ޔުނިވާސިޓީއެއްގައި ކިޔަވަމުންދަނިކޮށް، ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި އަރަބި ޒުވާނެއް ކަމަށްވާ އަބާ ބަކުރު ޖަމާލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަތާ 19 މަސް ފަހުން މަރުވެއްޖެެެއެވެ.

އުމުރުން 23 އަހަރުގެ ޖަމާލް މާރުވީ އަލް އައިން ހޮސްޕިޓަލްގެ ކޯމާގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. 2018 ވަނަ އަހަރުން ފެށިގެން އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އެ އެކްސިޑެންޓްގައި ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.

ދުބާއީގެ ޔުނިވާސިޓީއެއްގައި އިންޖީނިއަރިންގ ދާއިރާއިން ކިޔަވަމުން ދިޔަ ޖަމާލް އެކްސިޑެންޓްވީ ރަހުމަތްތެރިޔަކާއެކު މައިންބަފައިން ކައިރިއަށް ކާރުގައި ގޮސް އެނބުރި ގެއަށް އައި މަގުމަތީގައިއެވެ.

އެ ހާދިސާއަށްފަހު އޭނާއަށް އަލް އައިން ހޮސްޕިޓަލްގައި ަފރުވާދެމުން ދިޔައިރު، އޭނާއަށް ފުރަަތަމަ ފަރުވާދެމުން ދިޔައީ އައިސީޔޫގައެވެ. އެތަނުގައި އޭނާއަށް އަހަރެއް ވަންދެން ފަރުވާދިނުމަށްފަހު މީޑިއަން ކެއާ ޔުނިޓަށް ވަނީ ބަދަލުކޮށްފައެވެ. އެތަނުގައި ހަތް މަސް އޭނާ ހޭދަކުރިއެވެ.

ޖަމާލު މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ ކޮންމެވެސް ވަރަަކަށް ހަރަކާތް ކުރަމުންދިޔަ ކަމަށް ވެއެވެ. އަދި އޭނާ ރަނގަޅުވާނެ ކަމަށް އާއިލާއިން ދިޔައީ އުއްމީދު ކުރަމުންނެވެ.

އެހެން ނަމަވެސް އޭނާގެ ކުއްލި މަރާއެކު މުޅި އާއިލާ ދަނީ ހިތާމަ ކުރަމުންނެވެ. އާއިލާއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އޭނާގެ އާއިލާގެ އިތުރު ތިން އަންހެން ކުދިން ތިބޭ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު