން އިން ޒުވާނާއެވެ. އިސްކޮޅުން ދިގު އެ ޒުވާނާ ހުރީ ޒައިނާއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ޖާދުވީ ރީތިކަމެއް ލިބިފައި އެބަހުއްޓެވެ. ޒައިނާގެ ހިތް މަޑަކުންނޯތެވެ. ހިތް ތެޅެންފެށިއެވެ. ޒައިނާ ބާރު ހިނގުމެއްގައި ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ. ޒައިނާގެ ފަހަތުން އެ ޒުވާނާވެސް އައެވެ. ޒައިނާ ބިރުގަންނަ ގޮތްވިއެވެ.

"މަންޖޭ.... މަންޖޭ... "

އެ ޒުވާނާ ޒައިނާއަށް ގޮވަމުން ދިޔައެވެ. ޒައިނާގެ ހިނގުން އިތުރަށް އަވަސްވިއެވެ.

""މަންޖޭ... މިފަރާތް ބަލާލަބަލަ...

ޒައިނާގެ ހިތުގެ ހިނގުންވެސް ދިޔައީ އިތުރަށް އަވަސްވަމުންނެވެ. ޒައިނާ ފަހަތް ބަލާލަން ވަރަށް ބޭނުންވިއެވެ. އެހާ ރީތި ޒުވާނަކަށް ފުރަގަސް ދީފައި ދާން ޒައިނާ ބޭނުންނުވާތީއެވެ. އެހެންނަމަވެސް ޒައިނާގެ އެހާ ހިތްވަރެއް ނެތެވެ. ކުރިމަތި ލާން ލަދުގަންނަނީއެވެ. ބިރުގަންނަނީއެވެ.

" ގުޅައްޗޭ... ޕްލީޒް... އޯކޭ އެސް.އެމް.އެސް އެއް ކޮށްލިޔަސް... އިންތިޒާރު ކުރާނަނަ.... 7123567 "

މިހެން ބުނުމަށްފަހު އެ ޒުވާނާ ދިޔައެވެ. ޒައިނާގެ ހިތުގައި އެޒުވާނާ ބުނި ނަމްބަރު އެނބުރެމުން ދިޔައެވެ. ގެއަށް ވަދެވުމާއިއެކު ޒައިނާ އެ ނަމްބަރު ފޯނުގައި ސޭވް ކޮށްލިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޒައިނާ އޮތީ އޭނާގެ ކޮޓަރީގެ އެނދުމައްޗައް ވެއްޓިގަނެގެން ފޯނުގައި އޭނާ ސޭވްކުރި ނަމްބަރަށް ބަލަހައްޓައިގެންނެވެ. އެ ނަމްބަރަށް ގުޅަން އެތަކެއް ފަހަރަކު ޒައިނާގެ ހިތް ބުނަމުން ދިޔައެވެ. އެންމެ ފަހުން އެ ނަމްބަރަށް އެސް.އެމް.އެސް އެއް ކޮށްލަން ޒައިނާ ނިންމިއެވެ.

"ހެލޯ"

ޒައިނާ އެސް.އެމް.އެސް އެއް ފޮނުވާލިއެވެ.

" " ހެލޯ... މަގުމަތިން ފެނުނު ކުއްޖާތަ ތަ...؟

އެ ޒުވާނާގެ ރިޕްލައި އަވަސްވެފައި ވާހަކަ ފެށިގޮތްވެސް ވަރަށް ހުޝިޔާރެވެ. ޒައިނާ "ޔެސް" ޖަހަމުން ރިޕްލައިކޮށްލިއެވެ.

އެއާއި އެކު ޒައިނާ އާއި އެ ޒުވާނާގެ ވާހަކަ ދެއްކުން ފެށިގެންދިޔައެވެ. އެ ޒުވާނާ ބުނާ ގޮތުން އޭނާއަށް ކިޔަނީ ރިހާންއެވެ. 23އަހަރެވެ. ދިރިއުޅެނީ މާލޭގައެވެ. ޒައިނާވެސް ރިހާންއަށް ތަޢާރަފުވެލިއެވެ.

