ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ނުވަތަ އިނދެގެން އުޅޭ މީހާ އަށް ޖޯކު ޖަހަން ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ ވަރަށް ރަނގަޅެވެ. އެއީ ބައިވެރިޔާ އަށް ޖޯކު ޖަހާނަމަ ދެމީހުންގެ ލޯބި އިތުރުވާކަން ދާދި ފަހުން ހެދި ދިރާސާ އަކުން ހާމަވެފައި ވާތީއެވެ.

ބައެއް މީހުން ބިޓު ދެރަވެދާނޭ ކަމަށް އެފަދަ ޖޯކުތައް ޖަހަން ނުކެރިފައި ތިބެއެވެ. ހަނދާނުގައި ބަހައްޓާށެވެ. މިގޮތަށް ޖޯކު ޖަހަން ވާނީ ދެމީހުން އެކަނި ތިބޭ ވަގުތުގައެވެ. އެހެނީ، އެހެން މީހުން ތިބޭއިރު ދެމީހުން ދެމީހުންނަށް މިގޮތަށް ޖޯކު ޖަހާނަމަ، ލޯބީގެ ބަދަލުގައި ރުޅިވެރިކަން އުފެދުމަކީ ވަރަށް އާއްމު ކަމެކެވެ.

ބައިވެރިޔާ އާއި އެކު އުޅޭ އުޅުމުގައި ނުވަތަ ގުޅައިގެން ވާހަކަ ދައްކާ އިރުވެސް އޭނާ އަށް ޖޯކު ޖަހާށެވެ. ޖޯކު ޖެހޭނޭ އެކި ގޮތްގޮތް ހުންނައިރު، ބައިވެރިޔާގެ މިޒާޖުގެ ގޮތުން އެކި މީހުން ޖޯކު ޖަހަން ޖެހޭ ގޮތް ތަފާތު ވެދާނެއެވެ. އެހެންކަމުން، މިކަން ކުރުމުގެ ކުރިން ބައިވެރިޔާ ރަނގަޅަށް ދަސްވުން ވަރަށް މުހިއްމެވެ.

ޔުނިވާސިޓީ އޮފް ކެންސަސްގައި މިކަމާއި ގުޅޭގޮތުން ހެދި ތަފާތު 39 ދިރާސާ އަކުން ދައްކާ ގޮތުން މިފަދަ ގޮތަކަށް ޖޯކު ޖަހައި އުޅޭ ދެމީހުން ދުރު ނުވެ، އެކުގައި އުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ އިތުރުންވެސް، ދެމީހުން އެކުގައި ކުރާ ކަންތަކަށް ޖޯކު ޖެހުން މުހިއްމެވެ. އެއީ ދެމީހުން އެކުގައި ކޮށްފައި ހުރި ކަމެއް ނުވަތަ ކުރަން ރާވާފައި އޮތް ކަމަކަށް ވިއަސް މެއެވެ.

މިގޮތަށް ކަންތައް ކުރި ނަމަވެސް، ލައިނުން ބޭރު ނުވެ އެކަން ކުރާށެވެ. އެހެނީ، ޖޯކު ޖެހުމާއި ބައިވެރިޔާ ހިތަށް ތަދުވާ އެއްޗެހި ކިޔުމާއި ވަރަށް ތަފާތެވެ. ބައެއް މީހުން ޖޯކު ޖަހަމުން ގޮސް ބައިވެރިޔާ ރޮއްވާލާތަންވެސް އަހަރެމެންނަށް ފެނެއެވެ. އެހެން ކަންތައް ނުކޮށް މަޑުމަޑުން ފަށަމުން ކުރިއަށް ގެންދާށެވެ. އޭރުން ރަނގަޅު ވާނެއެވެ.