ބައެއް މީހުން ދެކޭގޮތުގައި ބިރުގަތުމަކީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ސިއްހަތަށް ދިމާވާ ކަމެކެވެ. ބައެއް މީހުން ދައްކާ ވާހަކައަކީ ބިރުގަތުމުން ހާޓް އެޓޭކެއް ޖެހިގެން މަރުވާ ވާހަކައެވެ. އެހެން ނަމަވެސް ސައިންސްވެރިން މިއަދު މި ވަނީ މިފަދަ ވާހަކަތައް ދޮގުކޮށް ބިރު ގަތުމުން ސިއްހަތަށާއި އެނޫން ގޮތްގޮތަށް ލިބޭ ބައެއް ފައިދާތަކެއް ހޯދާ ދިރާސާކޮށްފައެވެ.

ބިރާއި ގުޅޭގޮތުން ދިރާސާ ކުރާ ޑރ. މާޖީކަރ ގެ ނަޒަރުގައި ބިރަކީ ސިކުނޑީގައި އުފެދޭ ވަރުގަދަ ކެމިލަކް ޕަންޗެކެވެ. އޭނާ ބުނާގޮތުގައި މި ކެމިކަލަކީ ސިކުންޑިއަށް ފައިދާ ކުރަނިވި، ހިތްހަމަޖެހި އުފާވެރިކަން އިހުސާސް ކުރެވުމުންވެސް އުފެދޭފަދަ ގުދުރަތީ މާއްދާއެކެވެ.

އޭގެ އިތުރުން ބިރުގަތުމުން އުފެދޭ އޮކްސިޓޮކްސިން ނަމަކަށްކިޔާ މާއްދާއަކީ އެކަކު އަނެކަކާއި ގުޅުން ބަދަހިވެ އެކުވެރިވުމަށް ވެސް މަގުފަހިކޮށްދޭ މާއްދާއެއް ކަމަށްވެއެވެ. ޑރ. މާޖީކަރ ދެކޭގޮތުގައި ބިރުގަތުމުން އާންމުކޮށް އެކަކު އަނެކަކާއި ގުޅުން ބަދަހިވެ އެކަތިގަނޑެއްގެ ގޮތުގައި ގިނަފަހަރަށް ތިބޭ މަންޒަރު ފެންނަނީ މި މާއްދާގެ ސަބަބުންނެވެ.

ހަމަ އެހެންމެ ބިރަކީ ސްޓްރެސްއަށް ވެސް އޮތް ވަރަށް ބޮޑު ހައްލެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވުމަށް އެހީތެރިވާ މާއްދާތައް ހަށިގަނޑުގެ ތެރޭގައި، ބިރުގެ ސަބަބުން އުފެދޭ ކަން އެފަދަ ދިރާސާތަކުން އެނގެއެވެ.

އެހެން ނަމަވެސް އާންމުކޮށް އެކަކު އަނެކަކު ބިރުގެންނުވުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ. ކުއްލިއަކަށް ބިރުގަތުން ނުވަތަ އޭގެ ސަބަބުން ސިއްސައިގެން ދިއުމަކީ އެކަމުން ނޭދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމެކެވެ. އަދި އުމުރުން 6 އަހަރަށްވުރެ ކުޑަ ކުދިންނަކީ ދައްކާ ވާހަކަތަކަށް ބިނާކޮށް ކަންކަމާމެދު ވިސްނާ ބަޔަކަށް ވާއިރު އެފަދަ ކުދިން ބިރުގަންނަ ފަދަ ވާހަކަތައް ދެއްކުމުން އެކުދިންނަށް ނަފްސާނީ ގޮތުން ގެއްލުންވުމުގެ ފުރުސަތު އޮވެއެވެ.

"ބޮޑެތި މީހުން ކުޑަކޮށް ބިރުގަންނުވާލުމަކީ ސިއްހީ ނަޒަރަކުން ބަލާއިރު ކުރުން އެންމެ ރަނގަޅު ކަމެއް ކަން ދިރާސާތަކަށް ބަލާލީމަ ހާމަވެގެންދޭ" -ޑރ. މާޖީކަރ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު