އިނގިރޭސިވިލާތުގެ ލީމިންގްޓަން ސްޕާ ނަމަކަށް ކިޔާ އަވަށުގައި ދިރިއުޅެމުން ދިޔަ ޖެސިކާ ކިބްލާ އާއި ޖެކް ޝަޓޮކް ދިޔައީ އެމީހުންގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަން ވާނެ ވަގުތަކަށް ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ވަރަށް ދިގު އިންތިޒާރެއް ކުރަމުންނެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު އޮތް އިރު އެއްވެސް ތަފާތު ކަމެއް ދަރިފުޅުގެ ކިބައިން ފާހަގަ ކުރެވޭ ކަމަށް ޑޮކްޓަރުން ވެސް ނުބުނެއެވެ.

ނަމަވެސް އުމުރުން 19 އަހަރުގެ ޒުވާން ޖެސިކާ ވިހޭ ވަގުތު އޭނާ އަށް އާދަޔާއި ހިލާފު ތަދެއް އިހްސާސް ކުރަން ޖެހުނެއެވެ. ސަބަބަކަށް ވީ އެމީހުންގެ ދަރިފުޅު އޮތް ގޮތެވެ.

މިދިޔަ ނޮވެމްބަރ މަހު އުފަންވި ކައިދެން ޖެކް ޝަޓޮކް އުފަންވިއިރު އެކުއްޖާގެ ހަށިގަނޑުގައި ހަންގަނޑެއް ނެތެވެ. ހަށިގަނޑުގައި ހަން އުފެދިފައެއް ނުވެއެވެ.

ފުރަތަމަ ކުއްޖާ ފެނުނު ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އެއީ ދުވަހަކު ވެސް މިފަދަ ކުއްޖަކު އެމީހުންނަށް ފެނިފައި ނުވާތީއެވެ.

ޑޮކްޓަރުން ވަނީ ޖެކް ދުވަސްކޮޅަކު ވެސް ދުނިޔޭގައި އޮވެދާނެ ކަމުގެ އުއްމީދު ނެތް ކަމަށް ފުރަތަމަ ވެސް ބުނެފައެވެ. އަދި ދުނިޔޭގައި އޮތް ނަމަވެސް އޭނާގެ ހަށިގަނޑަށް ހަން އަރައި ހާލަތު ބަދަލު ވެދާނެ ކަމުގެ އުއްމީދު ނެތް ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

ނަމަވެސް ޑޮކްޓަރުން އެމީހުންގެ ޒިންމާ އަދާކުރިއެވެ. ތުއްތު ޖެކް އަށް ފަރުވާ ކުރިއެވެ. ނަތީޖާ އަކަށްވީ މިހާރު އޭނާގެ ހާލަތު ރަނގަޅުވެފައި ވުމެވެ. މިހާރު ޖެކްގެ ހަށިގަނޑުން ތަފާތު ކަމެއް ފާހަގަ އެއް ނުކުރެވެއެވެ.

ޖެކްސްގެ މަންމަ ބުނީ ދަރިއަކު ބެލުމުގެ އެއްވެސް ތަޖުރިބާއެއް ނެތި އަދި އަމުރުން ބަލި ކުއްޖަކު ބަލަން ޖެހުން އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ނަމަވެސް މިހާރު ވަރަށް ރަނގަޅަށް ދަރިފުޅު ބެލެހެއްޓެމުންދާ ކަމުގެ އިހްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު