މެކްސިކޯގެ އެލްސަލްވެޑޯ އަށް ނިސްބަތްވާ ދެބަފައަކު ކޯރެއްގެ އައްސޭރީގައި، ގެނބިގެން މަރުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް މުޅި އިންޓަނެޓްގެ ސަމާލުކަން ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ހޯދާފައެވެ. އެ ފޮޓޯ އިން ފެންނަ ހިތްދަތި މަންޒަރުން ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ހާލަތު ތަން ނުދިނުމުގެ ސަބަބުން، އެހެން ޤައުމުތަކަށް ހިޖުރަކުރާ ހިޖުރަވެރީން ކުރިމަތިލާންޖެހޭ ނުރައްކަލެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކަށް ހިޖުރަކުރާ ހިޖުރަވެރީންގެ އަދަދު ވަނީ ދެގުނަވެ ހީވެސްނުކުރާ މިންވަރަށް މަތިވެފައެވެ. މިގޮތުން ޔޫރަޕަށް ދަތުރުކުރާ ގިނަ އާއިލާތަކަށް މިފަދަ ހިތްދަތި ހާދިސާތަކާއި ކުރިންވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ، އެލްސަލްވެޑޯ އިން ޓެކްސަސް އަށް ދިއުމަށް ކޯރެއް ހުރަސްކޮށް ދަތުރުފެށި ދެބަފައެކެވެ. އުމުރުން 26 އަހަރުގެ ބައްޕައަކާއި އޭނާގެ އުމުރުން 23 މަހުގެ ތުއްތު ދަރިފުޅު މަންޒިލާއި ހަމައަށް ވާސިލްވުމުގެ ކުރީން ގެނބިގެން މަރުވެދިޔަ އެ ހާދިސާއިން އެތައް ބައެއްގެ ހިތްތަކަށް ހިތްދަތިކަމާއި ނުތަނަވަސްކަން ވަނީ ވެރިވެފައެވެ.

މިދެމީހުން ކޯރުގެ އައްސޭރިން ފެނުނުއިރު ވެސް މަރުވެފައިވާއިރު، އެމީހުންގެ ހަށިގަނޑު ފެނިފައިވަނީ ދެޤައުމެއްގެ އިންވަކިކުރާ ބޯޑަރު ހިމެނޭ ސަރަޙައްދެއްގައި ހުރި ބައިނަލްއަޤުވާމީ ބުރިޖަކާއި އެއްކިލޯމީޓަރު ދުރުންނެވެ. އެހެންކަމުން އެމީހުންނަކީ ރެފިއުޖީ ހާލުގައި ދިރިއުޅުން އެމެރިކާއަށް ބަދަލުކުރުމަށް މަސައްކަތްކުރި ދެބަފައިން ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ، އުމުރުން 26 އަހަރުގެ މާޓިނޭޒް ނަމަކަށްކިޔާ އެ ފިރިހެން މީހާ އޭނާގެ ދަރިފުޅާއި އަނބިމީހާއާއެކު މަސައްކަތް ކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން އެމެރިކާއިން ބޯހިޔާވަހިކަން ހޯދައި ރެފިއުޖީ ކޭމްޕަކަށް ދިއުމަށެވެ. ނަމަވެސް އެތައް ދުވަހެއް ވެގެންދިޔައިރުވެސް އިދާރީ މަސައްކަތްތައް ކުރިޔަށް ނުދާތީ އެންމެ ފަހުން އަނބިދަރިން ގޮވައިގެން ފަތާފައި ކޯރު ހުރަސްކޮށް އެމެރިކާއަށް ދިއުމަށް އޭނާ ނިންމީ ކަމަށް ވެއެވެ. މި ހާދިސާގައި އޭނާގެ އަނބިމީހާ ވަނީ ސަލާމަތްވެފައެވެ.

މާޓިނޭޒް އާއި އޭނާގެ ދަރިފުޅު ގެނބިގެން މަރުވީ، އެމެރިކާ އައްސޭރިއަށް އަރަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ކޯރުގެ އޮއި ބަރުވުމުންނެވެ. އަދި އެންމެ ފަހު ވަގުތުގައިވެސް އޭނާ މަސައްކަތް ކުރީ ދަރިފުޅު ސަލާމަތްކުރެވޭތޯ ކަމަށާއި، ދަރިފުޅާއި އެކު މަރުވެފައި އޮތްއިރު ދަރިފުޅު އޭނާގެ ގައިގައި ހިފައިގެން އޮތް މަންޒަރުން އެކަން އެނގިގެންދާ ކަމަށް މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފައި ވެއެވެ.

މި ފޮޓޯ އާންމުވުމާއި ގުޅިގެން ޔޫއެންގެ ރެފިއުޖީ އޭޖެންސީން ވަނީ އެ ހާދިސާ އަކީ، 2015 ވަނަ އަހަރު ސީރިޔާއަށް ނިސްބަތްވާ އުމުރުން ތިން އަހަރުގެ ތުއްތު އެލެން ކުރްދީ ނަމަކަށްކިޔާ ކުއްޖާ ގްރީސްގެ ރަށެއްގެ އައްސޭރީގައި މަރުވި ހާދިސާ އާއި ދާދި އެއްގޮތް ހާދިސާއެއް ކަމަށް ބުނެފައެވެ. އަދި މިއީ ރެފިއުޖީން އުޅެމުންދާ ދަތި ހާލަތު ޤައުމުތަކަށް ތަސައްވުރު ނުކުރެވޭތީ ހިނގާ ހިތާމަވެރި ހާދިސާތައް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ސީރިޔާގެ އެލެން ކުރްދީވެސް މަރުވެފައި ވަނީ ގެނބިގެންނެވެ. އެ މަންޒަރު ފެންނަ ފޮޓޯތައްވެސް މީގެ ކުރިން މީސްމީޑިއާ އާއި އިންޓަނެޓުގެ އެކި ވަސީލަތްތަކުގައި އާންމުވެފައިވާއިރު، އެ ހާދިސާވެސް ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހާދިސާ އަކަށެވެ.

އާންމު ގޮތެއްގައި ޤައުމުތަކުން ޔޫރަޕްގެ އެކި ހިސާބުތަކަށް ރެފިއުޖީންގެ ގޮތުގައި މީހުން ދަތުރު ކުރަނީ، އެމީހުން ދިރިއުޅޭ ޤައުމުތަކުގައި އަމާންކަމާއެކު ދިރިއުޅެވޭނެ މަގު ބަންދުވުމުން، ގޮތް ހުސްވެގެންނެވެ. ޔޫރަޕްގެ ރެފިއުޖީ ކޭމްޕުތަކުގައި މިގޮތުގެ މަތީން ދަތުރުކުރާ ހިޖުރަވެރީން ގިނަ އަދަދަކަށް މިހާރުވެސް އުޅެމުންދާއިރު، އެފަރާތްތަކުން ދެކޭ ހުވަފެނަކީ އަލުން އާ ހަޔާތެއް ބިނާކޮށް ދިރިއުޅުން އާރާސްތު ކުރުމެވެ. ޔޫރަޕްގެ ރެފިއުޖީ ކޭމްޕްތަކުގައި މިގޮތަށް އެންމެ ގިނައިން ދިރިއުޅެމުންދަނީ މެދުއިރުމައްޗާއި އެފްރިކާގެ އެކި ޤައުމުތަކަށް ނިސްބަތްވާ ރެފިއުޖީންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަމާން

    އާ... ކާފަރު ގައުމަކުން ވާކަމެއްތަ.... މުޅި ޕޭޖުތައް ފުރާލާނެ....ޕެރިސް ޓަވަރާއި ސިޑްނީ ބަނދަރުވެސް ދިއްލަންވާނެ... ބަލަ ސީރިޔާގެ މުސްލިމުން ޔަމަނުގަ ބަނޑަށްޖެހި ފެނަށްޖެހި ލައްކައިން މަރުވަމުން ދާ ތަނުގެ ވާހަކަ ދައްކާނެ ދުލެއް މީޑިޔާގަ ލިޔެލާނެ އަތެއް ނެތް

    33
    6
  2. ވީ ބިލޯންގް ޓު

    މާތް ﷲ އެ ދެ ބަފައިންނަށް ހެޔޮ ރަހްމަތް ލައްވާށި..އާމީން

    36
  3. މަރީ

    ހިތް ހަލާކު ވެއްޖެ

    20