މަޝްހޫރު ބޮލީވުޑް ތަރިން ކަމަށްވ ދީޕިކާ ޕަދުކޯންއާއި ރަންވީރް ސިންގް އެކީގައި ފެނިގެންދިޔަ ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު "ޕަޑްމާވަތް"ގައި ރަންވީރް ކުޅެފައިވާ އަލާއުއްދީން ކިލްޖީގެ ރޯލް، ކުޅަދާނަ އެކްޓާރ ޝާހްރުކް ޚާންއަށްވެސް ހުށަހެޅުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމުގެ މަސައްކަތުގެ ވަކި ހިސާބަކުން ނެގަޓިވް ރޯލް ކުޅެމުންދިޔަ ތަރި ރަންވީރަށް ކޮންމެވެސް އެއް ސަބަބަކާއި ގުޅިގެން ފިލްމުގައި މަސައްކަތްކުރަން އުޒުރުވެރިވެގެން އޭނާ އެ ފިލްމުން ވަކިވާން ނިންމިއެވެ. އެހެންވެ، ބަންސާލީ ރަންވީރް ކުޅުމަށް ހަމަޖެހުނު ރޯލް ޝާޙް ރުކްއަށް ހުށަހެޅިއެވެ. ޝާހްރުކް އެ ރޯލް ކުޅެން އެއްބަސްވި ނަމަވެސް، ޝާހު އެ ފިލްމު ކުޅެން އެއްބަސްވީ ވަކި ޝަރުތެއްގެ މަތިންނެވެ. ޝާހު ބުނީ އޭރު ފިލްމަށް ކިޔުނު ނަން "ޕަޑްމާވަތީ" އަކީ އަންހެން ނަމެއް ކަމުން އެ ނަން ބަދަލުކުރުމަށް އޭނާ އެދުނެވެ. ޝާހު ބުނީ އަންހެން ނަމެއް ކިޔާ ފިލްމެއްގައި އޭނާ ހަރަކާތްތެރިވުން ސަޕޯޓަރުންނަށް އެހާ ބަލައެއް ނުގަނެވޭނެ ކަމަށެވެ.

ޝާހުގެ މި އެދުން ދީޕިކާއަށް އެނގުމުން، ދީޕިކާ ވަނީ ފިލްމުގެ ނަން ބަދަލުކޮށްފި ނަމަ، އޭނާ އެ ފިލްމުން ވަކިވާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، ބަންސާލީއަށް ހަދަންވީ ގޮތް ހުސްވެފައި ހުއްޓާ، އެންމެ ފަހުން ރަންވީރް އެ ފިލްމަށް އެނބުރި އަންނަން އެއްބަސްވިއެވެ.

ޝާހުއަށް "ޕަޑްމާވަތް"ގައި ޝާހިދް ކަޕޫރް ކުޅުނު ލީޑްވެސް ހުށަހެޅުނު ކަމަށް ބައެއް ރިޕޯތްތައް ބުނެއެވެ. ކޮންމެއަކަސް، ފިލްމު ނިމިގެންދިޔަ އިރުގައި މި ފިލްމުގައި މައިގަނޑު ރޯލްތަކުގައި ހަރަކާތްތެރިވީ ޝާހިދް، ދީޕިކާ އަދި ރަންވީރެވެ. އަދި ހަމައެއާއިއެކު، ފިލްމު ނެރުނީ ކުރީގައި ކިޔަން ހަމަޖެހުނު ނަން "ޕަޑްމާވަތީ"ގެ ބަދަލުގައި "ޕަޑްމާވަތް" ގެ ނަމުންނެވެ.