ޒުވާން އުމުރުގެ ކުދިންގެ ތެރެއިން އާދަވެ ޗުއިންގަމް ކައި އުޅޭ ކުދިންގެ 88 އިންސައްތަ ކުދިންނަށް ބޮލުގައި ރިއްސާ މައްސަލަ ކުރިމަތިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މި ދިރާސާގައި ވަކި ފަރުވާއެއް ނުދިނަސް ޗުއިންގަމް ކެއުން ހުއްޓާލުމުން، ބޮލުގައި ރިއްސާ މައްސަލަ އަމިއްލައަށް ހައްލުވާ ކަމަށް ވެސް މި ސައިސްވެރިން ބުނެއެވެ.

ދިރާސާ ކުރި ސައިންސްވެރިން ބޮޑަށް ބުރަ ވަނީ މިގޮތަށް ބޮލުގައި ރިއްސަނީ ޓީއެމްޖީގެ ސަބަބުން ކަމަށެވެ. ޗުއިންގަމްގައި ފޮނި ރަހަ ހުންނަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށާއި އަދި އޭގައި އެސްޕަޓޭމް ހުންނަނީ ވަރަށް ކުޑަކުޑަ މިންވަރަކަށް ކަމަށް މި ބޭފުޅުން ފާހަގަ ކުރެއްވި އެވެ.

މި ހޯދުމުގައި ބޮލުގައި ރިއްސާތީ އުޅުނު 30 މީހުންގެ ތެރެއިން 26 މީހަކަށް ޗުއިންގަމް ކެއުން ހުއްޓާލުމުން ފާހަގަ ކޮށްލެވޭ ވަރުގެ ލުޔެއް ލިބުނެވެ.

އާއްމުކޮށް ބޮލުގައި ރިއްސައިގަންނަން މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ސުޓްރެސް، މާބޮޑަށް ވަރުބަލިވުން، ނިދި މަދުވުމުން، ހޫނު ގަދަވުން، ވީޑިއޯ ގޭމް، އަޑުގަދަވުން، އަވި، ދުންފަތުގެ އިސްތިއުމާލުކުރުން، ކާ ގަޑިތަކުގައި ނުކެއުން ހިމެނެ އެވެ.

މިހާތަނާ ޖެހެންދެން ވެސް ޗުއިންގަމާއި ބޮލުގައި ރިއްސުމާ ހުރި ގުޅުން ދެނެގަތުމަށް މެޑިކަލް ރިސާޗް ކޮށްފައިވަނީ ވަރަށް ކުޑަކޮށެވެ.

ދިރާސާގައި ބައިވެރިވި ހުރިހާ ކުދިންނަކީ ވެސް ޗުއިންގަމް ކޮންމެ ދުވަހަކުވެސް ކާ ކުދިންނެވެ. އެކުދިންނަށް އެއްމަސް ވަންދެން ޗުއިންގަމް އެއްގޮތަކަށްވެސް ނުކެއުމަށް އިރުޝާދު ދިނެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ ދުވާލަކު ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރު ޗުއިންގަމް ހަފާ ކުދިންނެވެ. މީގެ ތެރޭގައި ހައެއްކަ ގަޑިއިރުވަންދެން ޗުއިންގަމް ހަފާ ކުދިން ވެސް ތިއްބެވެ. ޗުއިންގަމް ނުކާތާ މަސް ދުވަސް ވީއިރު 40 ކުދިންގެ ތެރެއިން 20 ކުއްޖެއްގެ ބޮލުގައި ރިއްސުން މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ބުނެފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު