އެމެރިކާގެ އޮކްލޮހޯމާ އަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށްވާ ޔިން އަށް ޑޭޓިން ވެބްސައިޓެއް ކަމަށްވާ "މެޗް.ކޮމް" އިން ފިރިހެނަކު ފެނުނެވެ. އެމެރިކާގެ ސިފައިންގެ މީހެއް ކަމަށް ބުނާ އޭނާގެ ނަމަކީ "ޑޭވިޑް ޕެރޭޒް" ކަމަށް އޭނާ ބުންޏެވެ.

ޔިން އަށް ޕެރޭޒް ދެކެ ލޯބި ވެވުނީ ނިކަން އަވަހަށެވެ. ޕެރޭޒް ބުނި ގޮތުގައި އޭނާ އަކީ ކުރިން ކައިވެންޏެއްކޮށް މިހާރު 10 އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަ އެެކެވެ. ކައިވެނި ރޫޅުމުން އޭނާ ހުރީ ހަޔާތުގެ ރަނގަޅު ބައިވެރިޔަކު އަވަހަށް ހޯދަން ބޭނުން ވެފައި ކަމަށް ވެސް ޕެރޭޒް ޔިން ކައިރީގައި ބުންޏެވެ.

ޕެރޭޒްގެ ކޮންމެ ވާހަކައެއް ވެސް ޔިން އަށް މާނަ ކުރެވުނީ އެއީ ހަޤީޤަތުގެ ގޮތުގައެވެ. ދެމީހުން އެކަކު އަނެކަކާއި ބައްދަލުނުވި ނަމަވެސް އެމީހުން ލޯބިވެރިންނަށް ބަދަލުވާކަށް ގިނަ ދުވަހެއް ނުނެގިއެވެ. ލޯބިވެރިންގެ ގޮތުގައި ޗެޓް ކުރަމުން ގެންދެއެވެ. ޕެރޭޒް ބުނާ ގޮތުގައި އޭނާ ހުރީ އަފްޣާނިސްތާނުގައެވެ.

އެތައް ދުވަހަކު ވާހަކަދެއްކުމަށް ފަހު ޕެރޭޒް ބުނީ ޗައިނާގެ ބޭންކަކަށް އޭނާ 273000 އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 4.2 މިލިއަން ރުފިޔާ) ޖަމާ ކުރަން ޖެހިފައިވާ ކަމަށެވެ. ވަރަށް އަވަހަށް އެފައިސާ އަނބުރާ ދޭނެ ކަމަށް ބުނެ ޕެރޭޒް ޔިން އަށް އޮޅުވާލިއެވެ.

ޕެރޭޒް ބުނި ގޮތައް ޔެން ޗައިނާގެ ބޭންކަށް ފައިސާ ޖަމާކުރިއެވެ.

އޭގެ ފަހުން ވެސް ޔެން އާއި ޕެރޭޒް ދިޔައީ ވާހަކަ ދައްކަމުންނެވެ. ދުވަސްކޮޅެއް ފަހުން އޭނާ އެމެރިކާ އަށް އައި ވާހަކަ ބުންޏެވެ. އަދި ޔިން އާއި ބައްދަލު ކުރަން އޮކްލޮހޯމާ އަށް ވެސް ގޮސް ހުރި ކަމަށް ބުނެ ބައްދަލު ކުރާނެ ރެސްޓޯރެންޓެއްގެ ނަންދީ އެތަނަކަށް އައުމަށް ޔެން އަށް ޕެރޭޒް ދައުވަތު ދިނެވެ.

ޕެރޭޒް ބުނި ގަޑިއަށް ބުނިތަނަށް ޔެން ދިޔައެވެ. ނަމަވެސް ޕެރޭޒްއެއް ނުފެނުނެވެ. އޭގެ ފަހުން އޭނާ އަށް ގުޅަން ކުރި އެއްވެސް މަސައްކަތެއް ވެސް ކާމިޔާބެއް ނުވިއެވެ.

މިހާރު ކަށަވަރު ވެފައިވާ ގޮތުގައި ޕެރޭޒް އަކީ އެމެރިކާ ސިފައިންގެ މީހެއްގެ ފޮޓޯ ބޭނުން ކޮށްގެން ހަދާފައިވާ ވަގު އައިޑީއެކެވެ.

ފުލުހުން މިހާރު ގެންދަނީ ޕެރޭޒްގެ ނަމުގައި ޔެންގެ އަތުން ފައިސާ އަތުލި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު