މޯލްޑިވްސް އޯޝަން ހެކެތަން އިފްތިތާހު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވިރޯންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީގެ ފަރާތުން މިއަދު އިފްތިތާހުކުރި "މޯލްޑިވްސް އޯޝަން ހެކެތަން" އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 24 ގަޑިއިރު ހަމަވާގޮތަށް ތިންދުވަހަށް ބަހައިލަލަިގެން ކުރިޔަށް ގެންދާ އިވެންޓެކެވެ.

މިނިސްޓާރ އޮފް އެންވިރޯންމެންޓް އެންޑް ކްލައިމެޓް ޗޭންޖް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ މި ހެކެތަން އިފްތިތާހުކޮށްފައިވަނީ މިޔަދު ހެނދުނު އެ މިނިސްޓްރީގެ ފަރާތުން އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައެވެ. ޝައުނާ ވިދާޅުވީ މި ހެކެތަން ބޭއްވުމުގެ މަސައްކަތް ފެށުނީ މީގެ ދެ އަހަރު ކުރިން ކަމުން މިއަދު މި ހެކެތަން އިފްތިތާހުކުރެވި ގިނަ ބައެއްގެ އެހީތެރިކަމާއިއެކު ހެކެތަން ރޭވިގެން ކުރިޔަށް ގެންދިއުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.

ޝައުނާ ވިދާޅުވީ ދިވެހިރާއްޖައަކީ ޖަޒީރާ ގައުމެއްކަމަށާއި އަކި ރާއްޖޭގައި ކުދިކުދި ރައްތަކުގައި ރަށް ގިރުމުގެ މައްސަލައަކީ އެއީ އަބަދުވެސް އިވެމުން އަންނަ ކަމެއް ކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް ހަމައެކަނި ވަށައިގެން ހިލަ ޖަހާލިޔަކަސް ނުވާނެއެވެ. މިކަންކަން ހައްލު ކުރެވޭނީ މިހާރު އައު ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ގައުމުގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތައް ބަލާ ދިރާސާކޮށްގެންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރުތަކަކީ މުޅިދުނިޔެއިންވެސް ހަތްވަނައަށް އެންމެ ބޮޑު ފަރު. އެއީ ގާތްގަނޑަކަށް ދުނިޔޭގެ ތިން ޕަސެންޓު ފަރު މި ހިމްނިގެންވަނީ ރާއްޖޭގަ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް އެންމެ ބޮޑު ގެއްލުމެއް މިވަނީ މި ފަރުތަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ފަޅުތަކާއި ފަރުތައް އަދި މުޅި ބީޗް ލައިން އަކީވެސް އެކި އެކި ކަންކަމުން އަޅުގަނޑުމެން ރައްކާތެރިކޮށްދޭ ވަސީލަތްތަކެއްކަމަށެވެ. ވީމާ މޫސުމީ އަދި އެހެނިހެންވެސް ބަދަލުތަކާއި ގުޅިގެން ފަރުތަކަށް އަންނަ ބަދަލުތަކާއި ލިބޭ ގެއްލުން އެންމެ ފުރިހަމަ ގޮތުގައި ދެނެގަނެވެނީ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެކަންކަން ބަލާ ދިރާސާކޮށްގެންކަމަށް ޝައުނާ ވިދާޅުވިއެވެ.

އެކިއެކި ގައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އާ އީޖާދުތަކާއި އަދި ސެޓްލައިޓް ޓެކޮނޮލޮޖީފަދަ ފަހުގެ ދިރާސާ ކުރުމުގެ އުކުޅުތަށް ބޭނުން ކުރުން ވަރަށް މުހިންމު ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑްރޯން ފަދަ ތަކެތީގެ އެހީގައިވެސް އަޅުގަނޑުމެންގެ މި ދިވެހި ރާށްޖޭގެ ބޮޑު ކަނޑަށާއި މާހައުލީ ނިޒާމަށް އަންނަ ބަދަލުތަށް ދިރާސާކޮށް ކަންކަމުގެ ހައްލު ހޯދުން މުހިންމު ކަމަށް މިނިސްޓާރ ޝައުނާ ވިދާޅުވިއެވެ.

"ވައި ނުސާފުވުމާއި ފަރު ހުދުވުމާއި ޕްލާސްޓިކުގެ ސަބަބުން މަސްވެރިކަމަށް އަންނަ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރަށްތަކަށް އަސަރު ކުރާމިންވަރާއި މިކަންކަން ވަރަށް ރަނގަޅަށް ދެނެގަނެ މިކަންކަމާއި ގުޅޭގޮތުން މުސްތަގުބަލުގައި އަޅަން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ރާވާ ހިންގާ ނިންމޭނީ މިދެންނެވި ވަސީލަތްތަކުގެ އެހީގައި ލިބޭ ޑޭޓާތަކުގެ އެހީގަ."

މީގެ އިތުރުން މިއަދު އިފްތިތާހުވެގެންދިޔަ މޯލްޑިވްސް އޯޝަން ހެކެތަންއަކީ އާފެށުމެއް ކަމަށް ބަލައިގެން ފޯވާޑް ތީންކިންއެއްގައި ކުރިޔަށްދިޔުމަށް ޝައުނާ އެދުނެވެ. އަދި ހާށްސަކޮށް ދިވެހި ރާށްޖޭގެ ޒުވާނުންނަކީ އަދުގެ ޓެކްނޮލޮޖީއަށް އާ ބައެއް ނޫންކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. ރާށްޖެއިން ބޭރުގައިވެސް މިދާއިރާގައި މަސައްކަތް ކުރައްވާ ބައިވަރު ދިވެހި ޒުވާނުން އެބަތިބި ކަމަށާއި ޒުވާނުންގެ އެއްބާރުލުން ވީހާވެސް ބޮޑަކަށް މި ހެކެތަންގައި ލިބޭނެކަމަށް އުންމީދުކުރާކަމަށް ޝައުނާ ވިދާޅުވިއެވެ.