ސްޕެއިންގެ މުރްސިއާ ސަރަހައްދުގެ ރަށެއްކަމުގައިވާ އަލްބަސީޓް ކައިރީގައި އޮންނަ ހައިވޭއެއްގައި ހިނގި އެކްސިޑެންޓެއްގައި ފަސް އެތް ހައިވޭގެ މައްޗަށް ދޫވެއްޖެއެވެ. ހައިވޭ ބޭނުންކޮށްގެން ދަތުރުކުރަމުންދިޔަ އެހެން އާންމުނަށް އެ އެތްތަކުގެ ސަބަބުން ކުއްލި ސިހުމެއް ލިބުނުއިރު އެ އެތްތައް ދޫވީ އެ އެތްތައް ދަތުރުކުރަމުންދިޔަ ސާރކަސް ލޮރީ އެކްސިޑެންޓްވުމުން އެ ލޮރީއިން ނިކުތުމުންނެވެ.

އެތަނުން އެއް އެތް ލޮރީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވިއިރު އިތުރު ދެ އެތަކަށްވެސް އެކިވަރުގެ އަނިޔާ ލިބުނުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ހާދިސާގައި ލޮރީ ދުއްވަން އިން ޑްރައިވަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެ އެތްތަކުގެ ސަބަބުން ހައިވޭގެ ޓްރެފިކް އެތައް އިރަކަށް ހުއްޓިގެންދިޔައިރު ސޯޝަލް މީޑިޔާގައި ބައެއް އާންމު ފަރާތްތަކުން ވަނީ އެ އެތްތައް ހައިވޭ މަތީގައި އުޅޭތަން ދައްކުވައިދޭ ވިޑިއޯ އާންމުކޮށްފައެވެ.

ސްޕެއިންގެ ސަރުކާރުގެ މަގުތަކާއި ބެހޭ ޑިޕާޓްމެންޓުގެ ޑިރެކްޓާރ ގްރެގޯރިއޯ ސެރާނޯ ވަނީ އެ އެތްތައް ހައިވޭ މަތިން ނެގުމަށްޓަކައި ކެރޭނެއް ބޭނުންކޮށްގެން އުފުލޭ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއްވެސް އާންމުކޮށްފައެވެ. އެ ޑިޕާޓްމެންޓުން ވަނީ އެކްސިޑެންޓް ކުރިމަތިވި ސަބަބު އަދިވެސް ތަހުގީގުކުރަމުންދާކަމަށާއި އަދި މިހާރު ދޫވި އެތްތައް ތިބީ އަލްބަސީޓްގެ ސަރަހައްދީ އޮފިޝަލުންގެ ބެލުމުގެ ދަށުގައިކަމަށް ބުނެފައެވެ. އެ އެތްތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެ އެތްތަކުގެ ސަބަބުން ވަނީ ހައިވޭ ދަތުރުކުރުން ވަގުތީގޮތުން މެދުކަނޑާލެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު