ސައުދީ އަރަބިއްޔާގެ ހޮސްޕިޓަލަކަށް، ވެކްސިން ޖަހަން ގެންދިޔަ ތުއްތު އަންހެން ކުއްޖެއްގެ އިނގިލިތައް، ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް "އޮޅިގެން" ބުރިކުރެވިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި މިކަމާއި ގުޅިގެން ބުނެފައިވަނީ، މި ހާދިސާ ހިނގާފައި ވަނީ އެޤައުމުގެ ހުޅަނގުދެކުނުގައި އޮންނަ އާސިރު ޕްރޮވިންސުގެ އުހުދް ރުފައިދާ ހޮސްޕިޓަލުގައި ކަމަށެވެ.

އެގޮތުން އެކުއްޖާގެ ބައްޕަ އޭނާ ގޮވައިގެން ވެކްސިން ޖަހަން ހޮސްޕިޓަލަށް ދިއުމުން، ކުއްޖާގެ ގަޔަށް ވެކްސިންގެ ބަދަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހާފައިވާ ކަމަށާއި، އެއަށްފަހު ކުއްޖާގެ އަތުގެ އިނގިލިތައް، "އޮޅިގެން" ބުރިކޮށްލާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ތުއްތު ކުއްޖާގެ ބައްޕަ އާއި ހަވާލާދީ ނޫސްތަކުގައި އިތުރަށް ބުނެފައިވާގޮތުގައި އޭނާގެ ދަރިފުޅުގެ އިނގިލިތައް ބުރިކޮށްލުމަށްފަހު ހޮސްޕިޓަލުގެ ޑަސްބިނަކަށް އިނގިލިތައް ލާފައިވާކަން ނަރުހެއްގެ ފަރާތުން ވަނީ އެނގިފައެވެ. އެގޮތަށް ކަންތައް ކުރެވުނީ ޑޮކްޓަރުންނަށް އޮޅިގެން ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން މައްސަލަ ހޫނުވުމާއެކު ޑޮކްޓަރުން ވަނީ އެކަން އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މަންޒަރުދުށް ނަރުހަކު ވަނީ ކަން ހިނގައިދިޔަ ގޮތް ކުއްޖާގެ އާއިލާއަށް ކިޔާދީފައެވެ.

މި މައްސަލަ މިހާރު ސައުދީގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާއިރު، ހޮސްޕިޓަލާއި ދެކޮޅަށް ކުއްޖާގެ ބައްޕަ ވަނީ ދަޢުވާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުގައި ފަރުވާކުޑަވުމުގެ ސަބަބުން މިފަދަ ބޮޑު ގޯހެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އާއި، ދަރިފުޅަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.

މި މައްސަލަ ބެލުމަށް އާސިރު ޕްރޮވިންސުގެ ސިއްޙީ ކަންކަމާއި ބެހޭ އެންމެ މަތީ އިދާރާއިން މިހާރު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި މައްސަލަ ބަލަމުންދާއިރު، މި މައްސަލައިގައި އިހުމާލުވާ ހޮސްޕިޓަލުގެ އޮފިޝަލުން ސަސްޕެންޑުކޮށް އެމީހުން ޤައުމުން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ސައުދީގެ ހޮސްޕިޓަލް ތަކުގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަންކަމާއި ގުޅިގެން މާ ބޮޑު ފިޔަވަޅެއް، އިހުމާލުވާ ފަރާތްތަކާއި މެދު އަޅަމުން ނުދާކަމުގެ ތުހުމަތުތައް އިދާރާތަކަށް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުޅި

    އޮޅިގެން ތި ޑޮކްޓަރުގެ އިނގިލި ބުރިކޮއްލާފަ ބުނޭ އޮޅިގެންނޭ!?

    22
  2. އަހްމަދު

    ތިކަމުގައި ޤިޞޯޞް ހިފަންޖެހޭނެ. ޑޮކްޓަރގެ އިނގިލިތައް ބުރިކުރުމުން ކުއްޖާއަށް އިންސާފު ލިބުނުކަމަށްވާނީ.

    • ގިޞާޞް

      ކިހިނެތްތޯވާނީ ޑަކުޓަރު އަތުން އެކުއްޖާއަށް އިނގިލި ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ނެގިއްޔާ؟ އެގޮތް ނުވަންޏާ އޯކޭ ޑަކުޓަރުގެ އިނގިލި ބުރިކުރިޔަސް