އެސް.އެމް.އެސް އިން ފެށުނު އެކުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. ގުޅުން ބަދަހި ވަމުންނެވެ.

ދުވާލެއް ރޭގަނޑެއް ނެތި އެ ދެމީހުން ދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ. ދުނިޔެ ލެއްވި ހުރިހާ ވާހަކައެއްވެސް ދައްކައެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. ރިހާން ބުނާ ގޮތުން އޭނާ އަކީ އެއްވެސް ކުއްޖަކާއި ރައްޓެހިވެގެން އުޅޭ ކުއްޖެއް ނޫންވެ. " ސިންގަލް" އެވެ. ޒައިނާ އެންމެ އުފާވަނީ އެކަމާއެވެެ. ޒައިނާވެސް "ސިންގަލް" ވީމައެވެ. ޒައިނާގެ ހިތުގައި ރިހާން އާއި ދޭތެރޭ ތަފާތު އިޙުސާސްތަކެއް ވެއެވެ. ޒައިނާ ބޭނުންވަނީ ރިހާން އަކީ ޒައިނާގެ މިލްކަކަށް ހަދަންށެވެ. އެހެންނަމަވެސް އެކަން ހާމަ ކުރަން ޒައިނާ ފަސްޖެހެއެވެ. އެއީ މިކަމާ މެދު ރިހާން ގެ ވިސްނުން ހުރިގޮތް ޒައިނާއަށް ނޭނގޭތީއެވެ. ރިހާން ގެ ވާހަކަތަކުން ބައެއްފަހަރު ޒައިނާދެކެ ގަޔާވާ ހެންހެންވެސް ޒައިނާއަށް ހީވެއެވެ. ޒައިނާ ގަބޫލު ކޮށްގެން ހުރީ ރިހާން ޒައިނާއަށް ލޯބި ހުށަހަޅާނެކަމަށެވެ. އެދުވަހަކަށް ޒައިނާ އިންތިޒާރު ކުރަމުން ގެންދިޔައެވެ.

 

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. ޒައިނާ އާއި ރިހާން އަކީ މިހާރު ވަރަށް ގާތް ދެމީހުންނެވެ. ޒައިނާގެ ހިތުގައި ރިހާން އަށް ދެވިފައިވަނީ ލޯބިވެރިއެއްގެ ދަރަޖައެވެ. ޒައިނާ ކަންބޮޑުވަނީ ރިހާންގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީއެވެ. ރިހާން ލޯބި ހުށަހެޅުން ލަސްވާތިއެވެ. އެހެންނަމަވެސް ޒައިނާ ދެކެނީ އަދި ވަރަށް އަވަހަށް ރިހާންއަކީ ޒައިނާގެ މީހަކަށް ވެގެން ދާނެކަމަށެވެ. ޒައިނާއަށް ހަޤީޤަތުގައިވެސް ރިހާންދެކެ ވަރަށް ލޯބި ވެވިއްޖެއެވެ. ރިހާންގެ ކޮންމެ އެސް.އެމް.އެސް އަކީ ޒައިނާގެ ހިތުގެ ފަރުވާއެވެ. ޝިފާއެވެ. ކޮންމެ ރެއަކުވެސް ޒައިނާއަށް ނިދެނީވެސް ރިހާން އަށް އެސް.އެމް.އެސް ކުރަން އޮއްވައެވެ. ޒައިނާ ހޭލުމަށް ފަހު ފޯނު ބަލާލާއިރު ވެސް ފެންނަނީ ރިހާން ކޮށްފައިވާ އެސް.އެމް.އެސް ތަކެވެ. ކޮންމެ އެސް.އެމް.އެސް އަކުންވެސް ޒައިނާގެ ހިތް އުފަލުން ފޮޅެއެވެ.

އެއްމަސް ފަހެވެ. ޒައިނާ ނިދާ ހޭލުމާއި އެކު ބަލާލެވުނީ ފޯނަށެވެ. ރިހާން ގެ ފަރާތުން އެއްވެސް އެސް.އެމް.އެސް އެއް ލިބިފައި އިންތޯއެވެ. ޒައިނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެއްވެސް އެސް.އެމް.އެސް އެއް ލިބިފައެއް ނެތެވެ.

" ގުޑް މޯރނިންގް" ޖަހާފައި ޒައިނާ އެސް.އެމް.އެސް އެއް ކޮށްލުމަށްފަހު ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުމެ ފޯނަށް ބެލިއިރުވެސް ރިހާންގެ ފަރާތުން އެއްވެސް ރިޕްލައެއް ނާދެއެވެ. ރިހާން އަދި ނުހޭލަނީ ބާއޭ ޒައިނާގެ ހިތް ބުނަންފަށައިފިއެވެ. ޒައިނާ ސައި ބޯލައިގެން އައިސް އަނެއްކާވެސް "ރިހާން " ޖަހާލާފައި އެސް.އެމް.އެސް އެއް ފޮނުވާލިއެވެ. ރިޕްލައެއް ނާދެއެވެ. ޒައިނާ ގުޅިއެވެ. ފޯނު އޮތީ ނިވާ ލާފައެވެ. ޒައިނާ ހާސްވާގޮތް ވިއެވެ.

މުޅި ދުވަސް ނިމުނު އިރު ވެސް ޒައިނާއަކަށް ރިހާންގެ ޚަބަރެއް ނުވިއެވެ. އެކަމާއި ދޭތެރޭ ވިސްނާ ވިސްނާ ޒައިނާގެ ގެ ހިތް ވަނީ މޮޔަވާން ގާތްވެފައެވެ.

 

" އަނެއްކާ މަގޭ ރިހާން ކޮބާބާ..؟ " ކޮޓަރި ތެރޭގައި ދެފަރާތަށް ހިނގަމުން ޒައިނާ އަމިއްލައަށް ވާހަކަދައްކަމުން ގެންދިޔައެވެ.

ޒައިނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ރިހާން ޒައިނާއަށް ޚަބަރެއް ނުވާތާ 2 މަހާއި 3 ދުވަސްވީއެވެ. ޒައިނާ ނުވެސް ކައެވެ. އަބަދުވެސް އޮންނަނީ ކޮޓަރީގެ އެނދުމައްޗަށް ވެއްޓިގަނެގެން ރޯންށެވެ. ރިހާންގެ ހަނދާނުގައެވެ. ރިހާނަށްޓަކައެވެ. ރިހާންް ޒައިނާއަށް އޮޅުވާލީބާއެވެ؟ ޒައިނާގެ އިޙުސާސްތަކާއި ކުޅުމަށްފަހު ފިލީބާއެވެ؟ ޒައިނާ އަމިއްލައަށް ރޮމުން އަމިއްލަ ނަފުސަށް ސުވާލު ކުރަމުން ގެންދިޔައެވެ.

ޒައިނާގެ މައިންބަފައިން ޒައިނާ ގެ ހިތާމަތައް އެމީހުންނަށް ކިޔާދިނުމަށް ތަކުރާރު ކޮށް އެދުނެވެ. އާދޭސް ކުރިއެވެ. އެހެންނަމަވެސް ޒައިނާ އަށް އެހާ ހިތްވަރެއް ނުލިބުނެވެ. ޒައިނާ ވަނީ ހިތާމަކޮށް ކޮށް ހަލާކު ވާން ގާތްވެފައެވެ. ރިހާން އާއި ނުލައި ޒައިނާއަށް އެއްވެސް އުފަލެއްނެތެވެ. ޒައިނާ ރިހާން ދެކެވީ ހަޤީޤީ ލޯތްބެވެ. ރިހާންގެ ހިތުގައި ޒައިނާ ދޭތެރޭ ދެކޭ ގޮތް ނޭގުމަކީވެސް ޒައިނާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެވެ. ކޮންމެ ގޮތެއްވިޔަސް ރިހާން މިއަދު މިވަނީ ޒައިނާ ދޫކޮށްލާފައެވެ. ދޫކޮށް ނުލިނަމަ މިހާ ދުވަހު ޚަބަރެއް ނުވެ ނުހުންނާނެ ކަމަށް ޒައިނާ ދެކެއެވެ.

