ބޮލީވިޑްގެ މަޝްހޫރު ތަރި، އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ފެނިގެންދާނީ، މިހާރު މިމަހުގެ މެދުތެރޭގައި ނެރެން ހަމަޖެހިފައިވާ ފިލްމް، "މިޝަން މަންގާލް" އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ދުނިޔެ ނޫން އެހެން ގުރަހައަކަށް އުޅަނދެއް ފޮނުވުމަށް މަސައްކަތްކުރާ ސައިންސްވެރިއެއްގެ ގޮތުގައެވެ. ފިލްމުގައި އޭނާ ކުޅޭ މި ތަފާތު ރޯލާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ ތުއްތު އިރު ހިނގި ކަމެއްގެ ހަނދާންތައް އާކޮށް އެވާހަކަ ކިޔައިދީފައެވެ.

އެކަން ހިނގައިދިޔަގޮތް ކިޔައިދެމުން އަކްޝޭ ބުނީ އުމުރުން ފަސް އަހަރުގައި އެއް ދުވަހު އޭނާގެ ބައްޕަ ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ރަތްކުލައިގެ ކުޑަ ރޭޑިއޯއެއް ދިން ކަމަށެވެ. 175 އިންޑިއަން ރުޕީސްއަށް ގަނެގެން ގެނައި އެ ރޭޑިއޯ ދިނުމުން އޭނާއަށް ބޮޑު އުފަލެއް ލިބުނު ކަމަށާއި، އޭރު އެއީ އޭނާއަށް ވަރަށް ކަމުދިޔަ، ބޮޑު ހަދިޔާއެއް ކަމަށް އަކްޝޭ ބުންޏެވެ.

"އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން ކުޅެން ގެންގުޅުނު ކަޅުކުލައިގެ ކުޑަ ރިންގެއް ބައްޕައަށް ދެއްކިން. އެ ރިންގު ގޭގައި ހުރި ދަގަނޑު އަލަމާރިއާއި ދިމާލަށް އެއްލާލާއިރަށް އޭގައި ތަތްވޭ. މި ވާގޮތެއް ނޭނގިގެން ސުވާލު ކުރުމުން ބައްޕަ ބުނީ އެއީ ދަގަތްފާނެއް ކަމަށް. އަހަރެން ހުރީ ވަރަށް ހައިރާން ވެފައި އެގޮތަށް ވާތީ،" އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނީ، އެ ދަގަތްފާނަކީ ކޮން ތަނަކުން ހޯދި އެއްޗެއްތޯ ބައްޕަ ސުވާލުކުރުމުން، އެއާއެކު އެއީ ބައްޕަ ދިން ރޭޑިއޯ ތެރެއިން ނަގައިގެން އުޅޭ އެއްޗެއް ކަމަށް ވަރަށް ފަހުރުވެރިކަމާއެކު އޭނާ ބުނި ހަނދާން އަދިވެސް ހުރި ކަމަށް އަކްޝޭ ބުންޏެވެ. ނަމަވެސް އެ ދަގަތްފާނު ނެގުމުން ރޭޑިއޯ ހަލާކުވީ ކަމެއް ކުރިން ނޭނގޭ ކަމަށާއި، ބައްޕަ އެވާހަކަ އޭނާއަށް ކިޔައި ދިނުމުން ވަރަށް ދެރަވި ކަމަށް އަކްޝޭ ބުންޏެވެ.

މިއީ ސައިންސްގެ ރޮނގުން އޭނާއަށް ކުރެވުނު އެންމެ ފުރަތަމަ ތަޖުރިބާ ކަމަށް އަކްޝޭ ބުނެފައިވާއިރު، ސައިންސް އާއި ގުޅުން ހުރި އޭނާގެ ކުރިޔަށް އޮތް ފިލްމް، "މިޝަން މަންގާލް"ގެ ވާހަކަ ދައްކާއިރު ކުރީގެ އެ ހަނދާންތައް އާވާ ކަމަށް އަކްޝޭ ބުންޏެވެ.

"މިޝަން މަންގާލް" އިން ފެނިގެންދާނީ ދުނިޔެއާއި ޖެހިގެން އޮންނަ ގުރަހަ، މިއްރީޙު (މާސް) އަށް އިންޑިއާއިން ކާމިޔާބުކަމާއެކު އުޅަނދެއް ފޮނުވުމަށް ސައިންސްވެރިންގެ ޓީމަކުން ކުރާ މަސައްކަތެވެ. 2014 ވަނަ އަހަރު އިންޑިއާ އިން އެ ގުރަހައަށް ފޮނުވާލި ޖައްވީ އުޅަނދު، "މަންގަލްޔާން" ގެ މިޝަންގެ މައްޗަށް ބިނާކޮށް ނެރޭ މި ފިލްމް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.

ޖަހަން ޝަކްތީ ޑައިރެކްޓުކޮށް، އާރު ބަލްކްރިޝްނަން ޕްރޮޑިއުސްކުރާ މި ފިލްމަކީ އަކްޝޭގެ އެންމެ ފަހުގެ މަސައްކަތް ފެނިގެންދާ ފިލްމެވެ. މިއީ މިއަހަރު އޭނާ ފެނިގެންދާ ދެވަނަ ފިލްމެވެ. 2019 ވަނަ އަހަރު އަކްޝޭ އެންމެ ފުރަތަމަ ފެނިގެންދިޔަ ފިލްމަކީ، ފިލްމް "ކެސާރީ" އެވެ.

އޭނާ މިހާރު ދަނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމް "ސޫރިޔާވަންޝީ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ ސާޖިދް ފަރުހާން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނެރޭ ފިލްމަކަށް ވާއިރު، އެއީ މަޝްހޫރު ޑައިރެކްޓަރ ރޯހިތް ޝެޓީ ޑައިރެކްޓްކޮށް، ބޮލީވުޑްގައި އެންމެ ބޮޑަށް ފިޔަޖަހާ އެއް ޕްރޮޑިއުސަރ، ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ. "ސޫރިޔާވަންޝީ"ގައި އަކްޝޭ ފެނިގެންދާނީ ފުލުހެއްގެ ގޮތުގައެވެ.