މާދަމާ އަކީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ. ހުޅަނގުގެ "އުޅުމާއި އަޙްލާޤު" ދަސްވެފައިވާ މީހުން "ދޮގު ހެދުމުގެ ދުވަހުގެ" ގޮތުގައި ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރެއެވެ. މިއަހަރު ވެސް އޭޕްރިލް މަހުގެ އެއްވަނަ ދުވަސް އަންނަ އިރު ދޮގު ހަދަން އެތައް ބަޔަކު ތިބީ ތައްޔާރުވެގެންނެވެ. ނަމަވެސް އޭޕްރިލް މަހުގެ 01 ވަނަ ދުވަހު ދޮގު ހެދުމާއި ދެކޮޅަށް އަޑުއުފުލާ ވަރަށް ގިނަ މީހުން ވެސް އެބަތިއްބެވެ.

ލަވަކިޔުންތެރިޔާ ގެވެން ސްޓެފަނީ އޭނާގެ ސަޕޯޓަރެއްގެ ފޮޓޯ އެއް އިންސްޓަގްރާމް ކުރަމުން ޖޯކަކަށް ހަދާފައި ބުނެފައި ވަނީ ސަޕޯޓަރުގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމަށެވެ. އެއާއި އެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.

ހާއްސަކޮށް ދަރިން ނުލިބިގެން އެތައް ދެމަފިރިއަކު އުނދަގޫ ދުވަސްތައް ހޭދަކުރަމުން ދާއިރު ދަރިން ހޯދުން، ނުވަތަ މީހަކު މާބަނޑުވެފައި ހުރި ވާހަކަ މަޖަލަށް ހަދާފައި ދެއްކުން އެއީ ދަރިން ލިބުމުގެ ރަހުމަތުން މަހްރޫމްވެފައިވާ އެތައް ބަޔަކަށް ހިތާމަ އާއި ހިތްދަތިކަން ގެނުވާނެ ފަދަ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

އެހެންކަމުން މީހަކު މާބަނޑު ވެއްޖެއޭ ބުނެ ޖޯކަކަށް ހަދައިގެން މީސް މީޑިއާގައި އެވާހަކަތައް ލިޔާއިރު އެރަހުމަތްތެރިޔާ އަކީ ދަރިއަކު ހޯދަން މަސައްކަތްތަކެއް ކުރާ މީހަކަށް ވެސް ވެދާނެއެވެ. ނުވަތަ އެޖޯކް، އެއީ ޖޯކެއްގެ ގޮތުގައި ނުދެކޭ އެތައް ބަޔަކު ވެސް ތިބެދާނެއެވެ. އެހެންކަމުން މިފަދަ ކަންކަމާއި ވިސްނާލަށް ޖެހެއެވެ.

މީގެ އިތުރުން އޭޕްރިލް ފޫލް ފާހަގަ ކުރުމުގެ ގޮތުން ބައެއް މީހުން ހަދާފައިވާ ދޮގުތަކުގެ ސަބަބުން ބައެއް މީހުންނަށް ހާޓްއެޓޭކް ޖެހި ފުރާނައަށް ނުރައްކާވެ، ނުވަތަ އުމުރު ދުވަހަށް ނުކުޅެދޭ މީހުންނަށް ވެސް ވެފައި އެބަތިއްބެވެ.

އެހެންކަމުން އޭޕްރިލް ފޫލް އަކީ ޖޯކަކަށް ހަދައިގެން ބަޔަކު އުޅުނަސް ހަޤީޤަތުގައި އެއީ ޖޯކެއް ނޫނެވެ. އަދި މަޖާކޮށް، ހިތްއުފާކޮށްލަން ކުރަން ހެޔޮވާވަރު ކަމެއް ވެސް ނޫނެވެ.