ސައިކަލު ދުއްވާ މަންޒަރު ފޭސްބުކްްގައި ލައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން ފިރިހެނަކު މަރުވެއްޖެއެވެ. ނަރުސް ކަން ކިޔަވަމުންދިޔަ މި ކުއްޖާ މަރުވީ އިންޑިއާގެ ޓްރިޕުއާ ސައިކަލު ދުއްވަމުން އެ މަންޒަރު ލައިވް ކުރަމުން ދަނިކޮށެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ރާހުލް ދަސް ނަމަކަށް ކިޔާ ޒުވާނެކެވެ. ހަރިނާ ވިލޭޖަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ މަރުވިއިރު، އެ ސައިކަލު ފަހަތުގައި އިން ސުމަން ދަސް އަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކޮލްކަޓާގެ ކޮލެޖެއްގައި ނަރުސް ކަން ކިޔަވަމުންދިޔަ ރާހުލް މަރުވީ ދެ ދުވަހަށް ހަރިނާގެ ވިލޭޖަކަށް ކުރި ދަތުރުގައެވެ. ކޮލްކަޓާއަށް ދިއުމުގެ ކުރިން އޭނާ ސުމަން ކައިރިއަށް ދިޔައީ ބައްދަލުކޮށްލާށެވެ. އަދި ދެ މީހުން އެކީ ވިލޭޖާއި 12 ކިލޯމީޓަރު ދުރަށް ދަތުރުކުރީ ސައިކަލުގައެވެ.

އެތަނަށް ދިޔަ މަގުމަތީގައިވެސް ރާހުލް ފޭސްބުކްގައި އޭނާ ސައިކަލް ދުއްވާ މަންޒަރު ލައިވް ކުރިއެވެ. އަދި އޭނާ ބޭނުންވީ އެނބުރި ދަމުންވެސް މިކަން ކުރާށެވެ. އެހެންވެ އެއް އަތުން ސައިކަލު ކޮންޓްރޯލްކުރަމުން އަނެއް އަތުން ފޯން ހިފަހައްޓައި ލައިފް ކުރަމުންދަނިކޮށް ބުރިޖަށް އަރަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ގޮސް ދެ މީހުންވެސް ސައިކަލުން ވެއްޓުނީއެވެ.

އަދި ރާހުލް އެތަނަށް މަރުވިއެވެ. އަދި އޭނާގެ ސައިކަލު ފަހަތުގައި އިން ސުމަންގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްތަކުގައި ބުނެފައެވެ.

ސައިކަލު ފަދަ އެއްޗެހި ދުއްވާއިރު، ފޯން ފަދަ އެއްޗެހި ބޭނުން ކުރުމަކީ ރައްކާތެރިގޮތެއް ނޫނެވެ.