ފޭސްބުކްގައި ބަޔަކު ކުރި ސަމާސާއެއް ވިހަވެ، އެމީހުންގެ މެދުައި ޒުވާބުކޮށް، އެންމެ ފަހުން ބަޑި ހިފައިގެން އެއިން އެކެއްގެ ގެއަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ އުމުރުން ތިން އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

މިހާދިސާ ހިނގީ ބަޑި ޖެހުމުގެ ހާދިސާތައް ހިނގުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އެމެރިކާގައެވެ.

ފުލުހުން ބުނާ ގޮތުގައި ފޭސްބުކްގައި ސަމާސާ ކުރީ އުމުރުން 26 އަހަރުގެ މާޓިން އިވެނެސް އާއި އޭނާގެ ލޯބިވެރިޔާ އުމުރުން 27 އަހަރުގެ ބްރިތަކީ ކިންގްސްޓަން އެވެ. އެސަމާސާގެ ތެރެއަށް ފަހުން ވަނީ އިވެނެސްގެ ކުރީގެ ލޯބިވެރިޔާ އޭޝްލީ ބްރައުން އާއި އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރޮބިންސަން އެވެ. ރޮބިންސަން އަކީ މަރުވި ތިން އަހަރުގެ ކުއްޖާ ކަމަށްވާ ލީވިއާގެ މަންމަ އެވެ.

ފޭސްބުކްގައި އެމީހުން އެކަކު އަނެކަކާއި ޒުވާބު ކޮށްފައި ވަނިކޮށް އިވެނެސް އާއި ކިންގްސްޓަން އަދި އިތުރު ފިރިހެނެއް ކަމަށްވާ ރުސެލް ވަނީ ބަޑި ހިފައިގެން ރޮބިންސަންގެ ގެއަށް ވަދެފައެވެ. އެގެއަށް ވަދެ އެމީހުން ރޮބިންސަން އާއި ޒުވާބުކޮށް އެންމެ ފަހުން ބަޑި ޖަހާ ރޮބިންސަންގެ ތިން އަހަރުގެ ދަރިފުޅު ވަނީ މަރާލާފައެވެ.

ކުޑަ ކުއްޖާ އަށް މިހަމަލާ ދިންތާ އިރުކޮޅެއްގެ ތެރޭގައި އެކަމުގައި ބައިވެރިވި އިވެނެސް އާއި ކިންގްސްޓަން އަދި ރުސެލް ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖާ އަށް ހަމަލާ ދިނީ އިވެނެސް ކަމަށް އޭނާ ވަނީ ފުލުހުންގެ ތަޙްޤީޤުގައި އެއްބަސްވެފައެވެ. ކުއްޖާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރި ބަޑި ރަޖިސްޓްރީ ކޮށްފައި އޮތީ ރުސެލްގެ ނަމުގައެވެ. މިހާރު ތިން މީހުންގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

މިހާދިސާ ހިނގުމުގެ އަސްލަކީ ފޭސްބުކްގައި ކުރި ޒުވާބެއް ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މަރުވި ކުއްޖާގެ އާއިލާ އަށް އެހީތެރިވުމުގެ ގޮތުން މިހާރު ވަނީ އޮންލައިން ފަންޑެއް ހުޅުވާފައެވެ. އެފަންޑަށް ގިނަ އަދަދެއްގެ މީހުން ދަނީ ފައިސާ ހަދިޔާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ސިވިލައިޒްޑް އެމެރިކާ