ގިނަ ބަލިތަކެއް ފަތުރާ މަދިރީގެ އުނދަގުލަކީ ހަމައެކަނި އަހަރުމެން ދިވެހިންނަށް ޖެހިފައިވާ އުނދަގުލެއް ނޫނެވެ. ދުނިޔޭގެ އެތަން މިތަނުގައިވެސް، މިއީ ދާޢިމީ ހައްލެއް ނެތް ބޮޑު މައްސަލައެކެވެ.

މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ނިޔަތުގައި ޗައިނާ އިން ދަނީ ބުރަ އަދި އެހާމެ ބޮޑު މަސައްކަތެއް ކުރަމުންނެވެ. ދުރު ރާސްތާއަކުން މަދިރި ދެނެގަނެ، އެތަކެތި މަރާލުމަށް އެޤައުމުންދަނީ އަސްކަރީ ރާޑަރެއް ތަރައްޤީ ކުރަމުންނެވެ.

ޗައިނާ ސަރުކާރުގެ އިސްނެންގެވުމާއެކު، ބެއިޖިންގެ ޓެކްނޮލޮޖިކަލް އިންސްޓިޓިއުޓުގައި މި މަސައްކަތް ކުރަމުންދާއިރު، އެތަނުގެ ލެބެއްގައި މިހާރު ދަނީ ރާޑަރުގެ ޕްރޮޓޯޓައިޕެއްވެސް ޓެސްޓުކުރަމުންނެވެ.

ޗައިނާގެ ރާޑަރެއް

މިކަމާ ގުޅިގެން މި މަސައްކަތުގައި ހަރަކާތްތެރިވާ އިސް ސައިންސްވެރިޔަކު އެޤައުމުގެ "ސައުތު ޗައިނާ މޯނިން ޕޯސްޓު" ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މަދިރީގެ ސައިޒުގެ އެއްޗެއްސަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލުމަކީ މިހާރު ސައިންސް ފިކްޝަން ނުވަތަ ޚިޔާލެއް ނޫންކަމަށެވެ. އަދި، މި އުންމީދު ޙަޤީޤަތަކަށް ހެދުމާ ދާދި ގާތްވެފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނޫސްތަކުން ބުނާ ގޮތުގައި މި ރާޑަރަކީ ދުޝްމަނުންގެ މަތިންދާބޯޓުތަކާއި ރޮކެޓުތައް ދެނެގަތުމަށްވެސް ބޭނުންކުރާ ފެންވަރުގެ ރާޑަރެއްމެއެވެ.

މި ޓެކްނޮލޮޖީ ޙަޤީޤަތަކަށް ހެދިއްޖެނަމަ، ޑެންގީ، މަލޭރިޔާ އަދި ޒިކާ ވައިރަސް ފަދަ ބަލިތައް އެތައް ގުނައެއް މަދުކުރެވޭނެކަމަށް ބެލެވެއެވެ.