އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގެ އެންމެ ބިޔަ ގުރަހަ (ޕްލެނެޓް) ޖުޕިޓާ (މުޝްތަރީ) އަށް ފޮނުވާލި ޖޫނޯ ނަމަކަށްކިޔާ ޖައްވީ އުޅަނދުން ދާދިފަހުން ނަގާފައިވާ އެ ގުރަހައިގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެގޮތުން އާންމުކޮށް ނަގާފައިވާ އެ ގުރަހައިގެ ފޮޓޯތަކާއި ޚިލާފަށް އެ ފޮޓޯއިން މުޝްތަރީގެ ބޯ ވިލާތަކުގެ މެދުން ކަޅު ހޮހޮޅައެއްގޮތަށް ސިފަވާ އެއްޗެއް އެ ފޮޓޯއިން ފެނިގެން ގިނަ ބަޔަކު އެކަމާއި ސުވާލު އުފައްދާފައި ވެއެވެ.

މި މަހުގެ ކުރީކޮޅު، މުޝްތަރީގެ ބިޔަ ވިލާގަނޑުތަކާއި 8000 ކިލޯމީޓަރު ދުރުން، ޖައްވީ އުޅަނދު ޖޫނޯގެ ބާރުގަދަ ކެމެރާއެއް މެދުވެރިކޮށް ނަގާފައިވާ ފޮޓޯއިން ފެނުނީ ކޮން އެއްޗެއްކަން ނޭނގިގެން ގިނަ ބަޔަކު ވާހަކަ ދައްކަމުން ދިޔައިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ޖުޕިޓާގައި ފޮރުވިފައިވީ "ކަޅު ހޮހޮޅ" (ބްލެކް ހޯލް) އެއް ކަމަށެވެ.

އާންމު ގޮތެއްގައި މިފަދަ ކަޅު ހޮހޮޅަ ހުންނަނީ ކައުނުގެ ތެރެއިން ހުސް ހިސާބުތަކުގައި ކަމަށްވާއިރު، މިފަދަ ހޮހޮޅައަކީ މުޅި ގުރަހައެއް "ދިރުވާލެވޭ" ފަދަ ގޮތްނޭނގޭ ބާރުތަކެއް ލިބިފައިވާ އެއްޗެއް ކަމަށް ޤަބޫލުކުރެވިފައި ވެއެވެ. މި ނިޒާމުގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރާ މިންވަރަކުން ޖަވާބެއް ނުލިބޭ އާ ސުވާލުތައް އިތުރުވަމުންދާއިރު ކައުނުގެ އެކި ކަންކޮޅުތަކުގައި މިފަދަ ހޮހޮޅަތައް ވެއެވެ.

މުޝްތަރީއިން މިމަހުގެ ކުރީކޮޅު ފެނުނީ އެފަދަ ކަޅު ހޮހޮޅައެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ދަނޑިވަޅެއްގައި ނާސާއިން މިވަނީ އެކަމުގެ ހަޤީޤަތް ހާމަކޮށްދީފައެވެ. މި ކަން ހިނގާފައިވަނީ މި ގުރަހައަށް ހަނދުކޭތަހިފި ވަގުތެއްގައި ކަމުން އެއީ ހަނދުން ގުރަހައަށް އެޅިފައިހުރި ހިޔަންޏެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. މި ހިޔަނި އެޅިފައި ވަނީ މުޝްތަރީގެ 79 ހަނދުގެ ތެރެއިން، ދުނިޔޭގެ ހަނދާއި ގާތްގަނޑަކަށް އެއް ބޮޑުމިނެއްގެ ހަނދަކުންނެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި ކަޅު ހޮހޮޅައެއްގޮތަށް ސިފަވާ ހިޔަންޏެއް ހަނދުކޭތަ ހިފިވަގުތު މުޝްތަރީއިން ފެނުނީ، ދުނިޔެ އާއި އަޅާ ބަލާއިރު އެ ގުރަހައިގެ ބިޔަކަމުންނެވެ. އެހެންކަމުން މިއީ ވަކި އިތުރު ކަމެއް ގުރަހައިގައި ދިމާވެހެން ހިނގައިދޔަ ކަމެއް ނޫންކަމަށް އެފަރާތްތަކުން ޔަޤީންކޮށްދީފައި ވެއެވެ.

މި މަހުގެ ކުރީކޮޅު މުޝްތަރީގައި ހަނދުކޭތަ ހިފި ހަނދަށް ދީފައިވާ ނަމަކީ "ލޯ" އެވެ. މި ދުނިޔޭގެ ހަނދާއި ދާދި އެއް ސިފަތަކެއް ލިބިފައިވާ މި ހަނދުގައި އަލިފާން ފަރުބަދައެއް ގޮވަން ތައްޔާރުވެފައިވާ ކަމަށް މިދިޔަ ހަފްތާގައި ސައިންސްވެރިން ބުނެފައި ވެއެވެ. ހަނދުގައި އަލިފާން ފަރުބަދަ ގޮވުމަކީ ދުނިޔެއަށް އާކަމެއް ނަމަވެސް ކައުނުގެ އެކި ގުރަހަތަކުގެ ވަށައިގެން ދައުރުވާ މިފަދަ ހަނދުތަކުގައި އާދަޔާއި ޚިލާފު އެތައް ކަމެއް ހިނގައެވެ.

އެގޮތުން މުޝްތަރީގެ ހަނދެއްގައި ދިރުންވެދާނެ ކަމެށް ބެލެވޭ ބައެއް ނިޝާންތައް ފެނިގެން ސައިންސްވެރިން ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުން ވެސް ދެއެވެ. "ޔޫރޮޕާ"ގެ ނަމުން ނަންދެވިފައިވާ މި ހަނދުގެ ބިންފަދަ ފަށަލައިގެ އަޑީގައި ފޮރުވިފައިވާ ބިޔަ ކަނޑެއްވާ ކަމަށާއި، އެ ކަނޑުގެ އަޑީގައި އާދަޔާއި ޚިލާފު ދިރުމެއް ނުވަތަ އޭލިއަނުން އުޅެދާނެ ކަމަށް ސައިންސްވެރިންގެ ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހުރަބު

    ޖާހިލުންނާ މިކަހަލަ މައުލޫމާތު ހިއްސާ ނުކޮށްބަލަ

    8
    2
  2. Anonymous

    އިރުކޭތަނަމަތާ. ހަދުކޭތަ ހިފީމަ ކޮން ހިޔަންޏެއް؟

    4
    1