އިނގިރޭސި ވިލާތުގައި އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކު ލެންސް އަޅައިގެން މޫދަށް ގޮސް އުޅެނިކޮށް ޖެހި ރާޅެއްގެ ސަބަބުން ލޯފަން ވެއްޖެއެވެ.

އެކައުންޓަންޓަކަށް ވުމަށްޓަކައި ކިޔަވަމުން އައި އައިކޯ މުރޭ ނަމަކަށް ކިޔާ އެ ކުއްޖާ މޫދަށް ދިޔައީ އާއިލާ އާއި އެކު ޗުއްޓީ ހޭދަކޮށްލުމުގެ ގޮތުންނެވެ. ލެންސް އަޅައިގެން މޫދަށް ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ނަމަވެސް، އައިކޯ މޫދަށް އެރުނު އިރުވެސް އޭނާގެ ލޮލުން ލެންސް ނަގާފައެއް ނުވެއެވެ. އައިކޯ މޫދަށް އެރި އުޅުނު ވަގުތު ޖެހި ބޮޑު ރާޅެއްގެ ލޮނުގަނޑު އޭނާގެ ލޮލަށް ވަނުމުން އޭނާ އެކަން މާ ބޮޑު ކަމެއްގެ ގޮތުގައެއް ނުދެކެއެވެ.

ލޮލުގެ ފެނުން ގެއްލުނު އައިކޯ

ނަމަވެސް، ލޯ ހިރުވައި، ރަތް ވާން ފެށުމަށްފަހު ދުވަސްކޮޅެއް ފަހުން އައިކޯ ލޮލަށް ވަރަށް ބޮޑަށް ތަދުވި ކަމަށް އޭނާ ބުނެފައިވެއެވެ. އައިކޯ ބުނާގޮތުން ތަދުވާ ގަޑީގައި ހީވަނީ ދަގަނޑު ގަނޑެއް އޭނާގެ ލޯތެރެއަށް ހަރާލާހެންނެވެ.

ޑޮކްޓަރުން އައިކޯ އަށް ވަރަށް ސީރިއަސް ކަމާއި އެކު ފަރުވާން ދޭން ފެށުމުން އޭނާ ޖެހުނީ ވަޒީފާ އާއި ކްލާހަށް ދިއުންވެސް މެދުކަނޑާލާށެވެ. އޭރު އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން ދަށްވަމުން ދިޔައިރު، އެއް ދުވަހު ހެނދުނު އޭނާ ނިދައި ހޭލުމަށް ފަހު އުޅެން ޖެހުނީ އެއްވެސް ތަނެއް ނުފެންނާތީއެވެ. ޑޮކްޓަރުން އޭނާގެ ލޮލުގެ ފެނުން އިޔާދަ ނުކުރެވޭނޭ ކަމަށް ބުނި ނަމަވެސް އައިކޯގެ އާއިލާ އިން ދަނީ އިތުރު ޑޮކްޓަރުންގެ ލަފާ ހޯދައި އައިކޯގެ ފެނުން އިޔާދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އައިކޯ މޫދަށް ދިޔައިރު އަޅައިގެން ހުރި ލެންސް

ދާދި ފަހުން އައިކޯގެ ސިއްހީ ހަރަދުތައް ކުރުމަށް ފަންޑެއް ހުޅުވާފައި ވާއިރު، އެތައް ބަޔަކު އަންނަނީ އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ. މިއީ އިބުރަތެއް ކަމުގައި ބަލައި ލެންސް އަޅައިގެން އުޅޭ މީހުން މިފަދަ ކަންކަމާއި މެދު ބޮޑަށް ރައްކާތެރިވާށެވެ.