އުމުރުން 130 އަހަރުގެ އިންޑޮނޭޝީޔާ ފިރިހެނަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދިއަރަބިޔާ އަށް ހިނގައްޖެއެވެ.

ސައުދީ އަރަބިއްޔާގެ ނޫސްތަކުން ބުނާ ގޮތުގައި މިއީ މިހާތަނަށް ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ އެންމެ ދުވަސްވި މީހާއެވެ.

އުމުރުން 130 އަހަރު ވެފައިވާ ކަމަށް ބުނާ އިންޑޮނޭޝިއާ މީހަކީ އައިދްރޯސް ސަމްރީ އެވެ. އޭނާ ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް ގޮސްފައިވަނީ އާއިލާގެ ހަ މެމްބަރުންނާ އެކުއެވެ.

ސަމްރީ އަކީ އެންމެ ދޮށީ އުމުރެއްގައި ހައްޖުގެ އަޅުކަން އަދާކުރާ މީހާކަމަށް ވުމުން ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ވަނީ އެއާޕޯޓްގައި އޭނާ އަށް މަރުޙަބާ ކިޔަން ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ގެންދަނީ ސަމްރީ އާއި އޭނާގެ އާއިލާ އަށް ހާއްސަ މެހެމާންދާރީއެއް ދެމުންނެވެ.

އުމުރުން 100 އަހަރަށް ވުރެ ދޮށި ވެފައިވާ އިތުރު ބައެއް މީހުން ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާ އަށް ގޮސްފައި ވެއެވެ.

މިމަހުގެ ކުރީކޮޅު އުމުރުން 102 އަހަރުގެ ތައިލެންޑް އަންހެނަކު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފައެވެ. އަދި މީގެ ދިހަ ދުވަސް ކުރިން އުމުރުން 101 އަހަރުގެ އިންޑިއާ އަންހެނަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފައިވެއެވެ.

ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި މިހާތަނަށް ހައްޖުގެ އަޅުކަން އަދާކުރި އުމުރުން އެންމެ ދޮށީ މީހަކީ 1997 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރި ފްރާންސް އަންހެނެކެވެ. އޭރު އޭނާގެ އުމުރުން 122 އަހަރު ކަމަށް ލިޔުންތަކުން ދައްކައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާޖީ

    ހައްޖަކީ ރެކޯޑުހަދަންދާތަނެއްނޫން. އޮންނަނީ ކެރިކުޅާދަނަވީ މީހާ އުމުރުން އެއްފަހަރު ހައްޖެއްކުރަން! އެހެން މީހުންނަށް މުސީބާތް ޖައްސަން ދާކަށެއްނޫން

    6
    7
    • ސޯލާ ސިސްޓަމް

      ސާބަސްހަމަ..