ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި ސަނީ ލިއޯން ރޮއްވާލައިފިއެވެ.

ސަނީ ލިއޯން ރޮއްވާލާފައި މި ވަނީ އޭނާގެ ހަޔާތައް ބިނާކޮށް ގެނެސްދޭ ފިލްމްގެ ޝޫޓިންގެ ތެރެއިންނެވެ. ސަނީ ލިއޯންގެ ހަޔާތުގެ މައްޗަށް ނެރެނީ ވެބްސީރީޒެކެވެ. އެ ސީރީޒްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެ ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މަޝްހޫރު ސީރީޒް ސްޓްރީމްކުރާ ވެބްސައިޓެއް ކަމަށްވާ "ޒީ-5" އިންނެވެ.

އެ ސީރީޒްގައި ސަނީގެ އަސްލު ނަމާއި، މިހާރު އޭނާއަށް އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަތައް އޭނާ ކިޔާދޭނެއެވެ. ސަނީގެ އެ ސީރީޒް ނެރުމަށް އެންމެ ފުރަތަމަ ޕްރޮޑިއުސަރު އޭނާ ގާތު އެހުމުންވެސް ވަނީ އާނއެކޭ ބުނައެވެ.

"އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް ނެރުމަށް ހަމަޖެއްސުމުން ވަރަށް އުފާވި. އެކަމަކު ޝޫޓިންގ ފެށިއިރު އަހަރެން ހުރި އެކަމަށް ތައްޔާރުވެގެންނެއް ނޫން. އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެ މީގެ ކުރިން އުޅެވުނު ގޯސް ދިރިއުޅުމުގެ ހަނދާންތަކާއި ދުރުގައި ހުރުމަށްފަހު އަލުން އެ ހަނދާންތަކުގެ ތެރެއަށް ވަންނާކަން". ސަނީ ބުނެފައި ވެއެވެ.

ސަނީ އެންމެ ބޮޑަށް ރޮވުނީ، އޭނާގެ ހަޔާތުގައި އައި އެންމެ ދަތި ދުވަސްތަކާއި ގުޅޭގޮތުން ނެގި ސީނަށްފަހުއެވެ.

"އޭގައި ހިމެނޭނެ ސީނެއް އަހަރެން އުޅޭ ގޮތުގެ ވާހަކަ މައިންބަފައިންނަށް ކިޔާދޭ. އެ ވާހަކަތައް ކިޔައިދިނުމާއެކު ބައްޕަ ވަރަށް ރޯނެ. އެއާއެކު އަހަންނަށް އެހަބޮޑަށް ރޮވުނީ. ނަސީބަކުން އެވަގުތު ސެޓުގައި އަހަރެންގެ ފިރިމީހާ ހުރި". ސަނީ ބުންޏެވެ.

ސަނީގެ ކުރީގެ ދިރިއުޅުމަކީ އޭނާ އެއްވެސް ވަރަކަށް އިތުރަށް ކުރިއަށްގެންދަންވީ ދިރިއުޅުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ އަކީ މިހާރު ބަލައިގެންފައިވާ މޮޅު އެކްޓަރަކެވެ.