މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދިޔަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާއިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ދުނިޔެއާއި ވަކިވެދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 8 އަހަރުގެ ރައުޝަން ޖިއާން މަރުވި ހިތާމަވެރި ހާދިސާއަށް މިވަނީ އަށް މަސް ވެފައެވެ. ދުނިޔޭގައި މިއަދު ހުރިނަމަ 9 އަހަރު ފުރޭ ޖީއާންގެ އުފަންދުވަސް އޭނާ އުންމީދުކުރަމުން އައި ގޮތަށް މައިންބަފައިން މިއަދު ވަނީ ފާހަގަކޮށްދީފައެވެ.

ޖީއާންގެ މަންމައަކީ ފ. އަތޮޅު ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ފަރްޒާނާ އެވެ. "ރާއްޖެ އެމްވީ" ނޫހުގައި އޭނާ ބުނެފައިވަނީ ޖީއާން މިއަހަރުގެ އުފަން ދުވަސް ފާހަގަކުރަން ބޭނުންވީ "ޔުނިކޯން" ތީމެއްގައި ކަމަށެވެ. ނަމަވެސް އެ ހުވަފެން ހަޤީޤަތަކަށް ނުވަނީސް، ދަރިފުޅު ދުނިޔެއާއި ވަކިވެގެން ދާނެ ޖެހުނީ ކަމަށް ފަރްޒާނާ ބުންޏެވެ.

 

ޖީއާންގެ 9 ވަނަ އުފަން ދުވަސް، އުންމީދު ކުރި ގޮތަށް ފާހަގަކުރުމަށް އޭނާ މިއަދު ދުނިޔޭގައި ނެތްނަމަވެސް، އޭނާގެ މައިންބަފައިން މިވަނީ އެކަން ހަޤީޤަތަކަށް ހަދައިދީފައެވެ. އެގޮތުން "ޔުނިކޯން" ތީމެއްގައި ޖީއާންގެ ރަހުމަތްތެރީންނާއި ސްކޫލް ކުދިން ބައިވެރިކޮށްގެން މިއަދު ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ޖީއާންގެ އުފަން ދުވަސް ފާހަގަކޮށްފައެވެ.

އެ ސްކޫލުގައި މިއަދު ކިޔެވުން ފެށުމުގެ ކުރިން އޭނާގެ އަޑުން ކިޔަވާފައިވާ ޤުރުއާން ސޫރަތެއް އިއްވާފައި ވާއިރު، އެސެމްބްލީ ފެށުމަށް އެ ސޫރަތް ކިޔަވާލުމަކީވެސް ޖީއާން ދެކެމުން އައި ހުވަފެނެއް ކަމަށް ފަރްޒާނާ ބުންޏެވެ. މިއަދުގެ ޚާއްސަ އެސެމްބްލީއަށްފަހު ޖީއާންގެ ހަނދާން އައުކޮށް، އޭނާގެ އުފަން ދުވަސް ފާހަގަކުރުމުގައި ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން އަދި އެނޫން މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރު ދުނިޔެއާއި ވަކިވެދިޔަ ޖީއާނަށް 9 އަހަރު ފުރޭ އުފަން ދުވަހުގެ މުނާސަބަތުގައި ޖީއާންގެ އާއިލާއިން މިއަދު އޭނާ ކިޔަވަމުން ދިޔަ ސްކޫލަށް ޒިޔާރަތްކޮށްފައި ވާއިރު، އޭނާގެ އުމުރުން ތިން އަހަރުގެ ކޮއްކޮ ވަނީ ކުދިންނަށް ހަދިޔާ ބަހާފައެވެ.

ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ސިމެންތި ބަސްތާއިން ޖެހި އޭނާއަށް އެދުވަހު އަނިޔާވީ މައިންބަފައިންނާއެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެ ދުވަހުގެ ހިތާމަވެރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް އާންމުވެފައި ވެއެވެ. ސިމެންތި ބަސްތާ ވެއްޓި ޖިއާން އަށް އަނިޔާވި މަންޒަރު ފެންނަ ވީޑިއޯގައި ޖިއާންގެ ކައިރީގައި ހުއްޓާ ފެންނަނީ ޖިއާންގެ މަންމަ ފަރްޒާނާ އެވެ. ބަސްތާއިން އެ ތުއްތު ހަށިގަނޑުގައި ޖެހުނީ މަންމަގެ އަތުގައި ހިފައިގެން ހުރެފައި، ކުރީގައި ހުރި ބައްޕަގެ ގާތަށް ދިއުމަށް އޭނާ ހިނގައިގަތް ވަގުތުއެވެ.

މި ހިތާމަވެރި ހާދިސާއަށްފަހު އައި ޖީއާންގެ އުފަންދުވަސް، ހިތާމަވެރި އިހުސާސްތަކާއެކު މިއަދު ޖީއާންގެ އާއިލާއިން ފާހަގަކުރަމުންދާއިރު، ޖީއާންގެ މަންމަ ބުނެފައިވަނީ ހިނދުކޮޅަކަށްވެސް ދަރިފުޅުގެ ހަނދާންތަކާއި ދުރަށް ނުދެވޭ ކަމަށެވެ. އަދި އެންމެ އުފާވަނީ ދަރިފުޅުގެ ހަނދާންތައް އާވާ ވަގުތުތަކުގައި ކަމަށާއި، ނަމަވެސް އެ ދަރިފުޅު ކައިރީގައި ނެތުމުން، ހިތަށް ކެތްނުކުރެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ. މިފަދަ ހާދިސާއެއް ރާއްޖޭގައި އިތުރަށް ހިނގާން އޭނާ ނޭދޭ ކަމަށާއި އަދި ދަރިފުޅަށް އިންސާފު ލިބޭނޭ ދުވަހަކަށް އިންތިޒާރު ކުރެވޭ ކަމަށްވެސް ފަރްޒާނާ ބުނެފައި ވެއެވެ.

 

ޖީއާން ދުނިޔެއާއި ވަކިވެދިޔަ ހިތާމަވެރި ހާދިސާ އާއި ގުޅިގެން ކުރިޔަށްގެންދިޔަ ތަހުޤީޤަށްފަހު ހަ މީހަކަށް ދަޢުވާކޮށް މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރީ ފަރީދީ މަގުގައި ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތްކުރިއިރު، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވާތީ އެވެ.