ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގައި މާބަނޑު އަންހެނަކު މެޓްރޯ ސްޓޭޝަނެއްގެ ތެރެއިން ނުބައިކޮޅަށް ހިނގާފައިދިޔުމުން ޖޫރިމަނާކޮށްފިއެވެ. އެ ހާދިސާއާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު އެ އަންހެން މީހާ ޖޫރިމަނާކޮށްފައިވަނީ އެއްކޮޅަށް ހިނގަން އޮތް ސިސްޓަމެއްގައި އިދިކޮޅަށް ހިނގުމުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ މައްސަލައިގައި އަންހެން މީހާ ޖޫރިމަނާކޮށްފައިވަނީ 60 ޔޫރޯއިންނެވެ.

ޕެރިސްގެ މެޓްރޯ އޮޕަރޭޓްކުރާ ކުންފުނިކަމުގައިވާ އާރް.އޭ.ޓީ.ޕީ އިން ވަނީ އެއްކޮޅަށް ހިނގުމަށް އޮންނަ ސިސްޓަމް ދިފާއުކޮށް މިފަދަ ސިސްޓަމެއްގެ ސަބަބުން މީހުން ހިނގާބިގާވެ އުޅޭ ގޮތް ކޮންޓްރޯލްކޮށް އިތުރު އެހެން ހާދިސާތަކުން ސަލާމަތްކޮށްދޭކަމަށް ބުނެފައެވެ. އެ އަންހެން މީހާ ވަނީ އޭނާ ޖޫރިމަނާކުރި ސްލިޕް ކޮޅު މީސް މީޑިޔާގައި އާންމުކޮށްފައެވެ. މިއާއިއެކު ފްރާންސްގެ އެހެން ބައެއް އާންމު ރައްޔިތުން ވެސް ވަނީ އެއްކޮޅަށް ހިނގަން އޮންނަ ސިސްޓަމުގެ ސަބަބުން ޖޫރިމަނާތަކާއި ކުރިމަތިވެފައިވާކަމަށް ހާމަކޮށްފައެވެ.

މިފަދަ އެކަކު ވަނީ އޭނާ ޖޫރިމަނާކޮށްފައި ވަނީ ސްޓޭޝަނުގައި އެކަނި ހުރި ވަގުތެއްގައިކަމަށް ކިޔައިދީ އޭނާއަށް އެއްކޮޅަށް ހިނގުމަށް ހުރި ނިޝާންތަކަކީ މީހުން ސްޓޭޝަންތެރޭގައި މަގު އޮޅިދާނެތީ ހަރުކޮށްފައި ހުރި ނިޝާންތަކެއްކަމަށް ހީވިކަމަށް ކިޔައިދީފައެވެ.

އެހެން ފަރާތްތަކުން ވަނީ މިފަދަ ކުށަކަށް އޮންނަ ޖޫރިމަނާއަކީ މާ ސީރިއަސް ކުށްތަކަށް އޮންނަ ޖޫރިމަނާއަށްވުރެ މާ ބޮޑު އަދަދެއްކަމަށް ފާހަގަކޮށްފައެވެ.

ފްރާންސްގެ އެތައް ބަޔަކު ވަނީ މެޓްރޯ ޙިދުމަތުގެ ފެންވަރާއި އަގާއި ބެހޭގޮތުންވެސް ޝަކުވާކޮށްފައެވެ. ފްރާންސްގެ ފަސެންޖަރުންގެ ގުރޫޕަކުން ވަނީ މި ގާނޫނު މުޅިން އުވާލަން ޖެހިފައިވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު