ވަރަށް އަވަހަށް އިންސާނުން ނިދަންވެގެން ސްމާޓް ޖަނގިޔާ ލާން ފަށާނެއެވެ. މިއީ އެމެރިކާގެ މައްސަޗުޓަސް ގެ ސައިންސްވެރިން ދެކެމުން އަންނަ ހުވަފެނެކެވެ.

ދާދި ފަހުން އެ ޔުނިވާސިޓީގެ 2 ސައިންސްވެރިން ގުޅިގެން ވަނީ ހިތުގެ ވިންދު ހިނގާ ވަރާއި، ނޭވާލާ މިންވަރު ބެލޭ ގޮތަށް ބޭރުފުށުން އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަހަލަ 'ޕޯޓަބަލް އީޖާދެއް' ތައާރަފު ކޮށްފައެވެ. އެ އީޖާދަކީ "ސްމާޓް ޕިޖާމާ" އެވެ.

ޔުނިވާސިޓީ އޮފް މައްސަޗުޓަސް ގެ ދެ ސައިންސްވެރިން ކަމަށްވާ އަލީ ކިއަގާދީ އާއި ޒޮހްރެ ހޮމަޔުންފަރް އުފެއްދި "ޕިޖާމާ" އަކީ ފެންނަ ފެނުމުގައި ހަމަ އާދައިގެ ޕިޖާމާ އަކަށް ވިއަސް މި ޕިޖާމާ އުފައްދާފައިވަނީ ސިއްހީ ކަންތައްތައް ބެލޭނެ ޓެކްނޮލޮޖީ އަކާ އެކީގައެވެ.

"އަހަރެމެންނަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ ހެދުމުގެ ބައްޓަމާއި، ލިއްބައިދޭ އިހުސާސް ބަދަލު ނުކޮށް މިއަށް މުހިއްމު ސިގްނަލްތައް ދެނެގަނެވޭނެ ގޮތެއް ހޯދުމަށް."މި ތަފާތު އީޖާދު އުފެއްދުމުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް ބަލަހައްޓަން ހުރި ޕްރޮފެސަރު އެންޑްރިއު، ޕިޖާމާ އާ ގުޅޭގޮތުން ބުންޏެވެ.

"....މީހުންނަށް އާއްމު ގޮތެއްގައި ސްމާޓް ހެދުމޭ ބުނީމަ ހީވެދާނެ އެއީ އެތައް ސެންސަރެއް އެކުލެވޭ ގޮތަށް އެއްޗެހީގެ މަސައްކަތް ކުރާ ގޮތުގެ ނުވަތަ ޖިސްމާނީ ސިގްނަލް ހޯދަން އުފައްދާފައި ހުންނަ ބާރު ހެދުމެކޭ. އެކަމަކު މިއީ ހައްލެއް ކަމަށް އަހަރެމެން ނުދެކެން. ސަބަބަކީ ކޮންމެ ގަޑި އެއްގައި ވެސް ލެވޭ ގޮތަށް ހުންނަ ހެދުމަށް ވާން އެބަޖެހޭ ސްމާޓް ހެދުމެއް ވިއްޔާ. ވަކިން ޙާއްސަ ކޮށް ނިދާ ގަޑީގައި." އެންޑިރިއު ބުންޔެވެ.

ސްމާޓް ޕިޖާމާ މެދުވެރިކޮށް ސިއްހީ މަޢުލޫމާތު ދެނެގަންނަނީ ނިދާ ގަޑީގައި އާއްމުކޮށް މީހުން ހަށިގަނޑަށް ގެންނަ ހަރަކާތްތައް މޮނީޓަރު ކޮށް އެއިން ޕިޖާމާގައި ހަރުކޮށްފައި ހުންނަ ސެންސަރަށް ފޮނުވާ ޑޭޓާ އިންނެވެ. އެގޮތުން މީހުން ނިދާއިރު އަތަށް ގެންނަ ބަދަލުތަކުން ގެނުވާ ޕްރެޝަރުން، ނުވަތަ ބާލީހެއް ފަދަ އެއްޗެއްގައި ބައްދައިގެން އޮންނަ ގަޑީގައި ގެންނަ ހަރަކާތްތައް ފަދަ ޙަރަކާތްތަކުން މީހުން ނޭވާލާ ގޮތާއި ހިތުގެ ވިންދު ހިނގާ ގޮތް މި ސެންސަރަށް ދެނެގަނެވޭނެއެވެ.

ސްމާޓް ޕިޖާމާ އުފައްދަން ނިންމި ސަބަބާއި ގުޅޭގޮތުން އެންޑްރިއު ބުނީ، "އަހަރެމެން އުއްމީދު ކުރަނީ މި އުފެއްދުމުގެ ސަބަބުން ނިދުމުގެ މައްސަލަ ހުންނަ، ޙާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންގެ ސިއްހަތު ބެލެހެއްޓުމަށް ވަރަށް ބޭނުންތެރި އެއްޗަކަށް މި ޕިޖާމާ ވާނެކަމަށް. ކުރީގެ ޖީލު ތަކުގެ ބޭފުޅުން އިތުރު ސްމާޓް އުފެއްދުމެއް ގެންގުޅޭކަށް ބޭނުމެއް ނުވާނެ. އެކަމަޖު ނިދާ ހެދުމަކީ އެންމެންނާ ވެސް ގުޅިފައި އޮންނަ އެއްޗެއް. އެކަމަކުވެސް، މީގެ އެންމެ ބޮޑު ބޭނުމެއް ހިފޭނީ ނިދަން އޮށޯންނަ ގޮތެއްގެ ސަބަބުން އަންނަ ބަދަލު އަމިއްލައަށް ވެސް ދެނެގަނެވޭނެ މި ޕިޖާމާގެ ސަބަބުން."

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިސާޗަރުންނާއި، އެކި އީޖާދުތައް އުފައްދާ ފަރާތްތައް ބައިވެރިވާ 'ޔުބިކޮމްޕް 2019' ކޮންފަރެންސް ގައި ސްމާޓް ޕިޖާމާ ރަސްމީކޮށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޮންފަރެންސް މި ހަފްތާގައި އިނގިރޭސިވިލާތުގެ ލަންޑަނުގައި ފެށޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު