ބޮލީވްޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާން އޭނާގެ އަނބިމީހާ ގޯރީ ޚާން އަދި ތިން ދަރިންނާއި އެކު ވަނީ ދާދިފަހުން ޗުއްޓީއަކަށް ރާއްޖެ އައިސްފައެވެ. ވިއްސާރައިގެ ސަބަބުން އެންމެ ފުރިހަމަ ޗުއްޓީއެއް ޝާހްރުކް އާއި އޭނާގެ އާއިލާ އަށް ނުލިބުނު ނަމަވެސް އެއާއިލާ ރާއްޖެ އިން ފުރީ ވަރަށް ހިތްހަމަޖެހިފައި ތިބެގެންނެވެ.

ޝާހްރުކްގެ އަނބިމީހާ ގޯރީ ވަނީ އެމީހުން ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް މަންޒަރުތައް ފެންނަ ވީޑިއޯ އާއި ފޮޓޯ އިންސްޓަގްރާމްގައި އާއްމު ކޮށްފައެވެ.

އާއްމުކޮށްފައިވާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި ޝާހްރުކްގެ އާއިލާ ރިސޯޓަށް އަރާ މަންޒަރު ފެނެއެވެ. އަދި އެއް ވީޑިއޯއެއްގައި ޝާހްރުކް ޖެޓްސްކީ ދުއްވާ މަންޒަރު ވެސް ފެނެއެވެ.

https://www.instagram.com/p/B0k13n5AX3s/

ފަހަކަށް އައިސް ބޮލީވްޑްގެ މަޝްހޫރު ތަރިންގެ މެދުގައި ރާއްޖެ އަކީ ވަރަށް މަގުބޫލް މަންޒިލަކަށް ވަނީ ވެފައެވެ. ބޮލީވްޑްގެ ތަރިން ރާއްޖެ އަންނަ މިންވަރު އިތުރުވުމުން އިންޑިއާ މީހުން ވެސް ރާއްޖެ އަންނަ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.

މިއަހަރު ނިމެން ވާއިރަށް އިންޑިއާގެ ރެކޯޑް އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.