އިންޑިއާގައި އަލަތު ކައިވެނި ކުރި ދެމަފިރިއަކު ސެލްފީ ނަގަންވެގެން ވަޅެއްގެ ކައިރީގައި ތިއްބާ އަނބިމީހާ ކައްސާލައިގެން ވަޅަށް ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާގައި އަންހެން މީހާގެ އާއިލާގެ އިތުރު 3 މީހަކުވެސް ވަނީ މަރުވެފައެވެ.

އެ ހާދިސާ ހިނގާފައިވަނީ 25 އަހަރުގެ ޕެރުމަލަސާމީ އާއި 20 އަހަރުގެ ނިވޭދާ، އެމީހުންގެ އަލަތު ކައިވެންޏަށް ފަހު އާއިލާގެ ބައެއް މީހުން ގޮވައިގެން ޓަމިލްނާޑޫ އަށް ގޮސް އުޅެނިކޮށެވެ. އެ ސްޓޭޓްގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، 'ޕަމްބާރ' ވަޅު ކައިރީގައި އެމީހުން ސެލްފީ އެއް ނަގަނިކޮށް އެންމެ ފުރަތަމަ ކައްސާލައިގެން ވެއްޓުނީ ނިވޭދާގެ 14 އަހަރުގެ ކޮއްކޮ، ސަންތޯޝްއެވެ. އޭނާ ކައްސާލި ގަޑީގައި އާއިލާގެ ބާކީ ތިބި 5 މީހުންވެސް ވަނީ ވަޅަށް ވެއްޓިފައެވެ.

ވަޅަށް ވެއްޓުމުގެ ސަބަބުން މަރުވެފައިވަނީ ނިވޭދާ އާއި އޭނާގެ 3 ކޮއްކޮއިންނެވެ. އެއީ 14 އަހަރުގެ ސަންތޯޝްގެ އިތުރުން 20 އަހަރުގެ ކަންނިގާ އާއި 22 އަހަރުގެ ސްނޭހާ އެވެ. ނިވޭދާގެ ފިރިމީހާ މި ހާދިސާގައި ސަލާމަތްވިއިރު، އޭނާ ވަނީ އޭނާގެ 15 އަހަރުގެ ކޮއްކޮ، ޔުވްރާނީ ސަލާމަތްކޮށްދީފައެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ މައްސަލަ އާއި ގުޅިގެން ނުރައްކާތެރި ތަންތަނުގައި ސެލްފީ ނުނެގޭ ގޮތަށް ޤަވާއިދުތައް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.

2018 ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުން ދުނިޔޭގައި އެންމެ ގިނަ 'ސެލްފީ މަރު' ރިކޯޑް ކުރެވިފައިވަނީ އިންޑިއާގައެވެ. 2011 އިން ފެށިގެން މުޅި ދުނިޔެއިން ސެލްފީ ނަގަނިކޮށް 259 މީހުން މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އިންޑިއާގެ 159 މީހުން ސެލްފީ ނަގަނިކޮށް މަރުވެފައިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރުބެ

    ތީ ވަޅެއް ނޫން. ތި ތަނައް ކިޔަނީ ޑޭމް. ކޯރުގެ ފެންގަނޑުން ކަރަންޓު އުފައްދާ ސަރަހައްދެއް..

    11