ޕޮލޯންޑް ގައި މަސްތުގެ ހާލަތުގައި ހުރި މީހަކު އަސްކަރީ ޓޭންކަރެއް ބޭނުން ކޮށްގެން މުޅި އަވަށެއްގެ ހަމަޖެހުން ނަގާލައިފިއެވެ.

ޕޮލެންޑްގެ އަވަށެއް ކަމަށްވާ ޕަޖެސްކޯގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މިހާދިސާގައި ޓޭންކަރު ދުއްވަން އިން މީހާ އަތުގައި ޓޭންކަރު ދުއްވުމުގެ ލައިންސެންސް އޮތް ނަމަވެސް އޭނާ މަސްތުގެ ހާލަތުގައި ހުރި ކަން އެގުމުން ފުލުހުންނަށް އޭނާ ޓޭންކަރުން ނެރެން އެތަށް ގަޑިއިރެއް ހޭދަވިއެވެ.

އޭނާ މި ޓޭންކަރު ބޭނުންކޮށްގެން އެ އަވަށަށް ގެއްލުމެއް ދީފައި ނުވި ނަމަވެސް އޭނާގެ މި އަމަލުގެ ސަބަބުން ނުރައްކާތެރި ހާދިސާ އެއް ހިންގާފާނެތީ އެތަށް ގަޑިއިރެއްގެ މަސައްކަތަށް ފަހު ފުލުހުން ވަނީ އޭނާ ޓޭންކަރުން ނެރެ ހައްޔަރުކޮށްފައެވެ.

36 ޓަނުގެ މި ޓޭންކަރަކީ ދެވަނަ ބޮޑު ހަގުރާމައިގައި ވެސް ބޭނުން ކުރި ޒާތުގެ ވަޒަން ނާރާ ޓޭންކަރެކެވެ. ޓޭންކަރޔ ދުވަން އިން އުމުރުން 46 އަހަރުގެ މީހާގެ މައްޗަށް ވަނީ ޓޭންކަރެއް ބޭނުން ކޮށްގެން ސަރަހައްދެއްގެ ހަމަޖެހުން ނަގާލި ކަމަށް ބުނެ ދައުވާ ކޮށްފައެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަށް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

މީގެ ކުރިން މިޒާތުގެ ހާދިސާއެއް ހިންގީ އެމެރިކާގެ ވާޖިނީއާގައި މިދިޔަ އަހަރުއެވެ. ވާޖިނިޔާގެ އަސްކަރީ ބޭސް އަކުން ސިފައިންގެ މީހަކު ޓޭންކަރެއް ވަގަށް ނަގައިގެން ފިލަން މައްސަކަތްކޮށްފައިވެއެވެ. ވާޖިނިއާގެ ފުލުހުން ވަނީ އެ ސްޓޭޓްގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓޭންކެއް އަތުލުމަށް އެ ޓޭންކު ފަހަތުން ރޭސް ވެސް ޖަހާފައެވެ. މި ހާދިސާއާއި ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި މިއީ އަސްކަރީ ބަގާވާތެއް ކަމަށް ހީކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު