ފަސް އަހަރަށް ޖަލަށްލާން ޙުކުމް ކުރުމާއި ގުޅިގެން ޖޮދްޕޫރު ޖަލަށް ގެންގޮސްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާންއަށް ޖަލުގައި ވަކި ޚާއްސަ އިނާޔަތްތަކެއް ދެވެން ނެތް ކަމަށާއި، ޖަލުގައި ގައިދީންނަށްދޭ ޔުނިފޯމް މާދަމާ ސަލްމާނާއި ޙަވާލު ކުރެވޭނެ ކަމަށް، އެ ޖަލުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ވިކްރަމް ސިންގ ބުނެފިއެވެ.

ވިކްރަމް ބުނީ ޖަލުގައި ގައިދީންނާއި މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށާއި، އެހެންކަމުން ސަލްމާނާއި މެދުވެސް ޢަމަލުކުރަމުން ގެންދާނީ އެހެން ގައިދީންނާއި މެދު ވެސް ޢަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

ސަލްމާން ޖޮދްޕޫރު ޖަލުގައި

ވިކްރަމް ބުނެފައިވަނީ، ސަލްމާނަށް ޖަލުން ދީފައިވާ ގައިދީ ނަމްބަރަކީ، 106 ކަމަށެވެ. އަދި އޭނާ ބާއްވާފައި އޮތީ ޖަލުގެ ދެވަނަ ވާޑުގައި ކަމަށާއި، މިހާރު އޭނާގެ މެޑިކަލް ޓެސްޓްތައް ހަދާފައިވާއިރު އެއްވެސް ސިއްޙީ މައްސަލައެއް ހުރިކަމަށް ޓެސްޓުތަކުން ދައްކާފައިނުވާކަމަށެވެ. ހަމަ އެހެންމެ ސަލްމާން ގެ ގޮޅީގައި އޮންނާނީ އޭނާ އެކަނި ކަމަށާއި، އޭނާ އަކީ އެކަނިވެރިވުމުން "ފަސޭހައިން ބިރު ގަންނަ މީހެއް ކަމަށް" ނުބެލެވޭ ކަމަށް ވިކްރަމް ބުނެފައިވެއެވެ.

ސަލްމާން ހައްޔަރު ކުރުމާއި ގުޅިގެން ޖަދްޕޫރު ސެންޓްރަލް ޖަލުގެ ކައިރީގައި އޭނާއަށް ސަޕޯޓުކުރާ ފަރާތްތަކުން އެއްވެ ނުރުހުން ފާޅުކުރަމުންދާއިރު، ސަލްމާން ބާއްވާފައިވާ ވާޑުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ޢާންމު ފަރާތްތަކަށް ސަލްމާނާއި ބައްދަލު ކުރުމުގެ ފުރުސަތެއް އަދި ނެތްއިރު، އޭނާގެ ލޯޔަރަށް އޭނާ އާއި ކޮންމެ ވަގުތެއްގައި ވެސް ބައްދަލު ކުރެވޭނެ ކަމަށް އިންސްޕެކްޓަރ ވިކްރަމް ބުނެފައިވެއެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން އިންޑިއާގެ ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.

މި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ސަލްމާންގެ ވަކީލުން މިހާރު ދަނީ ކުރަމުންނެވެ. ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް ސަލްމާން އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދަޢުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދަޢުވާ އެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދަޢުވާ ސާބިތުވެފައެއް ނުވެއެވެ.

މިމައްސަލައިގައި އިތުރު ތަރިންތަކެއްގެ މައްޗަށް ވެސް ދަޢުވާ އުފުލިއެވެ. ނަމަވެސް ސަލްމާން ފިޔަވައި އެހެން މީހެއްގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމަށް މިއަދު ކޯޓުން ވަނީ ނިންމާފައެވެ.