މިދިޔަ އަަހަރު ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ފުރަބަންދު ކުރެވުނު ފުރަތަމަ ދުވަހުން ފެށިގެން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް މަސައްކަތް ކުރަމުން އަންނަ އެކަކަކީ ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދުއެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅުގައި ހޮސްޕިޓަލުގެ އެނދުތަކާއި ބޭހާއި އަދި އޮކްސިޖަން ފޯރުކޮށްދޭނެ ފަދައެއް ނެތް މި ދުވަސްވަރު އެކަންކަން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލް އެނދާއި ބޭހާއި އަދި އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީވުމާއި އަދި އެކަމުގައި އެހީތެރިވެދިނުމަކީ 100 ކުރޯރުގެ ފިލުމެއް ކުޅުމަށް ވުރެ ހިތްހަމަޖެހޭ ކަމެއް ކަމަށް ސޯނު ސޫދު ބުނެފައިވެއެވެ.

އެތައް ފޯނު ކޯލެއްކޮށް އަދި އެތައް މަސައްކަތަކަށްފަހު ބަލި މީހަކަށް ހޮސްޕިޓަލުން އެނދެއް ހޯދައި ދެވުމަކީ ނުވަތަ އޮކްސިޖަން ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯނޫ ބުނެފައިވަނީ އޭނާއަށް އަންނަ އާދޭހުގެ އެތައް ފޯނު ކޯލެއްގެ ސަބަބުން ނުނިދޭ ކަމަށާއި ކޮންމެވެސް މީހެއްގެ ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އެހީތެރިވުމަށް އެތައް ފޯނު ކޯލެއް އަންނަ ކަމަށެވެ. މިއީ އެންމެންނަށް ވެސް އުދަނގޫ ވަގުތެއް ކަމަށާއި އެންމެން ގުޅިގެން މި އުނދަގޫ އަދި ހިތްދަތި ވަގުތުން ސަލާމަތްވުމަށް މަސައްކަތް ކުރާން ޖެހޭ ކަމަށް ވެސް ސޯނޫ ބުނެފައިވެއެވެ.