ޒައިނާގެ ވިސްނުމަށް އައީ ކުރަން އެންމެ ނުބައި ކަންތަކެވެ. ﷲއަށް ކުފުރުވާން ވެސް ޒައިނާ ފަސްނުޖެހުނެވެ. ފަހުން ވާނެ ގޮތަކާއި ދޭތެރޭ ޒައިނާ ކުޑަކޮށްވެސް ވިސްނާ ނުލައެވެ. ކުޑަ ލިޔުން ކޮޅެއް ޒައިނާ ލިޔެލިއެވެ. ރޮމުންނެވެ. ހިތްފަޅައިގެދާ ޚާލުއެވެ.

ހަވީރުގެ ފިނިފިނި ވަގުތެވެ. ޒައިނާގެ މަންމަ ޒައިނާގެ ކޮޓަރީގައި ވަރަށް ގިނައިން ޓަކި ޖަހައިފިއެވެ. އެހެންނަމަވެސް އެއްވެސް ޚަބަރެއް ކޮޓަރިތެރެއިން ނުވިއެވެ. އެންމެ ފަހުން ޒައިނާގެ ބައްޕަ ކޮޓަރީގެ ދޮރު ފުޑާލިއެވެ.

"މަގޭ ދަރިފުޅާ ޒައިނާ..."

ޒައިނާ ދަން ޖެހިފައިވާ މަންޒަރު ފެނުމާއިއެކު ޒައިިނާގެ މަންމަގެ ގައިން ވަރު ދޫވިއެވެ. ހުރިތަނަށް ޖެހެގަނެވުނެވެ. ރޮމުން ހަޅޭލަވަމުންނެވެ.

ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޒައިނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު މީޑިޔާ ތަކުގެ ފަަލަ ސުރުހީތަކުން ޒައިނާ ގެ މަރުގެ ވާހަކަ ގުގުމަމުން ދިޔައެވެ. އެ ޚަބަރު ރިހާންގެ ކަންފަތަށް މުގުރާލީ ހޮނު ބާރު ގުގުރިއެއް ޖެހި ފަދައަކުންނެވެ. ރިހާން ވަރަށް ބާރަށް ގެއިން ނިކުމެ ދުއްވައިގަތެވެ. "ޒައިނާ" އަށް ގޮވަމުންނެވެ.

ހޮސްޕިޓަލަށް ވަދެވުނު އިރު ރިހާންގެ ނޭވާ އުފުރައިގެން ދަނީއެވެ.

" " ޒައިނާ...

އެނދުމަތީގައި ބާއްވާފައި އޮތް ޒައިނާގެ ފުރާނަނެތް މަސްގަނޑު ފެނުމާއި އެކު ރިހާންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގެންދިޔައެވެ.

ޒައިނާގެ މައިންބަފައިން ކައިރީ ރިހާން ގެ ހިތް ކުދިކުދިވެގެން ދާ ޙާލު ކިހިނެއްވީތޯ ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒައިނާ ގެ މަންމަ ކުރީ ސުވާލެކެވެ.

ތީތަ ރިހާން އަކީ؟..." ޒައިނާގެ މަންމަ ރޮމުން އެއްސެވެ.

"އާނ... މީ ރިހާން... " ރިހާން ފުންހިތާމަ އާއިއެކު ބުނެލިއެވެ.

ޒައިނާގެ މަންމަ ރިހާންގެ އަތަށް ލިޔުން ކޮޅެއް ދިނެވެ. އެއީ ޒައިނާގެ ފަހުގެ ބަސްކޮޅެވެ. ރިހާން ކިޔަންފެށިއެވެ. އޭގައިވެއެވެ.

" މަންމާ... ބައްޕާ... މަށަށް މަޢާފުކުރޭ..... މަށަށް ރިހާން ދެކެ ލޯބި ވެވިއްޖެ... ރިހާން ލިބެން ނެތް އިރު މަށަށް އޭނަ ދެކެ ލޯބި ވެވުނީ މާބޮޑަށް.... ދިރިއުޅެން ދަތި ވާވަރަށް ލޯބި ވެވުނީ.... އަދި އޭނަ މަ ދޫކޮށް ފިލީ... ނުވެސް ބުނެ ހަމަ ކުއްލިއަކަށް ހުރެފަ ފިލީ... ރިހާން މަ ދިރި ހުއްޓާ މަރާލީ މަންމާ.. އެހެން ހަދާކަށް ނުވާނެއްނު މަށަށް... މަންމާ... ބައްޕާ... މަޢާފު ކުރޭ މަށަށް... "

ލިޔުންކޮޅު ކިޔާ ނިމުނު އިރު ރިހާންއަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. ބޭއިޚުތިޔާރުގައި ރިހާންގޮސް ޒައިނާގެ ފުރާނަނެތް މަސްގަނޑުގައި ބައްދާލެވުނެވެ.

 

" ނޫން... ނޫން.. ޒައިނާ.... ތިހެން ނުބުނޭ.... މަ ޒައިނާ އަށް އެސް.އެމް.އެސް ކުރުން ހުއްޓާލީ މަށަށް މަޖުބޫރު ވެގެން... ޒައިނާ... މަ މިހާރު މިދަނީ ދިރިއުޅުމުގެ އެންމެ ފަހުގެ ދުވަސްތައް ގުނަމުން.... މަށަށް މިހުރީ ކެންސަރު ޖެހިފަ... "

ރިހާން އަށް ބުނެވުނީ މިހާ ހިސާބަށެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އަނެއްކާވެސް ރިހާން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

" އެހެންވީމަ މަ ބޭނުން ނުވީ މަށާ ހެދި ޒައިނާއަށް ދެރަ ގޮތެއް ވާން.. އެކަމު ޒައިނާ މަދެކެ ތިވަރަށް ލޯބި ވިއިރު ކީއްވެ މަ ގާތު ނުބުނީ؟.... ބުނި ނަމަވެސް މަ މިހެން ނުހެދީމުސް"

ރިހާން ޒައިނާގެ ގައިގައި ބައްދައިގަނެގެން އޮވެ ރޮމުން ވާހަކަ ދެއްކިއެވެ. މުޅި އެެތަނުންވެސް އިވެމުން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑެވެ. ވޭނީ ހިތާމައިގެ ކެކުޅުމުން މުޅި އެތަން ވަނީ ހިތްދަތިކަމުގެ ކިއްލާއަކަށް ބަދަލުވެފައެވެ. އެސް.އެމް.އެސް އިން ފެށުނު ލޯބި ނިމިގެން ދިޔައީ ވަރަށް ހިތްދަތިކޮށެވެ. ވަރަށް ވެސް އަސަރުގަދަ ކޮށެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙިޔާލު

    އަމިއްލަޔަށް މަރުވާން ބާރު އަޅާކަހަލުގެ ވާހަކަ ނުލިޔަމާ

    15
    1
  2. Anonymous

    ma hama rovvaalaifi. Varah asarugadha vaahaka eh

  3. ކޮތަރު

    ކުފުރު މަރަކުން ނޫން ގޮތަކަށް ޒައިނާގެ މަރު ގެނަސްފަ، ޒައިނާގެ ގައިމައްޗަށް ރިހާން މަރުވެގެން ވެއްޓޭ ހިސާބަށް ލިޔެލިނަމަ މިވާހަކަ ވަރަށް ފުރިހަމަވީސް.

  4. ސަލްވާ

    ރީތި ވާހަކައެއް?

  5. Anonymous

    ވާހަކަ ލިޔުންތެރިޔާއަށް ހިދާޔަތް ދައްކަވާށި

  6. ...

    ސަޅި..