ފިލްމު ޝޫޓިންގގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރ އަކްޝޭ ކުމާރަށް އަނިޔާ ލިބިއްޖެއެވެ.

އަކްޝޭއަކީ އޭނާގެ ފިލްމުތަކުގައި ބޮޑީ ޑަބަލްއެއްގެ ބޭނުން ނުހިފައި އެންމެ ނުރައްކާތެރި އެކްޝަން ސީންތައްވެސް އަމިއްލައަށް ކުޅޭ ފަންނާނެކެވެ. އުމުރުން 55 އަހަރުގެ އަކްޝޭ ކުމާރަށް މި އަނިޔާ ލިބިފައިވަނީ ސްކޮޓްލޭންޑްގައި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ފިލްމުގެ ސްޓަންޓް މަންޒަރެއް ޝޫޓް ކުރަމުންދަނިކޮށެވެ.

އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއަށް ލިބުނު އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއެއް ނޫނެވެ. އަދި މިހާރު އޭނާ ވަނީ ފިލްމުގެ ޝޫޓިންއަށް އެނބުރި ގޮސްފައިއެވެ. އެހެން ނަމަވެސް، އަކްޝޭގެ އަނިޔާއާއި ގުޅިގެން މިހާރަށް އެކްޝަންގެ މަންޒަރުތައް ކުޅުން ވަނީ މަޑުޖައްސާލާފައެވެ. އަދި ފިލްމުގެ ޝޫޓިންގ އިތުރަށް ފަސްނުކޮށް އަވަހަށް ނިންމާލުމަށްޓަކައި ބަތަލު ޓައިގަރ ޝްރޯފްއާއި އެހެނިހެން ތަރިންނާއިއެއްކޮށް އަކްޝޭ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފިލްމުގެ މަސައްކަތް ބަލަމުންދާ ފަރާތެއް "ހިންދުސްތާން ޓައިމްސް"އަށް ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭ މި ފިލްމުގެ ބާކީ ހުރި މަންޒަރުތައް ކުޅެމުންދަނީ ފައިގައި ބްރޭސަސް ލައްވައިގެންނެވެ.

1998 ވަނަ އަހަރުގައި އަމީތާބް ބައްޗަން އަދި ގޯވިންދާ ކުޅެފައިވާ "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ރީމޭކްގައި އަކްޝޭ އާއި އެކީގައި ފެނިގެންދާނީ ޓައިގަރ ޝްރޯފް، ޕްރިތްވިރާޖް ސުކުމަރަން އަދި ބަތަލާ ސޮނާކްޝީ ސިންހާއެވެ. ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރަމުންދާ މި ފިލްމުގެ ބޮޑު ބައެއް ވަނީ މުމްބާއިގައި ކުޅެ ނިންމާފައެވެ. އަދި މިހާރު މި ފިލްމުގެ މަސައްކަތްތައް ސްކޮޓްލެންޑްގައި ކުޅެ ނިންމޭނެ ކަމަށް ޒަފަރް ވަނީ އަންދާޒާކޮށްފައެވެ.