ޢާންމުގޮތެއްގައި ކޮންމެ ފިލްމެއްގައިވެސް އެ ފިލްމެއްގެ ބަތަލު ވެގެންދަނީ ބަތަލާ ސަލާމަތްކުރަން ހަމަޖެހިފައިވާ ހީރޯއަކަށެވެ. މި މަންޒަރު ކޮންމެ ފިލްމަކުން ކަހަލަ ގޮތަކަށް ފެނިގެންދާނެއެވެ. އެހެން ނަމަވެސް، ފިލްމެއްގެ ސެޓުން ހަގީގަތުގައި އެ ކަހަލަ ކަމަކަށް މަގުފަހިވާ ހާދިސާތަކުގެ ވާހަކަ އިވިގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

އިންޑިއާގެ މަޝްހޫރު އަދި ހުނަރުވެރި ބަތަލު އަކްޝޭ ކުމާރްއަކީ އޭނާގެ ފިލްމުތަކުގައި ބޮޑީ ޑަބަލްއެއްގެ އެހީއާއި ނުލާ ސްޓަންޓްތައް އަމިއްލައަށް ކުޅޭ ފިލްމީ ތަރިއެއްކަން ގިނަ ބަޔަކަށް އެނގިގެންދިޔަޔަސް، މިފަހަރު މި ގެނެސްދެެނީ އޭނާއާއި ބެހޭގޮތުން މަދު ބަޔަކަށް ނޫނީ ނޭނގޭ އެއް ވާހަކައެކެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާއަކުން ވަނީ ވަރަށް ފަހުން އަކްޝޭ ކުމާރްއާއި ލާރާ ދައްތާ އެކީގައި ފެނިގެންދިޔަ ފިލްމު، "އަންދާޒް" ގެ ލަވަ "ރައްބާ އިޝްގް ނާ ހޯވޭ" ނެގުމުގެ ތެރެއިން ދިމާވި ހާދިސާއެއް ރިޕޯޓްކޮށްފައިއެވެ. އެގޮތުން، މި ފިލްމުގެ މަންޒަރު ނަގަމުންދިޔަ ކޭޕް ޓައުންގެ ސަރަހައްދެއްގައި ލާރާއާއި އަކްޝޭ ޝޫޓް ކުރަމުންދިޔައީ ބޮޑު ގަލެއްގެ މަތީގައިއެވެ.

ކަނޑުގެ އޮއި ގަދަ ދުވަހެއްގައި، އެ ގައު މަތިން ލާރާ ވަނީ ކައްސާލައިގެން ފުން ކަނޑުގެ ތެރެއަށް ވެއްޓިފައިއެވެ. އޭރު ލާރާއަކީ އެއްވެސް ވަރަކަށް ފަތަން ނޭނގޭ މީހެކެވެ. ފިލްމުގެ ކްރޫ އެ ވަގުތު ތިބީ ބަސް ހުއްޓިފައިއެވެ. އެހެން ނަމަވެސް، އަކްޝޭ ވަނީ އޭނާގެ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ކަނޑަށް ޑައިވްކޮށްގެން، ގަދަ އޮއިގެ ތެރެއިން ލާރާ ސަލާމަތްކޮށްފައިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގެ އިތުރަށްވެސް އަކްޝޭ ވަނީ ސެޓް ތެރެއިން ދިމާވި ހާދިސާއަކުން އެހެން ކޯ-ސްޓާރެއްވެސް ސަލާމަތްކޮށްފައިއެވެ. އޭނާ ވަނީ ފިލްމު "ކާކީ" ގެ ސެޓްގައި ދިމާވި ހާދިސާއަކުން ބަތަލާ އައިޝްވާރިޔާ ރާއީވެސް ސަލާމަތްކޮށްފައިއެވެ.