އިންޑިޔާގެ މަހަރާޝްތްރާގެ ނާގްޕޫރުގައި އަންހެނަކު އޭނާ ގެންގުޅުނު ބަކަރިއެއް، މިނިކާ ވަގެއްގެ ކިބައިން ސަލާމަތް ކުރަން އެއާ ހަނގުރާމަ ކުރުމަށް ފަހު، ލިބުނު ޒަހަމްތަކާ އެކު ސެލްފީއެއް ނެގުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އުމުރުން 23 އަހަރުގެ ރޫޕާލީ މެޝްރަމް ގެންގުޅުނު ބަކަރިއަށް ވަލުތެރެއިން ނުކުތް މިނިކާވަގެއް ހަމަލާ ދިނުމުން އެ ބަކަރި ސަލާމަތް ކުރަން އޭނާ އެ މިނިކާވަގާ ހަނގުރާމަ ކުރީ ބިންމަތިން ހޯދި ލަކުޑި ބުރިއެއް ބޭނުންކޮށްގެންނެވެ. އެ ކަމުގެ ތެރޭގައި އޭނާއަށް ޒަހަމްތަކެއް ވެސް ލިބުނެވެ.

މިނިކާވަގާ ހަނގުރާމަ ކުރާތަން ފެނުމުން ރޫޕާލީ މަންމަ ވަނީ އޭނާގެ ދަރިފުޅު ގޭތެރެއަށް ވައްދާފައެވެ. އެކަމުގެ ތެރޭގައި ދެމީހުންނަށް ވެސް ޒަހަމްތަކެއް ލިބުނެވެ.

މި ހާދިސާއަށް ފަހު އެ ދެމީހުންވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށް ބީބީސީ އިން ވަނީ ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް އެ ދެމީހުނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ.

ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ޒަހަމްތައް ލިބިފައި ހުރި ހާލުގައި ރޫޕާލީ އޭނާގެ މަންމައާއެކު ސެލްފީއެއް ނެގުމުންނެވެ. އެ ސެލްފީގައި ރޫޕާލީގެ ލެއިން ތަތްތެޅިފައި އޮތް މޫނު ފެންނަން ހުރި އިރު ގިނަ ބަޔަކު ސުވާލު އުފެއްދީ އެކަހަލަ ވަގުތެއްގައި ސެލްފީއެއް ނަގަން ހިޔާލު އައީ ކިހިނަކުން ކަމާމެދު އެވެ.

ރޫޕާލީގެ ސެލްފީ މީސް މީޑިއާގައި ވައިރަލްވި އިރު އޭނާ ސަލާމަތް ކުރަން އުޅުނު ބަކަރި ވަނީ މިނިކާވަގުގެ ޝިކާރައަކަށް ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު