ތަރައްޤީ އާއި ކުރިއެރުމުގައި އެމެރިކާ އަކީ ދުނިޔޭގެ އެއްވަނަ ކަމަށް ވީނަމަވެސް އެމެރިކާގައި ވެސް ހުރިހާ ކަމެއް ހުންނަނީ އެންމެ ފުރިހަމައަކަށް ނޫނެވެ. އެމެރިކާގެ މުއައްސަސާތަކުން ވެސް ގޯސްތައް ހަދައެވެ. ހާއްސަކޮށް އެގައުމުގެ ފުލުހުން ހަދާ ގޯސްތަކުގެ އަޑު މީޑިއާގައި ގަދައެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ހާދިސާއެކެވެ.

އެމެރިކާގެ ފްލޮރިޑާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރަން ޖެހޭ މީހާގެ ބަދަލުގައި އޭނާގެ ރަހުމަތްތެރިޔަކު މިވަނީ ހައްޔަރު ކުރެވިފައެވެ.

ފުލުހުން ހައްޔަރު ކުރަން ކޯޓު އަމުރު ވެސް ހޯދީ ރޮޑްރިގޭޒް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރާށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ރޮޑްރިގޭޒް ދިރިއުޅޭ ސަރަހައްދަށް ފުލުހުން ގޮސް އޭނާ އަށް ފާރަވެސް ލިއެވެ.

ނަމަވެސް ފުލުހުން ސްޓަންޓް ގަން ހިފައިގެން ގޮސް ބާރުގެ ބޭނުން ކޮށްގެން ހައްޔަރު ކުރެވުނީ ކެސިއާނޯ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވައްޓާލައިގެން ގަދަކަމުން ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭނާ ވަނީ އޭނާ އަކީ ކުއްވެރިއެއް ނޫންކަމަށް ބުނެ އަޑުގަދަ ކޮށްފައެވެ.

ކެސިއާނޯ ހީކުރީ ފުލުހުން އޭނާ ހައްޔަރު ކުރީ ކަޅު ނަސްލުގެ މީހަކަށް ވާތީ ކަމަށެވެ. އެއީ ކަޅު ނަސްލުގެ މީހުންނަށް އަނިޔާކޮށް، ހައްޔަރު ކުރުމަކީ އެމެރިކާގެ ފުލުހުން އާއްމުކޮށް ކުރާ ކަމަކަށް ވާތީ އެވެ.

ހައްޔަރު ކުރެވުނީ ހައްޔަރު ކުރަން ޖެހޭ މީހާ ނޫންކަން ފުލުހުންނަށް އެނގުނީ ކެސިއާނޯ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ މައުލޫމާތު ސާފު ކުރުމުންނެވެ. އެހެންކަމުން ފުލުހުން ވަނީ އަސްލު ހައްޔަރު ކުރަން ޖެހޭ މީހާ އޭގެ ކުޑައިރުކޮޅެއް ފަހުން ހައްޔަރު ކޮށް ކެސިއާނޯ ދޫކޮށްލާފައެވެ.

ކެސިއާނޯ މިހާރު ތައްޔާރުވަމުން ގެންދަނީ މިމައްސަލައިގައި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ކަލޯ ދޫނުދޭތި