ބޮލީވުޑްގެ މަޝްހޫރު ތަރި، ނެހާ ދުޕިއާ އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެއަށް އަތުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ނެހާ އޭނާގެ ކުރިޔަށް އޮތް އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އަށް އައިސްފައި ވަނީ ފިރިމީހާ އާއި ދަރިފުޅާއެކު އިއްޔެގެ ވަގުތެއްގައެވެ. އެ މީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސެންޓާރާ ގްރޭންޑް މޯލްޑިވްސް ގައެވެ.

މި މަހުގެ 27 ވަނަ ދުވަހު 39 އަހަރު ފުރޭ ނެހާ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، މިއީ އޭނާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ފިރިމީހާ އަންގަދު ބޭދީ ދިން ހަދިޔާއެކެވެ.

މި ދަތުރާއި ބެހޭ ގޮތުން އަންގަދު ކުރިން ބުނެފައިވަނީ، ނެހާގެ އުފަން ދުވަހާއި ދިމާކޮށް ރާއްޖެއަށް އައުމަށް ނިންމާފައި ވަނީ ރާއްޖެއަކީ އެ ދެމީހުން ހަނީމޫންވެސް ހޭދަކުރި މަންޒިލް ކަމަށް ވާތީ ކަމަށެވެ. ހަމަ އެހެންމެ މި ދަތުރަކީ އެދެމީހުންގެ ދަރިފުޅު ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރަށްވެސް މި ދަތުރު ވެގެން ދާތީ، މިއީ ޚާއްސަ ދަތުރެއް ކަމަށް އަންގަދު ބުނެފައި ވެއެވެ.

އަންގަދު ވަނީ އޭނާގެ އިންސްޓަގްރާމުން، ރާއްޖޭގައި ނެހާ އާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ރާއްޖެއިން އެމީހުންނަށް ލިބެމުންދާ މެހުމާންދާއީ އާއި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު