އާއްމުކޮށް އަޑުއިވެނީ ޓީޗަރުންގެ ޖިންސީ އަނިޔާގެ ޝިކާއަކަށް ދަރިވަރުން ވެގެންދާ ޚަބަރެވެ. ނަމަވެސް މިފަހަރު މިއޮތީ ޓީޗަރަކަށް ދަރިވަރަކު ޖިންސީ ގޯނާކޮށްފައެވެ. މިކަން ހިނގީ ސްކޮޓްލޭންޑްގެ ގްލަސްގޯގައި ހުންނަ ސެކަންޑަރީ ސްކޫލެއްގައެވެ.

ފުލުހުން ބުނީ އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކު އަންހެން ޓީޗަރަށް ޖިންސޯ ގޯނާކޮށްފައި ވަނީ އޮގަސްޓް 29 ގައި ކަމަށާއި މިހަފްތާފައި އެދަރިވަރު ހައްޔަރުކޮށް މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

"އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ޓީޗަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކޮށް ވަނީ ދައުވާ އުފުލިފައި." ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ. މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ތަފްސީލް ނުދޭތީ ދަރިވަރު، އޭނާގެ ޓީޗަރަށް ޖިންސީ ގޯނާ ކުރީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުތައް ބުނާ ގޮތުން އުމުރުން 10 އަހަރު ފުރިފައިވާ ކޮންމެ ކުއްޖަކު ވެސް އެކުއްޖަކު ކުރާ ޖިނާޢީ ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. ނަމަވެސް އުމުރުން 18 އަހަރު ނުފުރޭނަމަ އަންނަ އަދަބު ކުޑަވާނެއެވެ.

ފަހަކަށް އައިސް އިނގިރޭސިވިލާތާއި ސްކޮޓްލޭންޑްގައި ކުޑަކުދިން ޖިންސީ މައްސަލަތަކުގައި ޝާމިލްވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކުޑަކުދިން މިފަދަ ކުށްތަކުގައި ބައިވެރިވުން އިތުރުވަމުން ދާތީ އިނގިރޭސިވިލާތާއި ސްކޮޓްލޭންޑްގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.