ބޮލީވުޑްގެ "ބާއީ" ސަލްމާން ޚާން އަކީ އޭނާއަށް އެންމެ އެހީތެރިވެދޭ ފަރާތްކަމަށް މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ވަރުން ދަވަން ބުނެފިއެވެ.

ވަރުން މިހެން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ސުވާލުކުރުމާއި ޖަވާބު ދިނުމުގެ ފޯރަމެއްގެ ތެރެއިން ނޫސްވެރިޔަކު އެންމެ އެހީތެރިވެދެނީ ކާކުތޯ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ވަރުންވަނީ ބޮލީވުޑްގައި އޭނާ ކުރަމުންދާ މަސައްކަތަށް ސަލްމާން ޙާންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ސަލްމާންއަށް ފައްފަށުން ޝުކުރު އަދާކޮށްފައެވެ.

ވަރުން މިހާރު އިންތިޒާރުކުރަމުންދަނީ ސޫޖިތް ސިރުކާރު ޑައިރެކްޓް ކޮއްފައިވާ އޭނާގެ އެންމެ ފަހުގެ ފިލްމް "އޮކްޓޯބަރ" ނެރޭނެ ދުވަހަކަށެވެ.

"އޮކްޓޯބަރ" އަކީ ވަރަށްތަފާތު ފިލްމެއް. މިއީ ހުރިހާ މަންޒަރެއްވެސް ވަރަށް ހަގީގަތާ އެއްގޮތަށް ގެނެސްދީފައިވާ ފިލްމެއް. މި ފިލްމްގައި މީހަކު ދެރަވާ މަންޒަރެއް ފެންނަނަމަ ބަލާ މީހާވެސް ދެރަވާނެ. އުފާވެރި މަންޒަރެއްނަމަ ބަލާ މީހާ އުފާވެސް ކުރުވާނެ" ފިލްމާ ބެހޭގޮތުން ވަރަން ބުނެފައިވެއެވެ.

މި ފިލްމްގައި ވަރުން ކުޅެފައިވަނީ ހޮޓަލެއްގެ ހައުސްކީޕިންގ ގައި މަސައްކަތްކުރާ މީހެއްގެ ބައެކެވެ. އަދި އައިސީޔޫގައި އޮތް ބަލިމީހަކަށް ހިދުމަތެއް ދިނުމަށް ގޮސް އެކުއްޖާ ދެކެ ވާ ލޯބީގެ ވާހަކަ "އޮކްޓޯބަރ" އިން ފެނިގެންދާނެއެވެ.