ކައިވެނީގެ ގުޅުމުން ދެމީހަކު ގުޅޭއިރު ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށް ކުރެވޭ އުންމީދު ބޮޑުވެފައި ފޮނިވާނެއެވެ. މިފަދަ ބޮޑު މުނާސަބާއެއް ހަޔާތުގައި ބޭނުންވާ ކޮންމެ ހިނދެއްގައި ނާންނާނެތީ، ކޮންމެ މީހަކުވެސް އެ މުނާސަބާ ފާހަގަކުރަން ބޭނުންވަނީ ހަނދާނުން ފޮހެނުލެވޭ ވަރުގެ ކުލަގަދަ ހަފްލާއެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުން އެޔާ ޚިލާފެވެ. ބައެއް މީހުންގެ ނަޒަރުގައި ކައިވެނީގެ ހަފްލާއެއް ބޭއްވުމުގެ ބޭނުމަކީ، އަދި މުޅީން އެހެން ބޭނުމެކެވެ.

ކެނެޑާގައި ދާދިފަހުން ހިނގާފައި މިވަނީ އެކަހަލަ ކަމެކެވެ. ސައުސަން، އޭނާގެ އަލަތު ފިރިމީހާ އާއި ކައިވެނިކުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޮޑު ކައިވެނީގެ ހަފްލާއެއް ބާއްވަން ބޭނުންވީ ފައިސާ ހޯދައި، މަދު ވަގުތުކޮޅެއްގެ ތެރޭގައި މުއްސަނދިވުމުގެ އުންމީދުގައެވެ. ނަމަވެސް އެ އުންމީދު ހާސިލްވުމުގެ މާ ކުރީން، ލަދެއްގައި ބެދި މުޅި ހަފްލާ "ފްލޮޕްވެ" ފެނަށް ވެގެން ދިޔައީއެވެ.

ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން ބުނެފައިވާގޮތުގައި، ސައުސަން ވަނީ އޭނާގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުވެ އެ ހަފްލާއަށް ދަޢުވަތު އެރުވި އެންމެނަށް އީމެއިލްގެ ޒަރިއްޔާއިން ހައިރާންކުރުވަނިވި "ޑިމާންޑެއް" ކޮށްފައެވެ. އެގޮތުން އެ ހަފްލާއަށް ޒިޔާރަތްކުރާ އިރު، ހަދިޔާއެއްގެ ގޮތުން ކޮންމެ މީހަކުވެސް އޭނާއަށް ދޭން 1500 އެމެރިކާ ޑޮލަރު (23،130 ރުފިޔާ)، ގަނޑުކޮށް ގެންދިއުމަށް އޭނާގެ މެސެޖުގައި ވަނީ ޑިމާންޑުކޮށްފައެވެ.

ސައުސަން އޭނާގެ ރަހުމަތްތެރީންނާއި އާއިލާއަށް ފޮނުވާފައިވާ މި އީމެއިލްގެ ސްކްރީންޝޮޓްތަކެއް ފަހުން މީސްމީޑިއާގައި ލީކުކޮށްލާފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. ސައުސަންގެ މި ބޮޑު އެދުމާއި މެދު، ކައިވެނީގެ ހަފްތާއަށް ދައުވަތުދިން އެއްވެސް މީހަކު ހިތްހަމަ ނުޖެހުނުއިރު، އެމީހުން ވަނީ އެހައި ބޮޑު އަދަދެއް ހަދިޔާއެއްގެ ގޮތުގައި ގެންދެވެން ނެތްކަން އޭނާއަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ސައުސަން ފަހުން ވަނީ، އޭނާގެ ކައިވެނީގެ ހަފްލާ "ކެންސަލް" ކުރެވިފައިވާ ކަން ދައުވަތު ދިން އެންމެނަށް އީމެއިލްގެ ޒަރިއްޔާއިން، އަންގާފައެވެ. އޭނާ ބުނެފައި ވަނީ، ހަފްލާ ނުބާއްވަން ނިންމީ، ދިމާވި މައްސަލަ އަކާއި ގުޅިގެން ކައިވެނިކުރަން އުޅުނު އޭނާގެ ލޯބިވެރިޔާ އާއި ދެމީހުން މައްސަލައެއް ޖެހި، އެދެމީހުންގެ ގުޅުން ނިމުމަކަށް އައުމުންނެވެ. އަދި އެކަމަށްޓަކައި މަޢާފަށް އެދޭކަމަށްވެސް ސައުސަން ފަހުން ފޮނުވި އީމެއިލްގައި އޭނާ ބުނެފައި ވެއެވެ.

ސައުސަންގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުން މީސްމީޑިއާގައި އަމާޒުވާން ފެށުމުން އޭނާ ވަނީ އެފަރާތްތަކަށް ރައްދުވެސް ދީފައެވެ. އެގޮތުން ފައިސާގެ ހަދިޔާ ނުދޭނަމަ އެމީހުން ބޭނުންވާފަދަ ހަފްލާއެއް ބޭއްވޭނީ ކިހިނެތްކަމެއް ނޭނގޭ ކަމަށާއި، ކޮންމެ މީހެއްގެ އަތުންވެސް އެދުނީ "އެންމެ 1500 ޑޮލަރު"ގެ ހަދިޔާއެއް ކަމަށްވާއިރު، އެވަރުގެ އެހީއެއް ނުދެވޭނަމަ ހަފްލާއެއް ބޭއްވުމުގެ މާނައެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ސައުސަން ބުނެފައިވަނީ، ހަފްލާއަށް ދައުވަތު ދިން މީހުން، އޭނާގެ އެދުމަށް އިންކާރު ކުރިއިރު އޭނާގެ ބްރައިޑްމެއިޑް އޭނާއަށް 5000 އެމެރިކާ ޑޮލަރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ލޯބިވެރިޔާގެ އާއިލާއިން ވެސް އޮތީ 3000 އެމެރިކާ ޑޮލަރު، ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ދޭން ނިންމާފައި ކަމަށް ސައުސަން ބުނެފައި ވެއެވެ.

ސައުސަންގެ ކައިވެނީގެ ހަފްލާއާއި ގުޅޭގޮތުން އޭނާ ދިން ދައުވަތާއެކު ކުރި ޑިމާންޑަށްފަހު ދައްކަމުންދިޔަ މި ވާހަކަތަކުގެ ސަބަބުން އޭނާއަށް ވަނީ އެތައް ބައެއްގެ ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާން ޖެހިފައެވެ. އޭނާގެ ހަޤީޤީ ބޭނުމަކަށްވީ ކައިވެނީގެ ހަފްލާއިން ގިނަ އަދަދެއްގެ ފައިސާ ލިބިގަތުން ކަން ބޭޒާރުވެގެން ދިޔައިރު، މިއީ އޭނާއަށް ލިބުނު ފިލާވަޅެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަރަދު ކުޑޭ

    ރަގަޅަށް ތިހެދީ. އަތައް އެއްޗެއް ނުލިބޭގޮތައް އެއްކަމެއްވެސް ނުކުރާތި. މިއުޅެނީ ލާރި ގިނަވެގެނެއްނޫންވިއްޔަ.

    16