އަލްހާ އީދުގެ ފޯރިގަދަ ކޮށްލުމަށް އިއްޔެ ލ. ފޮނަދޫ މެދުއަވަށުގައި ކުރިއަށްދިޔަ ކަލަ ރަން ވެގެންދިޔައީ ކުލައިގެ ބޮޑު އީދަކަށެވެ. މުޅި ތަނުން ކުލަ ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ. މުޅި ދުވުމުންވެސް ފާހަގަވީ އުފާވެރިކަމުގެ އިހުސާސެވެ. ވަކި އުމުރެއް، ވަކި ޖިންސެއް ބެލުމެއްނެތި، ދުވުމުގައި ބައިވެރިވި އެންމެންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ.

ލާމު ލިންކް ރޯޑުގެ ހިތްގައިމު ކަމުގެ ތެރެއިން އީދާ އެންމެ ބޮޑަށް ގުޅުވާލަދިނީ ހުއްޓުމެއް ނެތި ޖަހަމުންދިޔަ ކުލައިންނެވެ. ގާތްގަނޑަކަށް 600 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވި ދުވުން ވެގެންދިޔައީ މިހާތަނަށް ލާމު އަތޮޅުގައިވެސް ބޭއްވި އެންމެ ކުލަގަދަ ދުވުމަކަށެވެ. މެދުއަވަށު އީދު ފޯރީގެ ތެރެއިން މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމް ކުރި ކަލަރަން ވަރަށްވެސް ފުރިހަމައެވެ. އިތުރަށް އިވެންޓަށް ފުރިހަމަކަން ގެނެސްދިނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ދުވުމުގައި ބައިވެރިވެލެއްވުމާ ގުޅިގެންނެވެ.

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުގެ ރައީސް އަހުމަދު ނަސީހު ވިދާޅުވީ ހީކުރި ވަރަށްވުރެ ބޮޑަށް ތަރުހީބު ލިބުނު ކަމަށާއި، ދުވުން ވަރަށް ކާމިޔާބު ކަމަށެވެ. އަދި ދުވުމަކީ މެދުއަވަށު އީދު ފޯރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން އިވެންޓަކަށް ވެގެންދިޔަކަމުގައި އުންމީދު ކުރާ ކަމަށްވެސް ނަސީހު ވިދާޅުވިއެވެ. ނަސީހު އިތުރަށް ވިދާޅުވީ ލިބޭ ތަރުހީބަށް ބަލާ އަންނަ އަހަރުގެ އީދުގައިވެސް ކަލަ ރަން ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

ދުވުން ނިމުމާއެކު ފެނުނީ ފޮޓޯ ނެގުމުގެ މަންޒަރުތަކެވެ. ދުވުމުގެ ކާމިޔާބީ ދައްކައިދިނީ ރޭސް ނިންމާލުމުން ބައިވެރިވި އެންމެންގެ ފަރާތުން ފެނުނު ހިތްހަމަ ޖެހުމުންނެވެ. އާއިލާއެކީ ދުވުމުގައި ބައިވެރިވި ފަރާތްތައް ފެނުނުއިރު، މުޅި ދުވުމުންވެސް ފެނުނީ ހިތްގައިމު މަންޒަރުތަކެވެ.