އެމެރިކާގެ ފްލޮރިޑާގައި ގެއަކަށް ވަގަށް ވަދެ އޭނާ ކާންވެގެން ބިސްގަނޑު އެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ކަމަށް އެ ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ހަފްތާގެ ކުރީކޮޅު ހިނގި މި ހާދިސާގައި، ފްލޮރިޑާގެ 'ސޭފްޓީ ހާބާ' ސަރަޙައްދުގެ ގެއަކަށް މީހަކު، ވަގަށް ވަދެފައިވަނީ ގޭގެ ވެރިމީހާ ނިދާފައި އޮއްވައެވެ. އެގޭގަ ހުރި އަގުހުރި މުދާ ވަގަށް ނަގައިގެން އަވަހަށް ނިކުތުމުގެ ބަދަލުގައި އޭނާ ދެން އަވަސްވެގަތީ، ކާންވެގެން ބިސްގަނޑު އެޅޭތޯއެވެ.

އެގޭގައި އުޅޭ މީހަކަށް މިކަން ސަމާލުކަމަށް އައީ ފަތިހު 4 ޖަހާ ބޮޑުވި ފަހުންނެވެ. އޭރު 19 އަހަރުގެ 'ގެވިން ކްރިމް' އުޅުނީ އޭނާގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމާއިގެން ތަންކޮޅެއް ބިޒީކޮށެވެ. ކްރިމް ވަނީ އެމީހާ ކައިރީ "އެނބުރި ނިދަން ދިޔުމަށް" ބުނެފައެވެ. ހައިރާންވެފައި ތިބި އެގޭގަ މީހުން ވަނީ ވަގުތުން ފުލުހުންނަށް ގުޅާފައެވެ.

ފުލުހުންނަށް ގުޅި ހިސާބުން ގެވިންވަނީ އެގެއިން ނިކުމެގެން ފިލައިފައެވެ. ފުލުހުން އައިސް އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިވަނީ ލަކުޑިތަކެއްގެ ތެރޭގައި ފިލައި އޮއްވައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ގެވިން އަކީ އެމެރިކާ މެރިން ސިފައިންގެ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރީ ވަގަށް ގެއަކަށް ވަދެ އެގެ ބޭނުންކުރި މައްސަލައެވެ.

ފުލުސް އޮފީހުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ގެވިން ވަނީ ގެއަކަށް ވަގަށް ވަން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭނާގެ ނިޔަތަކީ ކޮބައިކަމެއް ނޭނގެއެވެ. ފުލުސް ރިޕޯޓުގައިވާ ގޮތުން ގެވިން މިކަން ކޮށްފައިވަނީ ބަނގުރަލުގެ މަސްތުގައި ހުރެ އޭގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. އޭނާވަނީ މިހާރު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު