ކުޑަކުއްޖަކު ވެސް އަދި ބޮޑު މީހަކު ނަމަވެސް ނޭވާލުން އެއްވެސް ސަބަބަކާއި ހުރެ ހުއްޓިއްޖެނަމަ ގިނަ އިރުތަކެއް ވަންދެން ދުނިޔެއަކަށް ނޯވެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ނޮތަމްބްރިއާ ނަމަކަށް ކިޔާ ސަރަހައްދުގައި ދިރިއުޅޭ ދެމަފިރިއަކަށް ލިބުނު ކުއްޖަކު އުފަންވި ވަގުތުން ފެށިގެން ނޭވާ ނުލެވިފައި 28 މިނެޓް އޮތުމަށް ފަހު، ހައިރާން ކުރަނިވި ގޮތަކަށް ފުރާނަ ސަލާމަތްވެއްޖެއެވެ.

އުމުރުން 25 އަހަރުގެ އެލެކް ކެލީ އަށް ލިބުނު ދަރިފުޅު އީވާ އުފަންވި ވަގުތު ނޭވާ ނުލެވުނީ ފޫޅުދަނޑި ކަރުގައި އޮޅިފައި އޮތުމުންނެވެ. ޑޮކްޓަރުން އީވާގެ ފޫޅުދަނޑި ނައްޓާލުމުން ވެސް ފުރަތަމަ އޭނާ އަށް ނޭވައެއް ނުލެވުނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އީވާ އަށް ނޭވާ ލެވުނީ 28 މިނެޓް ވަންދެން ނޭވާ ހުއްޓިފައި އޮތުމަށް ފަހުއެވެ.

އީވާ އުފަންވި ވަގުތު ދިމާވި ކަންތައްތަކުގެ ސަބަބުން އީވާ އަށް ސިއްހީ މައްސަލަތަކެއް ދިމާވާނެ ކަމަށް ބެލެވުނު ނަމަވެސް ނަސީބު ރަނގަޅުކަމުން އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. ހޮސްޕިޓަލްގައި އޮންނަތާ 12 ވަނަ އަށްވީ ދުވަހު އީވާ އާއި އޭނާގެ މަންމަ ވަނީ ގެއަށް ދޫކޮށްލާފައެވެ.

އީވާ އަށް ނޭވާ ނުލެވި ގިނައިރުތަކެއް ވުމުން ޑޮކްޓަރުން ފުރަތަމަ ލަފާކުރީ އީވާގެ ސިކުނޑިއަށް ގެއްލުން ލިބި ދާއިމީ ނުކުޅެދުންތެރިކަމެއް ތަހައްމަލް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ދިމާވެފައެއް ނުވެއެވެ. އީވާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ ސިއްހީ ބޮޑު މައްސަލައެއް ދިމާނުވެ އީވާ ސަލާމަތްވުން އެއީ އަޖައިބެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު