މީގެ 20 އަހަރު ކުރިން މީހަކު ދަތް އުނގުޅަން ބޭނުންކުރި ބުރުހެއް އޭނާގެ ގޮހޮރުން ނަގައިފިއެވެ. ނޫސްތައް ބުނާގޮތުގައި، އޭނާ އެ ބުރުސް ދިރުވާލީ އަމިއްލައަށް މަރުވުމުގެ ބޭނުމުގައި ގަސްތުގައެވެ.

ލީ ނަމަކަށް ކިޔާ މިމީހާގެ ބަނޑުގައި ދަތް އުނގުޅާ ބުރުހެއް އޮތްކަން ޑޮކްޓަރުންނަށް އެނގުނީ އޭނާ ބަނޑުގައި ރިއްސާތީ ދެއްކުމުން ހެދި ސީޓީ ސްކޭން އަކުންނެވެ. މީގެ ވިހި އަހަރު ކުރިން އޭނާ އެ ބުރުސް ދިރުވާލިކަން ފަޅާ އެރީ އެ ސްކޭނުން ބަނޑުގައި އޮތް ބުރުސް ފެނިގެން ޑޮކްޓަރުން އެނާއާއި ސުވާލު ކުރުމުންނެވެ.

 

މި ހާދިސާ އަށްފަހު ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި މިހާރު އޭނާގެ ބަނޑުން ބުރުސް ނަގާފައިވާއިރު، އެ ބުރުސް އޮތީ ދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ ސިފަ ގެއްލިފައެވެ. މިކަމާއި ގުޅިގެން އޭނާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންވެސް ތިބީ ހައިރާންވެފައެވެ. 20 އަހަރު ދުވަސް ވަންދެން އޭނާގެ ބަނޑުގައި އެ ބުރުސް އޮތުމުންނެވެ.

51 އަހަރުގެ ލީ ވަނީ އޭނާ އެ ބުރުސް ދިރުވާލި ކީއްވެގެން ކަން ޑޮކްޓަރުންނަށް ކިޔާދީފައެވެ. އޭނާ ބުނެފައިވަނީ އެއީ މީގެ 20 އަހަރު ކުރިން ޖަލުގައި އޮވެގެން އަމިއްލަޔަށް މަރުވާން އޭނާ ކުރި ކަމެކެއް ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން މިހައި ދުވަހަށްފަހު ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށް ހީނުކުރާ ކަމަށް އޭނާ ބުންޏެވެ.

މަރުވުމަށް އޭނާ ކުރި ކަމެއް ކަމުގައި ވިއަސް އޭނާ އަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އޮޕަރޭޝަނަށް ފަހު އޭނާ ވަނީ ޖަލު ހުކުމް ނިންމުމަށް އަނބުރާ ޖަލަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު