ހިންދީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ޖާންވީ ކަޕޫރްއާއި ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު "ބަވާލް" ގެ ؛ޕްރޮމޯޝަން ހަރަކާތެއްގެ ތެރެއިން ވަރުން، ޖާންވީގެ ކަންފަތުގައި ދަތް އެޅުމުން އޭނާއާއި ދިމާލަށް ވަރަށް ގިނަ ބަޔަކުގެ ނުރުހުމުގެ ބަސްތައް އަމާޒު ކުރަން ފަށައިފިއެވެ.

"ބަވާލް" ގެ ޕްރޮމޯ ހަރަކާތެއްގައި ނަގާފައިވާ ފޮޓޯ ޝޫޓެއްގެ ތެރެއިން ވަރުން ވަނީ ޖާންވީގެ އުނގަނޑުގައި ހިފަހައްޓައިގެން ހުރެ އޭނާގެ ކަންފަތުގައި ސަމާސާ މިޒާޖަކަށް ދަތް އަޅައިފައެވެ. ފޮޓޯތައް ދައްކާގޮތުން ނަމަ، އެކަމާއި އުނދަގޫވުމުގެ ބަދަލުގައި ޖާންވީ އިނީ ހޭށެވެ.

އެއްބަޔަކު ވަރުންގެ ދިފާއުގައި އޭނާ ސަމާސާއަކަށް ކުރި ކަމެކޭ އަދި އެއީ ނުބައި ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށް ވާހަކަދެއްކިޔަސް، ވަރުންގެ އަމަލަކީ ކައިވެނިކޮށްގެން އުޅޭ ފިރިހެނަކު ކުރަން ހެޔޮ ނުވާ ވަރުގެ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ބައެއް މީހުން މީސް މީޑިއާގައި ސިފަކޮށްފައިވެއެވެ.

މީގެ ކުރީގައިވެސް މަޝްހޫރު މޮޑެލް ޖީޖީ ހަދީދް، އިންޑިއާއަށް ކުރި ޒިޔާރަތެއްގައި ވަރުން އާއި އެކު ސްޓޭޖް މަތީގައި ހުއްޓާ ވަރުން ވަނީ ކުއްލިއަކަށް ޖީޖީ އުރައިލާފައެވެ. ޖީޖީ އެވަގުތު ހުރީ ހައިރާންވެފައި އިން ފާޑަކަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ޖީޖީ ބުނީ އެއީ އޭނާއާއި ވަރުން ކުރިން ބައިގައި ރާވައިގެން ކުރި ކަމެއް ކަމަށެވެ.

"ބާވާލް" އަކީ ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް ސާޖިދު ނަދިއަދްވާލާ އާއި އަޝްވިނީ އައްޔަރު ތިވާރީ ޕްރޮޑިއުސްކުރާ ރޮމޭންޓިކް ފިލްމެކެވެ. މި ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ ޖުލައި 21 ގައެވެ.