ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ބޮޑު ގުރަހަ މުޝްތަރީ (ޖުޕިޓާ) 59 އަހަރު ތެރޭގައި ދުނިޔެއާ އެންމެ ކައިރިން ފެންނާނީ މިމަހުގެ 29 ވަނަ ދުުވަހު ކަމަށް ނާސާއިން ހާމަކޮށްފިއެވެ.

ނާސާއިން ބުނީ ޖުޕިޓާ ދުނިޔެއާ ކައިރިވާ ވަގުތު އެންމެ ކައިރި ޕޮއިންޓުން 367 މިލިއަން މޭލަށް ކައިރިވާނެ ކަމަށާއި، އެވަގުތު ދުނިޔެއަށް ޖުޕިޓާ ރީތިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ޖުޕިޓާ ފެންނާނީ އެ ދުވަހުގެ އިރު އޮއްސޭ ވަގުތު ކަމަށާއި، 45 މިނެޓަށް ދުނިޔެއާ ކައިރިން ޖުޕިޓާ ފެންނާނެ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ.

އެއްވެސް ޓެލެސްކޯޕަކާ ނުލާ ހަމަ ލޮލަށް ޖުޕިޓާ ބޮޑު ތަރިއެއްގެ ގޮތަށް ފެންނަން ހުއްޓަސް ޓެލެެސްކޯޕަކާއި އެކު ވަރަށް ރީތިކޮށް ޖުޕިޓާ ފެންނާނެ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ،

"ރަނގަޅު ޓެލެސްކޯޕަކާ އެކު ޖުޕިޓާގެ ވަށައިގެންވާ ރޮނގު ކޮންމެެވެސް ވަރަކަށް ފެންނާނެ. އަދި ޖުޕިޓާގެ ވަށައިގެންވާ ހަނދުތަކުގެ ތެރެއިން ތިނެއް ނުވަތަ ހަތަރު ހަނދުވެސް ޓެލެސްކޯޕެއްގެ އެހީގައި ކޮންމެވެސް ވަރަކަށް ފެންނާނެ" ނާސާގެ ރިސާޗް އެސްޓްރޮފިޒިސިސްޓް އެޑަމް ކޮބެލްސްކީ ވަނީ ވިދާޅުވެފައެވެ.

ހަތަރު އިންޗި ނުވަތަ އެއަށްވުރެ ބޮޑު ޓެލެސްކޯޕަކުންް ޖުޕިޓާގެ "ގްރޭޓް ރެޑް ސްޕޮޓް"ވެސް ފެންނާނެ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިގޮތަށް ކައިރިން ޖުޕިޓާ ހަތަރު ދުވަހަށް ފެންނާނެ ކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ދުވަސްތަކުގައި އުޑުމަތިން ފެންނަ އެންމެ އަލިގަދަ ތަރިއަކަށް ވާނީ ޖުޕިޓާ ކަމަށް ނާސާއިން ބުނެއެވެ.